Roadha Mihaaru
ކައުންސިލަށް ޑިޕްލޮމޭޓުންނާ ބައްދަލުކުރެވޭނީ ހުއްދައާއެކު

ހުއްދަ ނެތި ކައުންސިލްތަކުން، ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލުކުރުން މަނާ

11 ޑިސެމްބަރ 2017

ހާއްސަ ހުއްދައަކާ އެކުގައި ނޫނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރުން، ލޯކަލް ކައުންސިލް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު މަނާކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހާއްސަ ހުއްދައަކާ އެކުގައި ނޫނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރުން، ލޯކަލް ކައުންސިލް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު މަނާކޮށްފި އެވެ.

ކައުންސިލްތަކުގެ ބެލެނިވެރިޔާ، އެލްޖީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ފަދަ ފަރާތްތަކާ ކައުންސިލްތަކުން ބައްދަލުކޮށް، މުއާމަލާތު ކުރާ ނަމަ ރާއްޖޭގެ ގާނޫނުއަސާސީގައި ބުނެފައިވާ ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލި، ރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތަށް ބުރޫއަރާނެ ކަމަށެވެ. އަދި ރާއްޖޭން ތަސްދީގު ކޮށްފައިވާ ބައެއް މުއާހަދާތަކާއި އެއްބަސްވުންތަކާ ފުށޫއެރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައި ވެ އެވެ.

"އެހެންކަމުން އެއްވެސް ހާލަތެއްގައި ލޯކަލް ކައުންސިލްތަކުން ބޭރުގެ އެކި ދައުލަތްތަކާއި ޖަމާއަތްތައް ނުވަތަ އެ ފަރާތްތައް ތަމްސީލުކުރާ ފަރާތްތަކާ މުއާމަލާތުކޮށް ބައްދަލުކުރަން ވާނީ އެލްޖީއޭ އަށް ލިޔުމުން ހުށަހެޅުމަށް ފަހު، އެ އޮތޯރިޓީން ހޯމް މިނިސްޓްރީން ހުށަހެޅުމަށް ފަހު އެތަނުން ދޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ." އެލްޖީއޭގެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.

އެލްޖީއޭން ވަނީ މި އުސޫލާ ހިލާފަށް އަމަލު ކުރާ ކައުންސިލްތަކާ މެދު ފިޔަވަޅު އަޅަން ވެސް ނިންމާފަ އެވެ.

އެލްޖީއޭން މި ފަދަ އުސޫލެއް ނެރުނު އިރު، އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވަނީ ގދ. ތިނަދު އަށް ވަޑައިގެންފަ އެވެ. އަދި އިންޑިއާގެ އެމްބެސެޑަރު އަކިލޭޝް މިޝްރާ ގއ. އަތޮޅަށް ވަޑައިގެން އެ އަތޮޅުގެ ބައެއް ކައުންސިލަރުންނާ ބައްދަލު ކުރެއްވި އެވެ.