Roadha Mihaaru
އިހަަވަންދޫ ކައުންސިލް މެމްބަރުން 3 މަހަށް ސަސްޕެންޑް

އިހަަވަންދޫ ކައުންސިލް މެމްބަރުން ތިން މަހަށް ސަސްޕެންޑް ކޮށްފި

31 މެއި 2018

ހއ. އިހަވަންދޫ ކައުންސިލްގެ ހުރިހާ މެމްބަރުން ތިން މަސް ދުވަހަށް، ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ސަސްޕެންޑް ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހއ. އިހަވަންދޫ ކައުންސިލްގެ ހުރިހާ މެމްބަރުން ތިން މަސް ދުވަހަށް، ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ސަސްޕެންޑް ކޮށްފި އެވެ.

އެލްޖީއޭ އިން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ، އިހަވަންދޫ ފަސް ކައުންސިލަރުން ސަސްޕެންޑުކުރީ އެ ބޭފުޅުންނާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ބެލުމަށް ފަހު ކަމަށެވެ. އެގޮތުން ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމުގައި އިހުމާލުވުން ފަދަ ކަންތައްތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ އެ ފަސް މެމްބަރުން ސަސްޕެންޑްކުރީ މުސާރަ ނުލިބޭ ގޮތަށެވެ.

އޭނާ ވިދާޅުވީ، މަސައްކަތެއް ކުރުމަށް އެ ރަށަށް ދިޔަ ހައުސިން މިނިސްޓްރީގެ ޓީމަށް ވެސް އިހަވަންދޫ ކައުންސިލަރުން ހުރަސްއަޅާފައިވާ ކަމަށެވެ. އެ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅައި އެ މައްސަލަ ތަހުގީގުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ތަކުރާރުކޮށް ރައްޔިތުންނަށާއި ސަރުކާރަށް ޖެއްސުން ކުރުމާއި ގާނޫނުތަކާ ހިލާފަށް މަސައްކަތް ކުރަމުން ދިޔައީ. ވަރަށް ބޮޑަށް ވާހަކަދެކެވި އެ މެމްބަރުން ސަސްޕެންޑް ކުރަން ނިންމީ،" އެލްޖީއޭގެ އޮފިޝަލް ވިދާޅުވި އެވެ.

މިއީ އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑްކުރި ދެ ވަނަ ފަހަރެވެ. އެ މެމްބަރުން މިދިޔަ ޑިސެމްބަރު މަހު ސަސްޕެންޑްކުރީ، އެ ރަށުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެންނެވެ. އޭރު ވެސް ސަސްޕެންޑްކުރީ ތިން މަހަށެވެ.

އެލްޖީއޭ އިން މިހާރު ވަނީ، އެ ރަށު ކައުންސިލަރުން ތިން ވަނަ ފަހަރަށް ސަސްޕެންޑުކުރަން ޖެހިއްޖެނަމަ އެ ކައުންސިލް އުވާލަން ހައި ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.