Roadha Mihaaru

ހައްޔަރުކުރި މަސްވެރިން ދޫކޮށްލަން ނަޝީދު ގޮވާލައްވައިފި

ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑްކޮށް، ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

ހައްޔަރުކުރި މަސްވެރިން ދޫކޮށްލަން ނަޝީދު ގޮވާލައްވައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

14 ޑިސެމްބަރ 2025

ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑްކޮށް، ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ކުރި އިހުތިޖާޖު ބުރާސްފަތި ދުވަހުގެ މެންދުރުފަހު ފުލުހުން ރޫޅާލައި ބައެއް މީހުން ބަންދުކުރި އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭގެ ތެރެއިން ތިން މީހަކު ތަހުގީގުގެ ބޭނުމަށް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.

އޭގެ ތެރޭގައި އިހްތިޖާޖުގައި އިސްކޮށް އުޅުއްވި ކެންދޫ ދާއިރާގެ މެމްބަރު އަދި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު މައުރޫފް ވެސް ހިމެނެ އެވެ. ނަމަވެސް މައުރޫފް އިއްޔެ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައުރޫފާއި މަސްވެރިން ހައްޔަރުކުރީ ސުލްހަވެރިކަމާއެކީ އަޑުއުފުލަން ތިއްބައި ކަމަށެވެ. އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖު އިިންތިޒާމުކުރި ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާ އިން ބުނީ، ފުލުހުން ބައެއް ދޯނިތަކަށް އަރައި އިހުތިޖާޖު ރޫޅާލީ ސުލްހަވެރިކޮށް މަސްވެރިން ތިއްބައި ކަމަށެވެ. އަދި އެއީ ސުލްހަވެރި އިހުތިޖާޖެއް ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ފުލުހުން ބުނީ، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް އިހުތިޖާޖުގެ ބައިވެރިން ހުރަސްއެޅި ކަމަށާއި ފުލުހުންގެ ނަސޭހަތަށް ވެސް އިޖާބަ ނުދިން ކަމަށެވެ. އުޅަނދުފަހަރަށް ހުރަސް އަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.