Roadha Mihaaru
ގިބްތީންގެ ޗުއްޓީއަށް ސަލާމަތީ ކަންތައް ވަރުގަދަ ކުރަނީ

ގިބްތީންގެ ޗުއްޓީ އަށް މިސްރުގެ ސަލާމަތީ ކަންތައް ވަރުގަދަ ކުރަނީ

18 ޑިސެމްބަރ 2017

މި މަހުގެ ފަހުކޮޅުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ފާހަގަ ކުރާ މިސްރުގެ ގިބްތީން (އޮރްތޯޑޮކްސް ކްރިސްޓިއަނުން)ގެ އަހަރީ ޗުއްޓީއާ ދިމާކޮށް، ޓެރަރިސްޓުން ހަމަލާއެއް ދީފާނެ ކަމަށްޓަކައި އިއްޔެ އިން ފެށިގެން މިސްރުގައި ސަލާމަތީ ކަންތައް ވަރުގަދަ ކޮށްފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

މި މަހުގެ ފަހުކޮޅުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ފާހަގަ ކުރާ މިސްރުގެ ގިބްތީން (އޮރްތޯޑޮކްސް ކްރިސްޓިއަނުން)ގެ އަހަރީ ޗުއްޓީއާ ދިމާކޮށް، ޓެރަރިސްޓުން ހަމަލާއެއް ދީފާނެ ކަމަށްޓަކައި އިއްޔެ އިން ފެށިގެން މިސްރުގައި ސަލާމަތީ ކަންތައް ވަރުގަދަ ކޮށްފި އެވެ.

މިސްރުގެ ދާޚިލީ ވުޒާރާ އިން ބުނި ގޮތުގައި ގިބްތީންގެ ދީނީ އީދު ދުވަސް ފާހަގަކުރުމާ ދިމާކޮށް ގިބްތީންގެ ފައްޅިތަކަށް ޓެރަރިސްޓުން ހަމަލާ ދިނުމުގެ ނުރައްކާ އަބަދު ވެސް އޮވެ އެވެ. އެހެންވެ، ސައިނާ ސަރަހައްދުން މިސްރުގެ އެހެން ސަހަރުތަކަށް ޓެރަރިސްޓުން ހިނގައިދާނެތީ، ސަލާމަތީ ކަންތައް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައިވާ ކަމަށް ދާޚިލިއްޔާ އިން ބުނެ އެވެ.

މިސްރުގެ ދާޚިލީ ވަޒީރު މަޖްދީ އަބްދުލްޣައްފާރު ވިދާޅުވި ގޮތުގައި ސައިނާގައި އުޅޭ ޓެރަރިސްޓު ހަނގުރާމަވެރިންނާ ދެކޮޅަށް މިސްރުގެ ސަލާމަތީ ބާރުތަކުން ފަށާފައިވާ ހަރަކާތްތަކުގެ ސަބަބުން، ސައިނާ އިން ފިލައިގެން މިސްރުގެ އެހެން ތަންތަނަށް ދިއުމަށް ޓެރަރިސްޓުން ވަރަށް ބޮޑަށް މަސައްކަތް ކުރެ އެވެ. ޓެރަރިސްޓުންގެ ހަރަކާތްތައް މިސްރުގައި އެންމެ ބޮޑީ ސައިނާގެ އުތުރު ކޮޅުގައި ކަމަށް ދާޚިލީ ވުޒާރާ އިން ބުނެ އެވެ.

މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި މިސްރުގެ ތަންތާގައި ގިބްތީންގެ ފައްޅިއަކަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންތައް އެ ފައްޅިން ނެރެނީ. ސީއެންއެން

މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި މިސްރުގެ ތަންތާގައި ގިބްތީންގެ ފައްޅިއަކަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންތައް އެ ފައްޅިން ނެރެނީ. ސީއެންއެން

ސަލާމަތީ ކަންތައް ވަރުގަދަ ކުރުމުގެ ގޮތުން، މިސްރުގެ ފުލުހުން މިހާރު ދަނީ މައިދާންތަކާއި މަގުތަކަށް ނުކުމެ މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކުގައި ފޯރިމަރަމުންނެވެ. އަދި ވަކިން ހާއްސަކޮށް ގިބްތީ ފައްޅިތައް ހުންނަ ސަރަހައްދުތަކާއި ގިބްތީން އެންމެ ގިނަ ސަރަހައްދުތަކުގެ ސަލާމަތީ ކަންތައް ވަނީ ވަރުގަދަ ކޮށްފަ އެވެ.

މިދިޔަ އަހަރު ވެސް ގިބްތީންގެ ޗުއްޓީ ދުވަސްތައް ފެށެން ކުޑަތަންވެފައި ވަނިކޮށް، ޑިސެމްބަރު 11 ވަނަ ދުވަހު ގިބްތީންގެ ފައްޅިއެއްގެ ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައި 29 މީހުން މަރައިލި އެވެ. އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން ދިން ކަމަށް ބުނާ އެ ހަމަލާއާ ގުޅިގެން ސަލާމަތީ ކަންތައް ވަރުގަދަ ކޮށްފައި ވަނިކޮށް، މިއަހަރުގެ އެޕްރީލް 9 ވަނަ ދުވަހު ވެސް މިސްރުގެ އުތުރުގައިވާ ދެ ފައްޅިއަކަށް ބޮމުގެ ހަމަލާއެއް ދީ އެތައް ބަޔަކު މަރައިލި އެވެ.

ހުސްވި ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު މިސްރުގެ އަރީޝްގެ މަސްޖިދުއް ރައުޟާ އަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ހަށިގަނޑުތައް މިސްކިތުގެ ތެރޭގައި އަތުރާފައި. --އޭއެފްޕީ

ހުސްވި ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު މިސްރުގެ އަރީޝްގެ މަސްޖިދުއް ރައުޟާ އަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ހަށިގަނޑުތައް މިސްކިތުގެ ތެރޭގައި އަތުރާފައި. --އޭއެފްޕީ

ހުސްވި ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ސައިނާގެ މިސްކިތެއްގައި ހުކުރުގެ ޖަމާއަތް ނިމުނުތަނާ ދިން ޓެރަރިސްޓު ހަމަލާގައި 305 މީހުން މަރުވެ އިތުރު 128 މީހަކު ޒަޚަމްވި އެވެ. މިއީ މިސްރުގައި މިހާތަނަށް ދިން ލޭއޮހޮރުވުން އެންމެ ބޮޑު ޓެރަރިސްޓު ހަމަލާ އެވެ.

ގިބްތީން ނުވަތަ ކްރިސްޓިއަނުންގެ އޮރްތޯޑޮކްސް މަޒްހަބުގެ މީހުން، ކެތޮލިކް ކްރިސްޓިއަނުންނާ ޚިލާފަށް ކްރިސްމަސް ދުވަސް ފާހަގަ ކުރާނީ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު އެވެ. ނަމަވެސް ކެތޮލިކުންގެ ކްރިމަސް ދުވަހާ އެކު ޑިސެމްބަރު 25 ވަނަ ދުވަހުން ފެށިގެން ގިބްތީން ވެސް ގުނަމުން ދާނީ އުފާ ފާޅުކުރުމުގެ ދުވަސްތަކެކެވެ.