Roadha Mihaaru
ބެޓެރި ސައިކަލް ގިނަވެ ވިލިމާލޭގެ ހިތްގައިމުކަން ނެތެނީ

ބެޓެރި ސައިކަލް ގިނަވެ، ވިލިމާލޭގެ ހިތްގައިމުކަން ނެތެނީ!

23 ޑިސެމްބަރ 2017

ވިލިމާލޭގައި ހުންނަ ފެރީ ޓާމިނަލުން ނުކުމެގެން ރަށު ތެރެއަށް ފައި ބީއްސާލުމާ އެކު ފެނުނީ މީގެ އަހަރެއްހާ ދުވަސް ކުރިން އެ ރަށަށް ޒިޔާރަތް ކުރިއިރު ނުފެނުނު މަންޒަރެކެވެ. ފެރީ ޓާމިނަލް ކައިރީގައި ބަރިބަރިއަށް އަތުރާލާފައި ހުރީ ބެޓެރީ ސައިކަލުތަކެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވިލިމާލޭގައި ހުންނަ ފެރީ ޓާމިނަލުން ނުކުމެގެން ރަށު ތެރެއަށް ފައި ބީއްސާލުމާ އެކު ފެނުނީ މީގެ އަހަރެއްހާ ދުވަސް ކުރިން އެ ރަށަށް ޒިޔާރަތް ކުރިއިރު ނުފެނުނު މަންޒަރެކެވެ. ފެރީ ޓާމިނަލް ކައިރީގައި ބަރިބަރިއަށް އަތުރާލާފައި ހުރީ ބެޓެރީ ސައިކަލުތަކެވެ.

އެކި ފާޑުފާޑުގެ ސާޅީހަކަށް ސައިކަލް ޕާކްކޮށްފައި ހުއްޓެވެ. މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ ބެޓެރީ ސައިކަލް އެ އަވަށަށް އިތުރުވުމުން ހަމަ އަޖައިބުވެ، އަންތަރީސްވި އެވެ. މިއީ ސައިކަލް ކަހަލަ ދުއްވާ އެއްޗެހި ބޭނުންކުރުން މަނާ ރަށެކެވެ. ހިނގާބިނގާވެ އުޅެން ނުވަތަ ބައިސްކަލް ދުއްވަން ހާއްސަ މާހައުލެކެވެ.

"މިއީ ކޮން ބައެއްގެ އެއްޗެހިތަކެއްތަ؟ މިއަށް އަރައިގެން ދުއްވާލެވޭނެ ގޮތެއް އެބަ އޮތްތަ؟" ފެރީން ފައިބައިގެން ދިޔަ މީހަކު ޕާކްކޮށްފައި ހުރި ސައިކަލްތަކަށް އިޝާރާތްކޮށް ސުވާލުކޮށްލި އެވެ. އަދި ޖަވާބުގައި އެހެން މީހަކު ބުނީ "އެއީ މީސްމީހުންގެ ސައިކަލްތައް" ކަމަށެވެ.

ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ޕާކްކޮށްފައި ހުރި ބެޓްރީ ސައިކަލްތައް. ---ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ޕާކްކޮށްފައި ހުރި ބެޓްރީ ސައިކަލްތައް. ---ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

ރަށު ތެރެއަށް ވަދެގެން، ކޮޅުކޮޅަށް ހިނގަން ފެށުމުން ގަސް ގަހާގެއްސާއި މަގުތަކުގެ ރީތިކަމުން ހިތަށް ހިތްހަމަޖެހުން ލިބުނެވެ. ދޫނި ސޫފާއި ސޫތްޕާއި ކުޑަކުދިން ހެލިފެލިވެ، އުޅޭ ގޮތް ފެނުމުން އިހުސާސްވީ ރަށްފުށުގެ ހަރަކާތްތަކެވެ. ރަށުގެ ހިތްފަސޭހަކަމާއި އަމާންކަމެވެ.

އެކަމަކު ރަށުގެ ދެބައިކުޅަ އެއްބަޔަށް ނުދެވުނީސް، ދެން ފެނުނީ ޖެހިލުންވާ ވަރުގެ މަންޒަރެކެވެ. ކުރިން ސައިކަލް ކަހަލަ ވެހިކަލްތައް ދުއްވުން މަނާވެފައި އޮތް ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބެޓެރީ ސައިކަލްގައި އުޅޭ ތަނެވެ.

ދެ މީހަކު ބެޓްރީ ސައިކަލެއްގައި ވިލިމާލެ ފެރީ ޓާމިނަލާ ދިމާލަށް ދަނީ. ---ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

ދެ މީހަކު ބެޓްރީ ސައިކަލެއްގައި ވިލިމާލެ ފެރީ ޓާމިނަލާ ދިމާލަށް ދަނީ. ---ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

ބައެއް މީހުން ސައިކަލް ދުުއްވާ ގޮތުން، ހިނގައިބިނގާވެ އުޅޭ ގިނަ މީހުން ތިބެނީ "ފިއްކަނޑައިގެންދާ" ވަރުވެފަ އެވެ. ސައިކަލަކަށް ފަހު، ސައިކަލެއް މަގުތަކުގައި ދުއްވަމުން ދިޔައީ ވިލިމާލޭގެ އަސްލު މާހައުލު "ތަގައްޔަރުކުރަމުން"ނެވެ.

ވިލިމާލޭގައި ދިރިއުޅޭ ބައެއް މީހުންނާޢި ޒިޔާރަތްކުރާ މީހުންގެ ހިތްހަމަޖެހުމަށް ބެޓެރީ ސައިކަލް ހުރަސްއަޅައިފިކަން ޔަގީނެވެ. އެ ރަށުގައި އާދަޔާ ހިލާފަށް ބެޓްރީ ސައިކަލް ގިނަވުމާ ގުޅިގެން، ކުޑަކުދިން މަގުމައްޗަށް ދޫކޮށްލަން ބެލެނިވެރިން މިހާރު ތިބީ ޖެހިލުންވެފަ އެވެ.

ވިލިމާލޭގައި ތިމާވެއްޓާ ރަހުމަތްތެރި އުޅަނދުތައް ދުއްވުމަކުން މައްސަލައެއް ނެތެވެ. އެކަމަކު އާންމުންގެ ބޮޑު ޝަކުވާއަކީ އެ ބޭނުން ކުރަން ޖެހޭ ގޮތަށް، ހެދިފައި ހުންނަ ގަވާއިދުތަކާ އެއްގޮތަށް އެ އުޅަނދުތައް ނުދުއްވާތީ އެވެ.

ވިލިމާލޭގެ ރަށްވެއްސެއް ކަމަށް ވާ މުހައްމަދު މުނީރު ބުނި ގޮތުގައި ކުޑަކުދިން މަގުމަތީގައި ކުޅެ، ސަކަރާތް ޖެހުމުގެ ފުރުސަތު، ބެޓްރީ ސައިކަލްތަކުގެ ސަބަބުން މިހާރު ވަނީ ގެއްލިފަ އެވެ. އޭނާ ލަފާކުރާ ގޮތުގައި ވިލިމާލޭގައި 100 އަށް ވުރެ ގިނަ ބެޓްރީ ސައިކަލް މިހާރު ދުއްވަ އެވެ. އަދި ކޮންމެ ގެއެއްގައި ހެން، ބެޓްރީ ސައިކަލެއް މިހާރު ހުންނާނެ ކަމަށް ވެސް، އޭނާ ލަފާކުރެ އެވެ.

"ހިނގާފައި ފަސް މިނެޓުން ނުދެވޭ ގެއެއް ނުހުންނާނެ މި ރަށުގައި. އެކަމަކު މިހާރު ވަރަށް މަދުވާނެ، ބެޓްރީ ސައިކަލެއް ނުހުންނަ ގެތައް. ބައެއް ގޭގައި އެބަހުރި ދޭތި ތިނެތި،" މުނީރު ބުންޏެވެ.

ތިން އަންހެނަކު ވިލިމާލެ މަގެއް މަތިން ހިނގާފައި ދަނީ: ސައިކަލްތައް ގިނަވަމުން ދާތީ މިކަހަލަ މަންޒަރުތައް ދެން މަދުވެދާނެ ---ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

ތިން އަންހެނަކު ވިލިމާލެ މަގެއް މަތިން ހިނގާފައި ދަނީ: ސައިކަލްތައް ގިނަވަމުން ދާތީ މިކަހަލަ މަންޒަރުތައް ދެން މަދުވެދާނެ ---ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

ފުރޮޅުލީ ގޮނޑިއެއްގައި އިން މިރުޒާ މުނީރު ކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޝަކުވާތައް ވެސް ހުރީ އިންތިހާއަށް ބޮޑުވެފަ އެވެ. އޭނާ ބުނީ މަގުމަތީގައި ހަމަޖެހިލައިގެން އުޅެވިދާނެ ކަމަށް ކުރި އުންމީދު، އެ ސައިކަލްތަކުގެ ސަބަބުން ވިއްސިވިހާލި ވެފައިވާ ކަމަށެވެ.

"ފަސޭހަކަމާ އެކު އުޅެވެން އޮތް ރަށެއް މިއީ. އެކަމަކު މިހާރު އުނދަގޫ، ދަތިވޭ. ކިތަންމެ ފުޅާކޮށް މަގު ހަދާފައި ހުއްޓަސް، އެތަނެއް ނުފެންނާނެ ދުއްވާ އެއްޗެހި ގިނަވަންޏާ،" އެމްޓީސީސީގައި ވަޒީފާ އަދާކުރަމުން އަންނަ މިރުޒާ ބުންޏެވެ.

"ދުއްވާ އެއްޗެހި ގިނަ ކަމަށްވާ ނަމަ، މަގުތައް ހަނި ކަމަށް ދައްކާނީ. ޖާގަ ކުޑަވާނީ." \

އޭނާ ބުނި ގޮތުގައި ބެޓެރީ ސައިކަލުން، "ދުން ނޭރި" ކަމަށް ވިޔަސް، ސައިކަލްގެ ނުރައްކާ މާ ބޮޑެވެ. އެއީ އެ ވައްތަރުގެ ސައިކަލްގެ އަޑު މަޑުކަމުން، އޭގެ އެއްޗެއް އަންނަ ކަން ވެސް އެނގޭނީ ކައިރިވުމުން ކަމަށް ވާތީ އެވެ.

ބަގީއަކަށް އަރައިގެން ދެ މީހަކު، ފެރީ ޓާމިނަލާ ދިމާލަށް ދަނީ: ބަގީގެ ހިދުމަތް މިހާރަށް ވުރެ ފުޅާކުރުން މުހިންމު ---ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

ބަގީއަކަށް އަރައިގެން ދެ މީހަކު، ފެރީ ޓާމިނަލާ ދިމާލަށް ދަނީ: ބަގީގެ ހިދުމަތް މިހާރަށް ވުރެ ފުޅާކުރުން މުހިންމު ---ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

"ކުޑަކުދިން މަގުމަތީގައި އުޅޭއިރު، މުޑި ޖެހޭއިރު، މި އެނގެނީ އެއްޗެއް އުޅޭކަން. އަޑު ނާންނަ ނަމަ، ސަމާލުވާކަށް އެއްވެސް މީހަކަށް ނޭނގޭނެ. މިއީ ވަރަށް ބިރުވެރި ތަނެއް މިހާރު،" މިރުޒާ ބުންޏެވެ.

ބައެއް މީހުންގެ ނަޒަރުގައި މިކަމުގައި އޮތީ ދެ ހައްލެކެވެ. އެއީ ވިލިމާލެއަށް ބެޓެރީ ސައިކަލް އެތެރެކުރެވޭނެ އުސޫލެއް ހަދައި، ތަންފީޒު ކުރަން ފެށުމެވެ. ނޫނީ އެ ރަށުގައި ދެމުން އަންނަ ބަގީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ. އޭރުން، އެ ރަށަށް ބެޓެރީ ސައިކަލް އެތެރެކުރުން އެއްކޮށް ހުއްޓިގެން ދާނެ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

އާބާދުވިތާ 25 އަހަރު ވެފައިވާ ވިލިމާލޭގައި 400 އަށް ވުރެ ގިނަ ގެ ހުންނައިރު، 16،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެވެ އެވެ.

ވިލިމާލެ މަގެއް މަތިން ބަޔަކު ބެޓްރީ ސައިކަލެއްގައި ދަނީ. ---ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

ވިލިމާލެ މަގެއް މަތިން ބަޔަކު ބެޓްރީ ސައިކަލެއްގައި ދަނީ. ---ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

ރަށުގައި އެންމެ ފުރަތަމަ ދިރިއުޅެން ފެށި މީހުންގެ ތެރޭގައި ހިމެނޭ އަންހެނަކު ބުނީ ބަގީ އާއި ބެޓްރީ ސައިކަލް ދުއްވަން ވަކި ސްޕީޑެއް ދީފައި އޮތަސް، ބައެއް މީހުން ދުއްވަނީ އާދަޔާ ހިލާފު ބާރަށް ކަމަށެވެ. އެހެންކަމުން ކުރިން ގޮތަށް، ކުޑަކުދިން ހިތްއުފާކޮށްލަން މަގުމައްޗަށް ދޫކޮށްލެވެން ނެތް ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން ހަމަޖެހިލައިގެން ތަނެއްގައި ތިބެން ވެސް މިހާރު ބިރުގަންނަ ހިސާބަށް ބެޓްރީ ވެހިކަލްތައް ގިނަވުމުގެ ޝަކުވާ އޭނާގެ އެބަ އޮތެވެ.

"އަޑެއް ބަޑެއް ނީވޭ އެއްޗެއް މި ދުއްވަނީ. މަޑަކުން ނޫން އަންނަނީކީ. އެހެން އަންނައިރު، ކުއްލިއަކަށް މީހުންނަށް އެއް ފަރާތަކަށް ޖެހޭކަށް ނޭނގޭނެ،" އެ އަންހެންމީހާ ބުންޏެވެ.

"އަސްލު ވަރަށް ދެރަވޭ. އުނދަގޫ ވެސް ވޭ. އަނެއްކާ އެއްޗެހި ގިނަވުމަކީ އަޅުގަނޑުމެންނަށް ވާ ފައިދާއެއް ނޫން."

ވިލިމާލެއަކީ ނިސްބަތުން ކުޑަ ރަށެކެވެ. ބެޓެރީ ސައިކަލްތައް ގިނަވުމާ އެކު ރަށުގެ މާހައުލު މިހާރު މިވަނީ ބަދަލުވެފަ އެވެ. އިންޖީނު ލީ ދުއްވާ އެއްޗެހި އެ ރަށުގައި މަނާކުރީ ތިމާވެއްޓާ ރައްޓެހި، އަދި އާންމުންނަށް ރާއްޖޭގެ އެހެން ރަށަކުން ނުލިބޭނެ ހިތްހަމަޖެހުން ހޯދައިދިނުމަށެވެ. ވިލިމާލެއަށް އަރާފައި، ދުއްވާ އެއްޗެއް ނުލިބިގެން ކުރާނެ ޝަކުވާއެއް އޭރަކު ނެތެވެ. އެތަނުގައި އުޅެން ޖެހޭނީ ހިނގާފައިކަން އެންމެންނަށް ވެސް އެނގެ އެވެ.

އެކަމަކު އެ ހިތްހަމަޖެހުން މިހާރު މިވަނީ އެ ރަށުން އުނިވެފަ އެވެ. ކުރިން ނަމަ ދުއްވާ އެއްޗެއްގެ އެކްސިޑެންޓެއް އެ ރަށުގައި ހިނގި ކަމުގެ އަޑު ވަރަށް ނުއިވޭނެ އެވެ. އެކަމަކު މިހާރު މިދާ ގޮތުން ނަމަ ރަށުގެ އަމާން މަގުތައް ނާމާންކަމަށް ބަދަލުވުން ވަރަށް ކައިރި އެވެ.