Roadha Mihaaru
ޓީއެފްޖީގެ ލ. އަތޮޅު ރޭހަށް ބޮޑު ތަރުހީބެއް

ޓީއެފްޖީގެ ލ. އަތޮޅު ރޭހަށް ބޮޑު ތަރުހީބެއް

29 ޑިސެމްބަރ 2017

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އަންނަ މަހުގެ 27 ގައި ލ. އަތޮޅުގައި ބާއްވާ ކޮކާކޯލާ "ރަން އިން ލާމު" ގެ މެރެތަން އަދި ހާފް މެރެތަން ރޭހަށް ބޮޑު ތަރުހީބެއް ލިބި، ޖާގަތައް ފުރިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އަންނަ މަހުގެ 27 ގައި ލ. އަތޮޅުގައި ބާއްވާ ކޮކާކޯލާ "ރަން އިން ލާމު" ގެ މެރެތަން އަދި ހާފް މެރެތަން ރޭހަށް ބޮޑު ތަރުހީބެއް ލިބި، ޖާގަތައް ފުރިއްޖެ އެވެ.

ޓީއެފްޖީން ދޫކޮށްފައިވަނީ 42 ކިލޯމީޓަރު ޖަހަން ޖެހޭ މެރެތަން އަށް 25 ޖާގަ އެވެ. އަދި 21 ކިލޯމީޓަރު ފުރިހަމަކުރަން ޖެހޭ ހާފް މެރެތަން އަށް 50 ޖާގަ އެވެ. މާނައަކީ ރޭސް ފެށެން މަހެއްހާ ދުވަހަށްވީ އިރު، ރޭހުގެ އެންމެ ދިގު ރާސްތާ ދުވަން ޖެހޭ ދެ ރޭހުގެ ޖާގަތައް ފުރުމެވެ.

މި އިވެންޓުގައި ދެން ހިމެނޭ 10 ކިލޯމީޓަރު ރޭހުގެ ވެސް ޖާގަތައް ގާތްގަނޑަކަށް ފުރިފައިވާއިރު ފަސް ކިލޯމީޓަރު ރޭހުގެ ޖާގަ އަދި އެބަހުއްޓެވެ. ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ގޯޓުރޭސް ޑޮޓް ކޮމްގައި ވަނީ ހުޅުވާލައިފަ އެވެ.

ރާއްޖޭގެ އެންމެ ބިން ބޮޑު އެއް އަތޮޅު ކަމަށްވާ ހައްދުންމަތީގައި ބާއްވާ ދުވުމުގެ މިފަދަ ފުރަތަމަ ހަރަކާތަށް ޓީއެފްޖީން އަންނަނީ ދުވުންތެރިން ތަމްރީންކުރަމުންނެވެ. އަދި ރާއްޖޭގެ ބައެއް އަމިއްލަ ދުވާ ގްރޫޕްތަކުން ވެސް އަންނަނީ ދުވުންތެރިން ތައްޔާރުކުރަމުންނެވެ. މީގެ އިތުރުން މި ރޭހުގައި ގިނަ އަދަދަކަށް ބައިނަލްއަގްވާމީ ދުވުންތެރިން ވެސް ބައިވެރިވާނެ އެވެ.

ޓީއެފްޖީން ބުނީ ރޭހުގެ ރޫޓް ޖެނުއަރީ ފުރަތަމަ ހަފުތާގެ ތެރޭގައި އިއުލާންކުރާނެ ކަމަށެވެ. މި އަހަރު އަހަރު އައްޑޫ ސިޓީގައި ބޭއްވި "ރަން އިން އައްޑޫ" ފަދައިން މި ރޭހުގެ ރޫޓު ވެސް ދުވުންތެރިންނަށް ވަރަށް ބޮޑަށް ފަސޭހަވާނެ އެވެ. ސަބަބަކީ ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ރޭސް ކުރިއަށްދާތީވެ މާލެ އާއި ހުޅުމާލޭގައި ބާއްވާ ރޭސްތައް ފަދައިން އެއް ރޫޓެއްގައި ވަށައި ގިނަ ބުރު ޖަހަން ނުޖެހޭނެތީ އެވެ.

އަންނަ މަހުގެ 27 ވަނަ ދުވަހު ފަތިހު އިވެންޓް ފެށި ނަމަވެސް އޭގެ ކުރީ ދުވަހު ރޭހުގެ އެކްސްޕޯ އޮންނާނެ އެވެ. ދުވުންތެރިންނާއި ރޭސް ކިޓް ދޫކުރުމާއި ދުވުމާ ގުޅޭ ތަފާތު ހަރަކާތްތައް މި އެކްސްޕޯގައި ކުރިއަށްދާނެ އެވެ.

މި ރޭހުގައި ވެސް ޓީއެފްޖީގެ އެހެން ހުރިހާ ރޭހެއްގެ ސިފަތައް ހުންނާނެ އެވެ. އެގޮތުން ޓައިމިން ބަލާނީ ބައިނަލްއަގްވާމީ މިންގަނޑަށް، ޓައިމިން ޗިޕް ބޭނުންކޮށްގެންނެވެ. އަދި ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް މެޑެއްޔެއް ދޭނެ އެވެ.

ހުޅުމާލޭގައި 2013 ވަނަ އަހަރުން ފެށިގެން ލޯންގް ރަންގެ ނަމުގައި ޓީއެފްޖީން ބާއްވަމުން އައި ދުވުމުގެ އިވެންޓް މުޅި ރާއްޖެ އަށް ފުޅާކުރީ މި އަހަރެވެ. ޓީއެފްޖީން މާލެ ސަރަހައްދުން ބޭރުގައި ބޭއްވި ފުރަތަމަ ރޭސް، "ރަން އިން އައްޑޫ" ވެސް ވަރަށް ކާމިޔާބެވެ.

"ރަން އިން ލާމު" އަށް ފަހު ޓީއެފްޖީން ދެން ބާއްވާނީ އެ ޖިމުގެ ރަސްމީ ދުވުން ކަމަށްވާ ލޯންގް ރަން އެވެ. ހުޅުމާލޭގައި ބާއްވާ މި ރޭސް އޮންނާނީ އަންނަ އަހަރުގެ އޭޕްރިލް 13 ގަ އެވެ.

ޖުމްލަ 210 ދުވުންތެރިންނާ އެކު 2013 ވަނަ އަހަރު 10 ކިލޯމީޓަރު އަދި ހާފް މެރެތަން އިވެންޓާ އެކު ފެށި ޓީއެފްޖީ ރޭސް އައީ އަހަރަކަށް ވުރެ އަހަރެއް ފެންވަރު ރަނގަޅުވަމުންނެވެ. އެ ދެ އިވެންޓާ އެކު ދެ އަހަރު ރޭސް ބޭއްވުމަށް ފަހު 2015 ވަނަ އަހަރު ވަނީ ފުލް މެރެތަން (42 ކިލޯމީޓަރު ރޭސް) އިތުރުކޮށްފަ އެވެ. އަދި ބައިނަލްއަގްވާމީ ދުވުންތެރިން ވެސް އައީ ރޭހުގައި ބައިވެރިވަމުންނެވެ. ފުރަތަމަ ދެ އަހަރު ހަވީރު ބޭއްވި ރޭސް 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަނީ މެންދަމު 3:20 އިން ފަށައިގެންނެވެ.