Roadha Mihaaru
"ބަދަލުގައި 3 މިލިއަން ޑޮލަރުގެ ޕެކޭޖެއް ހުށަހެޅިން"

ބުނި މުއްދަތުގައި ސިމެންތި ނުގެނެވުމުން 3 މިލިއަން ޑޮލަރުގެ ޕެކޭޖެއް ހުށަހެޅިން: ރެއިޒްކްރައުން

30 ޑިސެމްބަރ 2017

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަށް 5000 މެޓްރިކް ޓަނުގެ ސިމެންތި ސަޕްލައި ކުރަން ހަވާލުވެ ދިން މުއްދަތުގައި އެކަން ނުވުމުން ބަދަލުގެ ގޮތުގައި 3 މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ"ގެ ޕެކޭޖެއް އެމްއާރުޑީސީއަށް ހުށަހެޅި ކަމަށް އެ މަސައްކަތާ ހަވާލުވި ރެއިޒްކްރައުން އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަށް 5000 މެޓްރިކް ޓަނުގެ ސިމެންތި ސަޕްލައި ކުރަން ހަވާލުވެ ދިން މުއްދަތުގައި އެކަން ނުވުމުން ބަދަލުގެ ގޮތުގައި 3 މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ"ގެ ޕެކޭޖެއް އެމްއާރުޑީސީއަށް ހުށަހެޅި ކަމަށް އެ މަސައްކަތާ ހަވާލުވި ރެއިޒްކްރައުން އިން މިއަދު ބުނެފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެމްއާރުޑީސީ އަށް 5000 ޓަނުގެ ސިމެންތި ސަޕްލައިކޮށްދެވުނީ އެއްބަސްވި މުއްދަތު ފަހަނައަޅައި ދިޔަ ފަހުންނެވެ. ސިމެންތިއަށް ފައިސާ ދައްކަން އޮތީ ސިމެންތި ލިބުމުން ކަމަށް ވިޔަސް އޭގެ ކުރިން 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އެއްބަސްވުމާ ޚިލާފަށް، އެޑްވާންސްގެ ގޮތުގައި ރެއިޒްކްރައުނަށް ދިން ކަމަށް، ބައެއް ލިއެކިއުންތަކުން ދައްކަ އެވެ.

"މިހާރު"ގެ ރިޕޯޓް ދޮގުކޮށް ރެއިޒްކްރައުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިމެންތި ސަޕްލައިކޮށްދިނުން ލަސްވީ އެކުންފުންޏަށް ބާރު ނުފޯރުވޭ ސަބަބުތަކެއް ދިމާވެގެން ކަމަށެވެ. ނަމަވެސް އެސަބަބުތަކުގެ ތަފްސީލެއް ނުދެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ އޭގެ ބަދަލުގައި އެމްއާރުޑީސީއަށް 3 މިލިއަން ޑޮލަރުގެ ޕެކޭޖެއް ހުށަހެޅުމުން އެކަން އެމްއާރުޑީސީގެ ބޯޑުން ގަބޫލު ވެސް ކުރި ކަމަށެވެ.

"ޝިޕްމެންޓް ޑިލޭވުމާ ގުޅިގެން ޒިންމާދާރުކަމާ އެކު ވިޔަފާރީގެ ރިވެތި އުސޫލުގެ ތެރެއިން އެކަމުގެ ފުރިހަމަ ޒިންމާ ނަގައި، އޭގެ ބަދަލެއްގެ ގޮތުގައި އެމްއާރުޑީސީއަށް 3 މިލިއަން ޑޮލަރުގެ ކޮމްޕެންސޭޝަން ޕެކޭޖެއް ރަސްމީކޮށް އެކުންފުންޏަށް ހުށަހެޅިން،" ބަޔާނުގައި ބުނެފައިވެ އެވެ.

ރެއިޒްކްރައުން އިން ބުނި ގޮތުގައި އެ ކުންފުންޏާއި އެމްއާރުޑީސީއާ ދެމެދު ޖޮއިންޓް ވެންޗާއެއް ހަދަން އެއްބަސްވެ ސޮއިކުރި އެވެ. އެ ޖޭވީގެ ބޭނުމަކީ އެމްއާރުޑީސީގެ ނަމާއި ލޯގޯ ބޭނުންކޮށްގެން އާ ސިމެންތިއެއް އުފައްދައި، ކޮންމެ މަހަކު އޭގެ 5،000 މެޓްރިކް ޓަނުގެ ސިމެންތި، އެމްއާރުޑީސީއާ ގުޅިގެން ވިއްކުމެވެ.

އެކަމަކު އެއްބަސްވުމާ އެއްގޮތަށް އެ ޖޭވީގެ މަސައްކަތް ކުރިއަށް ނުދިއުމުން އަހަރަކު 24 މިލިއަން ރުފިޔާގެ ގެއްލުމެއް ރެއިޒްކްރައުން އަށް ލިބޭ ކަމަށް، ބައިނަލްއަގުވާމީ އޮޑިޓަކުން އެނގިފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރެއިޒްކްރައުން އިން ބުނީ އެމްއާރުޑީސީ އާއި އެކުންފުންޏާ ދެމެދު ހިންގި މުއާމަލާތްތަކުގައި ކޮރަޕްޝަނުގެ އެއްވެސް ކަމެއް ނެތް ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ކުރި ތަހުގީގުތައް ނިންމާ، އެކަން ހާމަ ވެސް ކޮށްފައިވާ ކަމަށެވެ.

އެމްއާރުޑީސީ އާއި ރެއިޒްކްރައުންއާ ދެމެދު ވީ އެއްބަސްވުމަށް އަމަލްކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ރެއިޒްކްރައުންގެ ފަރާތުން ސިވިލް ކޯޓަށް މި އަހަރުގެ ޖޫން މަހު ހުށަހެޅި މައްސަލައިގެ ޝަރީއަތް މިހާރު ކުރިއަށް ދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.