Roadha Mihaaru
އެމްއާރުޑީސީން ހިންގި ބޮޑު "ޚިޔާނާތަކާ" ގުޅޭ އޯޑިއޯއެއް!

ވެހިކަލް ގަތުމުގައި އެމްއާރުޑީސީން ހިންގި ބޮޑު "ޚިޔާނާތަކާ" ގުޅޭ އޯޑިއޯއެއް ލީކުވެއްޖެ!

10 އޯގަސްޓް 2017

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރުޑީސީ) އަށް ބޭނުންވާ ވެހިކަލްތަކެއް ގަނެދޭން ހެޔޮ އަގެއް ހުށަހެޅި ކުންފުންޏަށް ވުރެ 2.7 މިލިއަން ޑޮލަރު ބޮޑު އަގެއް ހުށަހެޅި ކުންފުންޏަކަށް އެ މުއާމަލާތް ހަވާލުކުރި ކަމަށް ބެލެވޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރުޑީސީ) އަށް ބޭނުންވާ ވެހިކަލްތަކެއް ގަނެދޭން ހެޔޮ އަގެއް ހުށަހެޅި ކުންފުންޏަށް ވުރެ 2.7 މިލިއަން ޑޮލަރު ބޮޑު އަގެއް ހުށަހެޅި ކުންފުންޏަކަށް އެ މުއާމަލާތް ހަވާލުކުރި ކަމަށް ބެލެވޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފި އެވެ.

އެ އޯޑިއޯއިން އެނގޭ ގޮތުގައި، ތައިލެންޑުގެ ޕެރަގަން ނަމަކަށް ކިޔާ ކުންފުންޏަކާ، އަށް މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ)ގެ މަޝްރޫއު ހަވާލުކުރީ އެންމެ ހެޔޮ އަގު ހުށަހެޅި ކުންފުންޏަށް ވުރެން 2.7 މިލިއަން ޑޮލަރު (41 މިލިއަަން ރުފިޔާ) ބޮޑު އަގެއްގަ އެވެ.

ވެހިކަލް ގަތުމުގައި ވެސް އެމްއާރުޑީސީން ޚިޔާނާތް ހިންގާފައިވާ ކަމަށް ފޯނުން ވާހަކަ ދައްކަވަނީ، އެ އޯޑިއޯ އިން އެނގޭ ގޮތުގައި، އެ ކުންފުނީގެ ބޯޑުގެ ދެ މެމްބަރެކެވެ. ނަމަވެސް މި ދެ ބޭފުޅުން މި ވާހަކަ ދެއްކެވީ ކޮން އިރަކު ކަމެއް އަދި ސާފެއް ނުވެ އެވެ.

އޯޑިއޯގައި އެ ޚިޔާނާތުގެ ވާހަކަ ފެށުނީ، އެމްއާރުޑީސީގެ ބޯޑު ބައްދަލުވުންތަކަށް ނުދަނީ ކީއްވެތޯ އެކަކު ސުވާލު ކުރެއްވުމުންނެވެ. ޖަވާބުގައި އަނެއް ބޭފުޅާ ވިދާޅުވަނީ، ކުންފުނީގެ ބޯޑުން ނިންމާ ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުން ނުވާތީ ކަމަށެވެ. ވެހިކަލް ގަތުމަށް، އަވަސް އަރުވާލައިގެން ޕެރަގަންއާ ހަވާލުކުރީ ވެސް "ވަރަށް ގޯސް" ކޮށް ކަމަށް އޭނާ ވިދާޅުވެ އެވެ.

"އަހަރެން ލައްވައި ނުވެސް އެނގޭ އެއްޗެހީގައި ސޮއިކުރުވަނީ. ..ކިތަންމެ އެއްޗެއް [ނަން ކަނޑާލާފައި] އެގޮތަށް ގޮސްފި މިހާރު. ނިކުމެ ނިކުމެ އޮއްވައި ވެސް ދަށަށް އެއްޗެހި ލާފައި، ޑަންލާފައި ބުނެދާނެ މީގައި ސޮއިކޮށްލާށޭ މިއީ ވެސް އެއްކަލަ ތަނުން އެއްޗެކޭ. މިހާރު އެކަންތައްގަނޑު ވެސް މާ ބޮޑީ. އެކައްޗެއް އެބަ ފޮނުވާ ތިން ހަތަރު ފަހަރު، ރަނގަޅު ކޮށްފައި،" ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވާން ބޭނުން ނުވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އޭނާ ވިދާޅުވެ އެވެ.

ވެހިކަލް ގަތުމަށް ޕެރަގަންއާ ހަވާލުކުރަން ނިންމި، ބޯޑު ބައްދަލުވުމަށް އޭނާ ވަޑައިނުގަތީ ގަސްތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ އަގުހެޔޮ މީހުންނާ، މި މީހުން [ޕެރަގަން] އާ ދޭތެރޭގައި ތަފާތު އެބަ އޮތް 2.7 މިލިއަން ޑޮލަރު. [އެ ތަފާތު] އުޅޭއިރުގައި، ޕްލަސް އެ ވަރު ބޮޑު ކަމެއް ނިމުނުއިރު އެމްއާރުޑީސީގެ ޓޮޕް ލެވެލް މެނޭޖްމަންޓާ ޑިސްކަސްކުރެވިފައެއް ވެސް ނެތް،" އޭނާ ވިދާޅުވެ އެވެ.

އެ މެމްބަރު އެގޮތަށް ވިދާޅުވުމާ އެކު އަނެއް ބޭފުޅާ "މަށަކަށް ވެސް އެނގިފައެއް ނެތް" ކަމަށް ވިދާޅުވި އެވެ.

ވެހިކަލް ގަންނަން ބަޔަކާ ހަވާލުކުރީ އިއުލާންކުރުމެއް ވެސް އަދި ބިޑް ކުރުމެއް ނެތި ކަމަށާއި އެ ކަންކަމާ ގުޅޭ ގޮތުން ސުވާލު އަންނާނެ ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ. އެމްއާރުޑީސީ މެދުވެރިކޮށް މި ގޮތަށް ޚިޔާނާތް ހިންގައިގެން ފައިދާ ނަގަން ބޭނުންވަނީ އެހެން ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއާރުޑީސީން ޚިޔާނާތަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަނީ، ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅަކު އަންގަވައިގެން ކަމަށާއި އެފަދަ އެއްބަސްވުންތަކުގެ ފައިދާ ވެސް ލިބެނީ ވަކި ބަޔަކަށް ކަމަށް އެ އޯޑިއޯގައި ތުހުމަތުކުރެ އެވެ.

އެމްއެމްއާރުޑީސީގައި އޮޑިޓް ކޮމެޓީއެއް އޮންނައިރު ވެސް އެތަނުގައި ތިއްބަވާ ބޭފުޅުން "ތަނެއް ދޮރެއް ނުބަލާ" ކަމުގެ ތުހުމަތު ވެސް ވާހަކަ ދެއްކެވި އެއް ބޭފުޅަކު ކުރެއްވި އެވެ. ވެހިކަލްތައް ގެނައުމުގެ އެއްބަސްވުން ހަވާލުކުރީ ވެސް އެއްވެސް ވަރަކަށް ނުބަލައި ކަމަށް ވިދާޅުވި އެވެ.

މި އޯޑިއޯގައި ވާހަކަ ދައްކަވާ ކަމަށް ބެލެވޭ އެމްއާރުޑީސީގެ ބޯޑުގެ އެއް މެމްބަރަކާ ގުޅުމުން އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.