Roadha Mihaaru
އެމްއާރުޑީސީ އުވާލައި، ދަރަންޏެއް އޮތްތޯ ބަލަނީ

އެމްއާރުޑީސީ އުވާލައި، ދަރަންޏެއް އޮތްތޯ ބަލަނީ

15 މާޗް 2018

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީީސީ) އުވާލުމަށް ނިންމައި، އެ ކުންފުނީގެ ފަރާތުން އެއްވެސް ފައިސާއެއް ލިބެން ޖެހޭ ބަޔަކު ނޫނީ ކުންފުންޏެއް އޮތްތޯ ބެލުމަށް މިއަދު އިއުލާންކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީީސީ) އުވާލުމަށް ނިންމައި، އެ ކުންފުނީގެ ފަރާތުން އެއްވެސް ފައިސާއެއް ލިބެން ޖެހޭ ބަޔަކު ނޫނީ ކުންފުންޏެއް އޮތްތޯ ބެލުމަށް މިއަދު އިއުލާންކޮށްފި އެވެ.

އެމްއާރުޑީސީން ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ކުންފުނި އުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، ކުންފުނީގެ މައްޗަށް އެއްވެސް ދަރަންޏެއް އޮތް ފަރާތެއް ނަމަ، އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ފައިސާގެ ބިލާއެކު އެކަން ހުށަހެޅުމަށް އެދިފައި ވެ އެވެ. އެމްއާރުޑީސީން ބުނީ އޭގެ ފަހުން ހުށަހަޅާ އެއްވެސް ބިލެއް ނޫނީ ލިޔެކިޔުމެއް ބަލައި ނުގަންނާނެ ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިދިޔަ މަހުން ފެށިގެން، އެމްއާރުޑީސީގެ ބިޒްނަސް ޑިވެލޮޕްމެންޓް ފިޔަވައި އެހެން ހުރިހާ ޑިޕާޓްމެންޓެއްގެ މުވައްޒަފުންނާއި މަސައްކަތްތައް ވަނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސަސްގެ ދަށަށް ބަދަލުކޮށްފަ އެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި މަގު ހެދުމުގެ އިތުރުން ފުޓުބޯޅަ ދަނޑާއި ނަރުދަމާ އެޅުމުގެ މަސައްކަތް ވެސް ކުރަމުން ދިޔަ އެމްއާރުޑީސީ އުވާލަން އެ ކުންފުނީގެ ބޯޑުގައި މަޝްވަރާ ކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

އެމްއާރުޑީސީއަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އެޅިފައިވާ ކުންފުންޏެކެވެ. އަދި އެއީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މެނޭޖިން ޑިރެކްޓަރުން އައްޔަންކުރި ކުންފުނި ވެސް މެ އެވެ. މިހާތަނަށް އެ ކުންފުނީގައި ފަސް މެނޭޖިން ޑިރެކްޓަރުން މަސައްކަތްކޮށްފައިވެ އެވެ.