Roadha Mihaaru
އީރާނުގެ ރޫހާނީ ލީޑަރާ ދެކޮޅު މުޒާހަރާތައް ފުޅާވަނީ

އީރާނުގެ ރޫހާނީ ލީޑަރާ ދެކޮޅު މުޒާހަރާތައް ފުޅާވަނީ

30 ޑިސެމްބަރ 2017

އީރާންގެ ތަފާތު ސަހަރުތަކުގައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ އެ ގައުމުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އާއި ރައީސް ހަސަން ރޫހާނީއާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާތައް ކުރަން ފަށައިފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

އީރާންގެ ތަފާތު ސަހަރުތަކުގައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ އެ ގައުމުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އާއި ރައީސް ހަސަން ރޫހާނީއާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާތައް ކުރަން ފަށައިފި އެވެ.

މި ފަހަރުގެ މުޒާހަރާތައް އެންމެ ފުރަތަމަ ފެށުނީ މީގެ ހަފުތާއެއްހާ ކުރިންނެވެ. މުޒާހަރާގެ ބައިވެރިން އަޑުއުފުލަން ފެށީ ވަޒީފާ ނެތް މީހުން އިތުރުވާ މައްސަލައިގަޔާއި ކާބޯތަކެތީގެ އަގު ބޮޑުވުމުގެ އިތުރުން ޚިދުމަތްތަކުގެ އަގު ބޮޑުވަމުންދާ މައްސަލައިގައި އެވެ. މުޒާހަރާތައް ފެށުނީ އިސްފަހާން އާއި އީރާންގެ މެދުތެރޭގެ ބައެއް ސަހަރުތަކުގަ އެވެ.

އެ މުޒާހަރާއަށް ހަފުތާއެއްވީ ދުވަހު، މިދިޔަ ބުރާސްފަތި ދުވަހު އެތައް ހާސް ބަޔަކު ވަނީ، އީރާންގެ ދެ ވަނަ އަށް އާބާދީ އެންމެ ބޮޑު ސަހަރު ކަމަށްވާ މަޝްހަދުގެ މަގުތަކަށް ނުކުމެ އީރާންގެ ވެރިންނާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. ނަމަވެސް ކުރީގެ މުޒާހަރާއާ ޚިލާފަށް މި މުޒާހަރާ ވަނީ ވަރަށް ބޮޑަށް ސިޔާސީވެ، އީރާންގެ އެންމެ އިސް ވެރިންގެ އިސްތިއުފާ އަށް ގޮވައިފަ އެވެ.

"ރޫހާނީ އަށް މަރު، ޑިކްޓޭޓަރަށް މަރު" ގޮވައި އަޑުގަދަކުރަމުން މުޒާހަރާ ކުރި މީހުން އެ ސަހަރުގެ ބޮޑެތި މަގުތަކުގައި ހިނގައި ހެދި އެވެ. ޑިކްޓޭޓަރުގެ ނަމުން އެ ގައުމުގައި ބައެއް މީހުން މުޚާތަބު ކުރަނީ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަށެވެ.

މިދިޔަ ހުކުރު ދުވަހު ވެސް ވަނީ އީރާންގެ ބޮޑެތި ސަހަރުތަކުގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ އީރާންގެ އިސް ވެރިންނާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. އީރާންގެ ވެރިރަށް ތެހެރާން އާއި ހުޅަނގުގެ ސަހަރެއް ކަމަށްވާ ކަރްމެންޝާހްގައި ވެސް ގިނަ އަދަދެއްގެ ބަޔަކު އީރާންގެ ވެރިންނާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރި އެވެ.

މި މުޒާހަރާގައި ބައިވެރިވި މީހުން ވަނީ، އީރާނުން އަރަބީންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންދާތީ އެކަމާ ދެކޮޅަށް ވެސް އަޑު އުފުލައިފަ އެވެ. އަދި މިހާރު ބައެއް ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި އީރާން ބައިވެރިވާތީ އެކަމާ ދެކޮޅަށް ވެސް އަޑުއުފުލި އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ، ޔަމަންގެ ހޫތީންނާއި ލުބްނާންގެ ހިޒްބުﷲ އާއި އަފްޣާނިސްތާނުގެ ޒައިނަބީ މަޒްހަބުގެ ޝީއީންނާއި ޕާކިސްތާނުގެ ފާތިމީ މަޒްހަބުގެ ޝީއީންނަށް ޚަރަދުކުރުން ހުއްޓާލައި އީރާންގައި ދިރިއުޅޭ މީހުންގެ ކަންތައް ރަނގަޅު ކޮށްދިނުމަށް އެދި އަޑު އުފުލައިފަ އެވެ.

"އެމީހުން ވަނީ އަހަރެމެންގެ ގައުމު ލޫޓުވާލާފައި ސީރިޔާ އަށް ގޮސް. ސީރިޔާ ދޫކޮށްލާފައި އަހަރެމެންނާ މެދު ވިސްނަ ބަލަ،" ސީރިޔާގެ ދާޚިލީ ހަނގުރާމަ އަށް އީރާންގެ ސިފައިން ފޮނުވި މައްސަލަ އަށް އިޝާރާތްކޮށް މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔަ އެވެ.

އީރާންގެ އިގްތިސާދީ މާހިރުން މީގެ ދުވަސްކޮޅެއް ކުރިން ވަނީ، ވަޒީފާ ނުލިބޭ މީހުންގެ މައްސަލަ ނުރައްކާތެރި މަރުހަލާއަކަށް ހިނގައިދާނެ ކަމަށް އިންޒާރު ކުރައްވައިފަ އެވެ. ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ބައެއް އަމިއްލަ ކުންފުނިތައް ބަނގުރޫޓުވުމާ ގުޅިގެން، 27،000 އަށް ވުރެ ގިނަ މީހުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އީރާންގެ އިގްތިސާދީ ހާލަތު ވެސް މިހާރު ވަނީ މީގެ ކުރިން ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފަ އެވެ. އެ މީހުން ތުހުމަތުކުރާ ގޮތުގައި އިގްތިސާދު ދަށަށް ދަނީ، އީރާނުން ކުރަން ނުޖެހޭ އެތައް ހަރަދުތަކެއް، މިހާރު ހިނގަމުންދާ ހަނގުރާމަތަކަށް ކުރާތީ އެވެ.

އޭގެ ތެރޭގައި ސީރިޔާ އާއި އިރާގުގައި ހިނގާ ދާޚިލީ ހަނގުރާމައިގައި ޝީއީ ޖަމާއަތްތަކަށް އީރާނުން ފޯރުވާ އަސްކަރީ އަދި މާލީ އެހީ ފާހަގަ ކޮށްލެވެ އެވެ. އޭގެ އިތުރުން ޔަމަންގެ ދާޚިލީ ހަނގުރާމައިގައި ހޫތީ ހަނގުރާމަވެރިންނަށް ވެސް އީރާނުން އަންނަނީ މާލީ އަދި އަސްކަރީ އެހީ ފޯރުވަމުންނެވެ.

އީރާންގެ ވެރިންނާ ދެކޮޅަށް މުޒާހަރާ ކުރީ، އެ މުޒާހަރާ ހުއްޓައިލުމަށް އީރާންގެ ފުލުހުން ތަކުރާރުކޮށް އިންޒާރު ކުރަމުން ދަނިކޮށެވެ. އަދި މުޒާހަރާގެ ބައިވެރިން މަގުތަކުގައި ހިނގުން ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރި އެވެ.