Roadha Mihaaru
އަލީ ހަމީދަށް އާއިލާއާ ވެސް ބައްދަލެއް ނުކުރެވޭ

ފަނޑިޔާރު އަލީ ހަމީދަށް އާއިލާއާ ވެސް ބައްދަލެއް ނުކުރެއްވޭ

07 ފެބުރުއަރީ 2018

ފުލުހުން ދޫނިދޫގައި ހައްޔަރު ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު، އޭނާއަށް އާއިލާގެ މެމްބަރުންނާ ވެސް ބައްދަލު ނުކުރެއްވޭ ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުލުހުން ދޫނިދޫގައި ހައްޔަރު ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު، އޭނާއަށް އާއިލާގެ މެމްބަރުންނާ ވެސް ބައްދަލު ނުކުރެއްވޭ ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

ސުޕްރީމް ކޯޓުގައި އިންނަވަނިކޮށް، އިއްޔެ ރޭ ހައްޔަރުކޮށްފައިވާ އަލީ ހަމީދުގެ ހާލު ސީރިއަސް ވެގެން ރޭ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަނީ އެގްޒެކްޓިވް ވޯޑުގަ އެވެ. އަދި އެތަނުގެ ބޭރުގައި އެސްއޯ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ، އަލީ ހަމީދުގެ ބްލަޑް ޕްރެޝަރު ވަރަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި އޭނާ މިވަގުތު ހޮސްޕިޓަލުން ދޫކޮށްލުމަށް ޑޮކްޓަރުން ބޭނުން ނުވާ ކަމަށާއި ހާލު ބެލުމަށް އާއިލާގެ ބޭފުޅުންނަށް ވެސް ނުވަދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހޮސްޕިޓަލަށް ގެނައީ ކިހިނެއް ވެގެން ކަމެއް ވެސް ނޭނގޭ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ފަރާތުން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފުލުހުންނާއި އައިޖީއެމްއެޗްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އަލީ ހަމީދު ސުޕްރީމް ކޯޓުގައި އިންނަވަނިކޮށް މިދިޔަ ޖުލައި މަހު، އަނބުރައިގަނެގެން އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސް އެޑްމިޓްކޮށްގެން ހިތުގެ ބައްޔަކަށް ފަރުވާ ދިނެވެވެ. އަދި އޭގެ ފަހުން ރާއްޖޭން ބޭރުގައި ވެސް އަލީ ހަމީދަށް ފަރުވާ ދިނެވެ.

ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ވަދެ ހައެއްކަ ގަޑިއިރު އެ ކޯޓުގެ ތެރޭގައި ހޭދަކުރުމަށް ފަހު، ފުލުހުން އަލީ ހަމީދު ހައްޔަރުކޮށް، ދޫނިދުއަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހުގެރެ އެވެ.

އަލީ ހަމީދު ހައްޔަރު ކުރީ ފްލެޓް ގަތުމުގައި ހިންގި ކަމަށް ބުނާ ރިޝްވަތުގެ ތުހުމަތެއްގަ އެވެ. އަލީ ހަމީދުގެ ފަރާތްޕުޅުން ކުރިން ބުނެފައިވަނީ ފްލެޓް ގަތުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެ މައްސަލައިގައި އަލީ ހަމީދުގެ އާއިލާގެ ތިން ބޭފުޅަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މި ތުހުމަތުގައި އަލީ ހަމީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ބޭފުޅުންގެ ފަރާތްޕުޅުން ވެސް އެކަން ވަނީ ދޮގުކޮށްފަ އެވެ.