Roadha Mihaaru
ގާނޫނު ފާސް ކުރިޔަސް 12 މެމްބަރުން ވަތްކެއް ނުވޭ

ގާނޫނު ފާސް ކުރިޔަސް 12 މެމްބަރުން ވަތްކެއް ނުވޭ

15 މާޗް 2018

ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާ އުސޫލުތައް ކަނޑައެޅި ގާނޫނަށް އިއްޔެ އަމަލު ކުރަން ފެށުމާ އެކު، މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އެއް ބަޔަކު ބުނަން ފެށި އެވެ. އެ 12 މެމްބަރުންނަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ސޮއިކުރި 53 މެމްބަރުންގެ ތެރޭގައި ހިމެނޭ، ޕީޕީއެމްގެ 12 މެމްބަރެކެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާ އުސޫލުތައް ކަނޑައެޅި ގާނޫނަށް އިއްޔެ އަމަލު ކުރަން ފެށުމާ އެކު، މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އެއް ބަޔަކު ބުނަން ފެށި އެވެ. އެ 12 މެމްބަރުންނަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ސޮއިކުރި 53 މެމްބަރުންގެ ތެރޭގައި ހިމެނޭ، ޕީޕީއެމްގެ 12 މެމްބަރެކެވެ.

ނަމަވެސް، އެ ގާނޫނުގައި ކަނޑައަޅާފައި ހުރި އެންޓި ޑިފެކްޝަންގެ އުސޫލުތަކާއި އިޖުރާއާތުތައް ތަރުތީބުކޮށްފައި ހުރި ގޮތުން އެ މެމްބަރުން މަޖިލީހުގެ މެމްބަރުން ކަމުން ވަކި ނުވާ ކަން ސަރީހަކޮށް އެނގެން އެބަ އޮތެވެ. އެއީ ތިރީގައި މި ބަޔާންކުރާ ގާނޫނީ ނުކުތާތައް މިހެން ހުރުމުންނެވެ.

މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ހާލަތްތައް އެ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނެދީފައިވާ އިރު، މުހިންމު ތިން ކަމެއް ތަރުތީބު ކޮށްފައިވެ އެވެ.

ފުރަތަމަ ކަމަކީ މި ގާނޫނަށް އަމަލު ކުރަން ފެށުމަށް ފަހުގައި، މި މާއްދާގައި ބުނެފައިވާ ހާލަތްތަކުން ކުރެ ހާލަތެއް އެއްވެސް މެމްބަރަކަށް މެދުވެރިވެގެން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެކަން އަންގާ ދުވަހުން ފެށިގެން އެ މެމްބަރަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވުމެވެ.

ދެ ވަނަ ކަމަކީ، ޖުލައި 13، 2017 އިން ފެށިގެން، އެއިން ހާލަތެއް މެމްބަރަކަށް މެދުވެރިވެގެން، އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ނަމަ، އެ މެންބަރުން ވެސް މަޖިލީހުގެ މެމްބަރުކަމުން ވަކިވުމެވެ.

ގާނޫނުގައި ބުނެފައިވާ އެ ހާލަތްތަކަކީ؛ (1) ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން މަޖިލީހަށް އިންތިޚާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކުރުމާއި، (2) އެ ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީން އަމިއްލަ އަށް ވަކިވުމާއި، (3) އެ ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވުމާއި، (4) މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިޚާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި ވަކި ޕާޓީއަކާ ގުޅުމަށް ފަހު، އެ ޕާޓީން ވަކިކުރުމާއި ވަކިވުމާއި އެހެން ޕާޓީއަކަށް ބަދަލުވުމެވެ.

އެހެންވީމާ، މި ދެންނެވި މާއްދާގެ އިބާރާތްތަކުން އެނގޭ ގޮތުގައި، މި ގާނޫނުގެ ބާރު، މާޒީއަށް ރުޖޫއަވާ ގޮތަށް ރެޓްރޯސްޕެކްޓިވް ކޮށް ތަޠުބީޤުކުރެވިގެން ނުވަތަ ތަންފީޒު ކުރެވިގެން، މަޖިލީހުގެ މެމްބަރަކު މެންބަރުކަމުން ވަކިވާނީ، އެ މެމްބަރަކު އިންތިޚާބުވި ޕާޓީގެ މެމްބަރުކަމުގެ ހައިސިއްޔަތު އެއްވެސް ގޮތަކުން ބަދަލުވެފައިވަނީ، ޖުލައި 13، 2017ގެ ފަހުން ކަމުގައިވާ ނަމަ އެވެ.

ސިފައިންގެ ހިމާޔަތާއެކު މަސީހު މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަވަނީ.

ސިފައިންގެ ހިމާޔަތާއެކު މަސީހު މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަވަނީ.

މެންބަރުން ވަކިވީ ކޮން އިރަކު؟

ދެން ބަލަން ޖެހެނީ، މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އެ ބުނާ 12 މެންބަރުން ޕީޕީއެމުން ވަކިވެފައިވަނީ މި ގާނޫނުގައި އެ ބުނާ ތާރީޚުގެ ފަހުންތޯ ނުވަތަ އޭގެ ކުރިންތޯ އެވެ.

އެ 12 މެންބަރުންގެ ތެރެއިން، ޖުލައި 13، 2017ގެ ކުރިން އަމިއްލަ އަށް އެދިގެން ޕީޕީއެމުން ވަކިވި ނުވަ މެމްބަރުންނަކީ، ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހެވެ.

އެ 12 މެމްބަރުންގެ ތެރެއިން ޖުލައި 13، 2017ގެ ކުރިން ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރި ތިން މެންބަރުންނަކީ، ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.

މީގެ ތެރެއިން ވައްޑެގެ މައްސަލަ އަށް އެކަނި ބެލިޔަސް، މި މައްސަލަ އޮތް ގޮތް ވަރަށް ސާފެވެ. ވައްޑެގެ މައްސަލައެއް ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލައި އޭނާގެ މައްޗަށް ހަތް ކަމެއް ސާބިތުވެ ޕާޓީން ވަކިކުރަން ނިންމީ، މާޗް 25، 2017ގަ އެވެ. ސުލޫކީ ކޮމިޓީގެ އެ ނިންމުމަށް ބިނާކޮށް ވަހީދު، ޕީޕީއެމުން ވަކިކޮށް، އެ ޕާޓީން އޭނާ އަށް އެ ކަން ލިޔުމުން އަންގާފައިވަނީ މާޗް 28، 2017ގަ އެވެ.

ވައްޑެ ޕާޓީން ވަކިކޮށްފައިވަނީ، މާޗް 28، 2017ގައި ކަމަށް ވެފައި، އޭނާ އެ މައްސަލަ އިސްތިއުނާފް ކޮށްފައި ނުވާތީ، ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން، ވައްޑެ ވަކިކުރި ތާރީޚުން ފެށިގެން 15 ދުވަސް ހަމަވާ ދުވަހުން ފެށިގެން އޭނާއަކީ އެ ޕާޓީގެ މެމްބަރެއް ނޫނެވެ.

ޕާޓީން ވަކިވެވެނީ ކިހިނެއް؟

ސުވާލަކީ، ސިޔާސީ ޕާޓީއެއްގެ މެމްބަރަކު، އެ ޕާޓީން ވަކިވި ކަމަށް ވާނީ، އެ ޕާޓީއަކުން އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން ހެއްޔެވެ. ނުވަތަ އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އެންގުމުން ހެއްޔެވެ؟ ނުވަތަ ސިޔާސީ ޕާޓީގެ ދަފްތަރުން އެ މެމްބަރެއްގެ ނަން އުނިކުރުމުން ހެއްޔެވެ؟

ޕާޓީން ވަކިކުރުމާ ބެހޭ ގޮތުން، ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ ޕާޓީއެއްގެ މެމްބަރަކު ގަސްދުގައި އެ ޕާޓީގެ އަސާސީ ގަވާއިދާ ނުވަތަ ސުލޫކީ މިންގަނޑުތަކާ ޚިލާފުވެ އެކަމުގެ ސަބަބުން ޕާޓީގެ މަސްލަހަތަށް ގެއްލުމެއް ލިބިފައިވާ ނަމަ މެމްބަރަކު ޕާޓީން ވަކިކުރެވިދާނެ ކަމަށެވެ.

މެންބަރަކު އަމިއްލަ އަށް ބޭނުންވެގެން ޕާޓީން ވަކިވުމާ ބެހޭ ގޮތުން އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގައި ބުނަނީ ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް ކުރިން ނޯޓިސް ދިނުމަކާ ނުލައި ޕާޓީގެ މެމްބަރުކަމުން ވަކިވެވިދާނެ ކަމަށެވެ.

ދެން އޮތީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި އެކަން އޮތް ގޮތް ބެލުމެވެ. އެ ޕާޓީގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ)ގެ (3) ގައި ވެސް ބުނެފައިވަނީ މެމްބަރަކާ މެދު ސުލޫކީ ފިޔަވަޅު އަޅައި ވަކިކުރެވިދާނެ ކަމަށެވެ. އަދި އެ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ (2) ގައި ބުނަނީ، ޕާޓީގެ މެމްބަރަކު ވަކިވާން އެދިއްޖެ ނަމަ އެމީހަކު ޕާޓީގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.

އެހެންކަމުން، ސިޔާސީ ޕާޓީގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވާއިދަށް ބެލުމުން އެނގެނީ، މެންބަރަކު އަމިއްލަ އަށް ޕާޓީން ވަކިވާން އެދި ހުށަހެޅުމުން އެމީހަކު އެ ވަގުތުން ފެށިގެން ޕާޓީން ވަކިވީ ކަމެވެ. ޕާޓީން ވަކިވާން ހުށަހެޅުމުން، އެމީހަކު ޕާޓީން ވަކިވާނީ، ވަކިކޮށްފި ކަމަށް ޕާޓީން ނިންމުމުން ކަމަށް ނުވަތަ އެ މީހަކު ވަކިކުރި ކަން އެ މީހަކަށް އެންގީމާ ކަމަށް ނުވަތަ ވަކިކޮށްފި ކަމަށް ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ވެސް އަދި ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވެސް ބުނެފައެއް ނެތެވެ.

ގޮނޑި ގެއްލުނު ކަމަށް ބުނާ ބައެއް މެމްބަރުން ސުޕްރީމް ކޯޓު ކައިރީގައި

ގޮނޑި ގެއްލުނު ކަމަށް ބުނާ ބައެއް މެމްބަރުން ސުޕްރީމް ކޯޓު ކައިރީގައި

މައްސަލަ ޖެހިގެން އުޅޭ 12 މެމްބަރުންގެ ތެރެއިން، އަމިއްލަ އަށް އެދިގެން ޕާޓީން ވަކިވި ނުވަ މެމްބަރުން ވެސް ވަނީ، ޖުލައި 13، 2017ގެ ކުރިން އެ ޕާޓީން ވަކިވި ކަން އަންގައި އެ ޕާޓީ އަށް ލިޔުމުން ހުށަހަޅައިފަ އެވެ. ވީއިރު، އެ މެންބަރުންނަކީ ޕީޕީއެމްގެ މެންބަރުން ކަމުގައި ބަލައިގެން އެ މެމްބަރުންނާ މެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ އެއްވެސް ހައްގެއް އެ ޕާޓީއަށް ވެސް އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ވެސް ނޯންނާނެ އެވެ.

އެ ނުވަ މެމްބަރުން ޕާޓީން ވަކިވެ އެކަން އެ ޕާޓީއަށް އެންގުމަށް ފަހުގައި، ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ މެމްބަރުންގެ ނަން އޮތުމަކީ އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަމެއް ފުރިހަ ނުކޮށް އޮތުމެވެ. ނުވަތަ މަޖިލީހުގެ ދަފްތަރުގައި ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި އެ ނުވަ މެމްބަރުންގެ ނަން އޮތުމަކީ މަޖިލީހުގެ އިދާރީ އިހުމާލެކެވެ.

މެންބަރުން ވަކިކުރެވޭނެ މިންގަނޑަކީ ކޮބާ؟

ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ކިބައި އެ ޕާޓީގެ މެމްބަރުކަމުގެ ހައިސިއްޔަތު ގެއްލޭނެ ގޮތްތައް ސިޔާސީ ޕާޓީގެ ގާނޫނުގަ އާއި ސިޔާސީ ޕާޓީތަކުގެ ގަވާއިދުތަކުގައި ކަނޑައެޅިފައި އެބަ ހުއްޓެވެ. ނަމަވެސް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މެންބަރުންތަކެއްގެ ދުވަސް ދުއްވައިލަން ބޭނުންވުމުން، އެ އިޖުރާއާތުތަކަށް ރިއާޔަތް ކުރުމެއް ނެތި، މެމްބަރުން ޕާޓީން ވަކިވި ކަމަށް ބެލޭނީ، އެކަން އެ ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން ކަމުގައި ޕީޕީއެމުން ދެކެ އެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ޖުލައި 13، 2017 ގައި ނެރުނު އެންޓި-ޑިފެކްޝަން ހުކުމުގައި ވެސް، ޕާޓީގެ މެމްބަރުކަމުން ވަކިވުމަށާއި ވަކި ކުރުމަށް ކަނޑައެޅިފައިވާ އިޖުރާއާތުތަކުގެ ބޭރުން ކަންތަކެއް ފުރިހަމަ ކުރުމަށް ބުނެފައެއް ނުވެ އެވެ.

ޖުލައި 13، 2017ގެ ހުކުމް އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ޖުލައި 16، 2017 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި އޮންނަނީ، ޖުލައި 13ގެ "ހުކުމަށް ފަހު، ސިޔާސީ ޕާޓީއަކުން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަކި ކުރުމުގައި ސިޔާސީ ޕާޓީގެ ގާނޫނާއި ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ އެ ނޫން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވިޔަސް ކަނޑައަޅާފައިވާ ގާނޫނީ އިޖުރާއާތު އަށް ތަބާވުން އިސްތިސްނާ ކުރެވިފައި ނުވާކަން އެ ގަޒިއްޔާ އިން ކަނޑައެޅިގެން އެނގެން އޮންނަ" ކަމަށެވެ.

މި އަމުރުގައި ވަރަށް ސާފު ބަހުން ބުނެފައި މި އޮތީ، ޕާޓީއެއްގެ އާންމު މެމްބަރަކު އެ ޕާޓީއަކުން ވަކިވި ކަމަށް ޕާޓީއަށް އެންގުމުން ނުވަތަ، ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި ވަކިކުރުމުން، ޕާޓީން ވަކިވާ ބީދައިން، އެ ޕާޓީގައި ހިމެނޭ ރައްޔިތުންގެ މަޖިލީހަކު ވެސް އެ ހަމަތަކުން ވަކިވުމުން، އިތުރު އިޖުރާއާތެއް ފުރިހަމަ ކުރުމަކާ ނުލައި އެ ޕާޓީއަކުން ވަކިވާނެ ކަމެވެ.

މާނައަކީ، މަޖިލީހުގެ މެމްބަރަކު ޕާޓީން ވަކިވި ކަމަށްވާނީ، އެ ޕާޓީއަކުން އިލެކްޝަންސް ކޮމިޝަނަށް އެކަން އެންގުމަކުން ނޫނެވެ. ޕާޓީން ވަކި ކުރުމުން ނުވަތަ އަމިއްލަ އަށް ވަކިވުމުން އެ ޕާޓީއަކުން އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގިޔަސް ނޭންގިޔަސް، އެ ހިސާބުން އެ މީހެއްގެ މެމްބަރުކަމުގެ ހައިސިއްޔަތު ގެއްލުނީ އެވެ.

ގަދަކަމުން ޕާޓީގައި ގެންގުޅެވޭނެތަ؟

ސިޔާސީ ޕާޓީތަކުގައި ބައިވެރިވުމާއި ވަކިވުމަކީ ގާނޫނުއަސާސީގެ 30 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ މިނިވަންކަމަކާއި ހައްގެއްމެ އެވެ. އެއީ އެއްވެސް މަޖުބޫރުކަމެއް ނެތި، އެމީހެއްގެ އަމިއްލަ ރުހުމުގައި ކުރަން އޮންނަ ކަމެކެވެ. ސިޔާސީ ޕާޓީތަކުގައި މީހުން ގަދަކަމުން ގެންގުޅުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އޮންނަ ކަމެއް ނޫނެވެ.

ނަމަވެސް މާޗް 28، 2017 ގައި ވައްޑެ ޕާޓީން ވަކިކޮށް އޭނާ އަށް ލިޔުމުން އެކަން އެންގިތާ، ތިން މަހާއި 14 ދުވަސް ފަހުން ޖުލައި 12، 2017 ގައި (ސުޕްރީމް ކޯޓުން އެންޓި ޑިފެކްޝަންގެ ހުކުމް ކުރުމުގެ އެއް ދުވަސް ކުރިން) ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ސޮއިކުރައްވައި ފޮނުއްވި ސިޓީއަކުން ވައްޑެ އަށް އެންގީ ވައްޑެ އަދި ޕާޓީން ވަކިނުވާ ކަމަށެވެ.

ޕީޕީއެމުން އެކަން ވައްޑެއަށް އެންގިތާ އެއް ދުވަސް ފަހުން ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ކުރި އެ ހުކުމްގައި ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓީއަކީ އަމިއްލަ އިޚްތިޔާރާއި މިނިވަންކަމުގައި ބައިވެރިވެ އުޅުމަށް ގާނޫނީ ގޮތުން އުފެދިފައި އޮންނަ ޖަމާއަތެކެވެ.

ޕީޕީއެމްގެ ގަވާއިދުގައި ބުނަނީ، ސުލޫކީ ކޮމިޓީން ނިންމައިގެން މެމްބަރަކު ޕާޓީން ވަކިކޮށްފި ހާލަތެއްގައި އެ ނިންމުމާ މެދު ހިތްހަމަ ނުޖެހޭ ނަމަ، އެ މެންބަރަކު ވަކިކުރި ތާރީޚުން ފެށިގެން 15 ދުވަސް ތެރޭގައި އެކަން އިސްތިއުނާފު ކޮމިޓީގައި އިސްތިއުނާފް ކުރެވިދާނެ ކަމަށެވެ.

ވައްޑެ ޕީޕީއެމުން ވަކިކުރަން އެ ޕާޓީން ނިންމުމުން، އެ ބުނާ 15 ދުވަހުގެ މުއްދަތުގައި ވެސް އަދި މިހާތަނަށް ވެސް އޭނާ އެ މައްސަލަ އިސްތިއުނާފު ކޮށްފައެއް ނުވެ އެވެ. އެހެންކަމުން ވައްޑެ ހުރީ ޕާޓީގެ އެ ނިންމުމަށް ރުހި ގަބޫލުވެގެން ކަން އެނގެ އެވެ.

އެހެންކަމުން، މާޗް 28، 2017 އިން ފެށިގެން ވައްޑެ އަކީ ޕީޕީއެމްގެ މެމްބަރެއް ނޫނެވެ. އަދި އޭނާއެކޭ އެއްފަދައިން ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ނިންމައިގެން ވަކިކުރި އަމީތާއި ސައުދަކީ ވެސް، އެ މެމްބަރުން ޕާޓީން ވަކިކުރި ކަން އެންގި ތާރީޚުން ފެށިގެން ޕާޓީގެ މެމްބަރުންނެއް ނޫނެވެ. އެއިން އެއްވެސް މެމްބަރަކު އެ ނިންމުން އިސްތިއުނާފު ނުކުރުމުން އެއީ ނިހާއީ ނިންމުމެއް ކަމުގައި ގާނޫނީ ހަމަތަކުން ބަލަންޖެހެ އެވެ.

އިލެކްޝަންސްގެ ނިންމުމަށް ވީ ކިހިނެއް؟

ޖުލައި 13، 2017ގެ ފަހުން ޕާޓީ ބަދަލުކޮށްފި ނަމަ، މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ސުޕްރީމް ކޯޓުން ޖުލައި 13، 2017 ގައި، ކުރި އެންޓި-ޑިފެކްޝަން ހުކުމަށް ފަހު، މަޖިލީހުގެ ހަތަރު މެމްބަރަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަން، ޖުލައި 18، 2017 ގައި އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގި އެވެ. އަދި އޭގެ ފަހުން ޑިސެމްބަރު 2017އާ ހަމައަށް އެކި ތާރީޚްތަކުގައި، ޕީޕީއެމްގެ އެކި މެމްބަރުން އެ ޕާޓީން ވަކިވިކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގި އެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ޖުލައި 13، 2017 ގައި، ކުރި އެންޓި-ޑިފެކްޝަން ހުކުމް ބާތިލުކޮށް ފެބްރުއަރީ 1، 2018 ގައި ނެރުނު "ބޮޑު އަމުރު" ގެ (4) ވަނަ ނަންބަރުގައި ސަރީހަ ބަހުން ބުނެފައި އެ އޮތީ، އެ "... ޤަޟިއްޔާގައި ހުކުމް ކުރި ތާރީޚަށް ފަހު ރައްޔިތުންގެ މަޖިލީސްގެ މެމްބަރެއްގެ މެމްބަރުކަމުގެ ހައިސިއްޔަތު ގާނޫނީ ގޮތުން ގެއްލިފައި ނުވާ.." ކަމަށެވެ.

މި އަމުރުގެ މި އިބާރާތުން މުހިންމު ތިން ނަތީޖާއެއް ދޭހަވެ އެވެ. ފުރަތަމަ ނަތީޖާއަކީ، ޖުލައި 13، 2017ގެ ހުކުމް ބިނާވެފައިވަނީ، އެ ތާރީޚްގެ ފަހުން ޕާޓީން ވަކިވާ މެމްބަރުން މަޖިލީހުގެ މެމްބަރުކަމުން ވަކިވުމުގެ މައްޗަށް ކަމެވެ. އެހެންކަމުން، އެ "... ޤަޟިއްޔާގައި ހުކުމް ކުރި ތާރީޚަށް ފަހު ރައްޔިތުންގެ މަޖިލީސްގެ މެމްބަރެއްގެ މެމްބަރުކަމުގެ ހައިސިއްޔަތު ގާނޫނީ ގޮތުން ގެއްލިފައި ނުވާ.." ކަމަށް އޮތުމުން ދޭހަވަނީ، މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ބުނާ 12 މެމްބަރުން ޕީޕީއެމުން ވަކިވެފައިވަނީ ނުވަތަ ވަކިކޮށްފައިވަނީ ޖުލައި 13، 2017ގެ ހުކުމަށް ފަހު ނޫން ކަމެވެ.

މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނެ ބައެއް މެންބަރުން މަޖިލީހަށް ނުވައްދަން ފެށުމުން ހިނގި ހަމަނުޖެހުންތކަުގެ ތެރޭގައި ސިފައިންގެ ހިމާޔަތުގައި ޖަލްސާއެއް ކުރިއަށް ދަނީ.

މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނެ ބައެއް މެންބަރުން މަޖިލީހަށް ނުވައްދަން ފެށުމުން ހިނގި ހަމަނުޖެހުންތކަުގެ ތެރޭގައި ސިފައިންގެ ހިމާޔަތުގައި ޖަލްސާއެއް ކުރިއަށް ދަނީ.

އެ އިބާރާތުން ދޭހަވާ ދެ ވަނަ ނަތީޖާއަކީ، ޖުލައި 13، 2017ގެ ހުކުމަށް ފަހު، ޕާޓީ ބަދަލު ކޮށްފައިވާ ކަމަށް ބަލައިގެން، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނަމަ، އެ ނިންމުމެއް ބާޠިލު ކަމެވެ. އަދި އެ ތާރީޚަށް ފަހު، މަޖިލީހުގެ އެއްވެސް މެންބަރަކު ޕާޓީ ބަދަލު ކުރުމުގެ ސަބަބުން މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކޮންމެ އެންގުމަކީ ވެސް ބާތިލު އެންގުމެއް ކަމެވެ.

ފެބްރުއަރީ 1ގެ އަމުރު ދެމި އެބައޮތްތަ؟

ފެބްރުއަރީ 1ގައި ސުޕްރީމް ކޯޓުން ކުރި އެ އަމުރު ބަލައިނުގަނެވުމުން، ފެބްރުއަރީ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި އެވެ. އެއަށް ފަހު އެ ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން، ފެބްރުއަރީ 6، 2018ގައި ނެރުނު އަމުރުގައި، ފެބްރުއަރީ 1ގެ އަމުރުގެ ބައެއް ބައިތައް ބާތިލު ކުރި އެވެ.

ނަމަވެސް ބާތިލު ކުރި ބައިތަކުގެ ތެރޭގައި، މެމްބަރުން މަޖިލީހުން ވަކިނުވާ ކަމަށް ބުނެފައި އޮތް ބައެއް ނުހިމެނެ އެވެ. އަދި ފްލޯ ކްރޮސްކުރުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ޖުލައި 13، 2017ގައި ކުރި ހުކުމް ބާތިލުވެއްޖެ ކަމަށް ފެބްރުއަރީ 1، 2018ގެ އަމުރުގައި އޮތް ބައި ވެސް ނުހިމެނެ އެވެ.

މާނައަކީ ފްލޯ ކްރޮސް ކުރުމާ ބެހޭ ގޮތުން ޖުލައި 13، 2017ގައި ކުރި ހުކުމްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ހުރިހާ ނިންމުމެއް ފެބްރުއަރީ 1، 2018 އިން ފެށިގެން ބާތިލުވެގެން ދިއުމެވެ.

ނަމަވެސް ފެބްރުއަރީ 18، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އެހެން އަމުރެއްގައި، ދައުލަތުގެ އިދާރާތަކަށް ދެ ކަމެއް އަންގާފައިވެ އެވެ. ފުރަތަމަ ކަމަކީ، ފްލޯ ކްރޮސް ކުރުމާ ބެހޭ ގޮތުން ޖުލައި 13، 2017ގައި ކުރި ހުކުމް ބާތިލު ކަމަށް ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށެވެ. އެ ހުކުމް ބާތިލު ކަމަށް ނިންމި ނިންމުން ބާތިލެއް ނުކުރެ އެވެ.

ދެ ވަނަ ކަމަކީ ޖުލައި 13، 2017 ގައި މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިބި އެންމެން ހިމެނޭ ގޮތަށް، މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ކަނޑައަޅާފައިވާ ބަޔަށް އަމަލު ކުރުން ފަސް ކުރުމަށެވެ. މި ގޮތަށް އަމުރުކުރި އިރު ވެސް، ޖުލައި 13، 2017ގެ ފަހުން މަޖިލީހުގެ މެމްބަރަކު ވަކިވިކަމަށް ބުނެފައެއް ނުވެ އެވެ.

އެހެންކަމުން، މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ޕީޕީއެމުން އެ ބުނާ 12 މެންބަރުން މަޖިލީހުން ވަކިނުވާ ކަމަށް ކަނޑައަޅައި، ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު އަދިވެސް އޭގެ ފުރިހަމަ ގާނޫނީ އަދި ދުސްތޫރީ އަހުލިއްޔަތުގައި ދެމި އޮތް ކަމުގައި ގަބޫލުކުރަންޖެހެ އެވެ.

މި ހުރިހާ ހަމައަކުން ބެލުމުން ސާފުކޮށް އެނގެނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރުމުގެ ސަބަބުން މަޖިލީހުން ވަކިކުރަން ސަރުކާރާއި ޕީޕީއެމުން ބޭނުންވާ 12 މެމްބަރުން މަޖިލީހުގެ މެމްބަރުކަމުން ވަކިނުވާ ކަމެވެ. އަދި އިއްޔެ ފާސްކުރި ގާނޫނުގެ ދަށުން ވަކިކުރަން ބެލިޔަސް އެކަން ނުކުރެވޭނެ ކަމެވެ.

ސަބަބަކީ އެ ހުރިހާ މެމްބަރުންނަކީ ވެސް އެ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނާ ތާރީޚުގެ ކުރިން، އެ މެމްބަރުން މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެފައިވާ މެންބަރުން ކަމުގައިވާތީ އެވެ. އަދި މިނިވަން މެމްބަރުންގެ ގޮތުގައި އިންތިޚާބުވުމަށް ފަހުގައި ޕީޕީއެމަށް ވަނުމަށް ފަހު ވަކިވި މެމްބަރުން ވެސް އެ ތާރީޚުގެ ކުރިން ވަކިވެފައިވާތީ އެވެ.