Roadha Mihaaru
ހައިވެގެން ބައްޓެއް ވަގަށް ނެގި މީހަކު ސަލާމަތްވެއްޖެ

ދަރިންނަށް ކާންދޭން ބައްޓެއް ވަގަށް ނެގި މީހަކު ސަލާމަތްވެއްޖެ

29 މާޗް 2018

ބައްޓެއް ވަގަށް ނެގި މައްސަލައެއްގައި މީގެ ނުވަ އަހަރު ކުރިން ޖަލު ހުކުމަކާ އެކު ޖޫރިމަނާއެއް އައި އިޓަލީ މީހެއްގެ މައްސަލަ ސުޕްރީމް ކޯޓާ ހިސާބަށް ގޮސް، އެ މީހާގެ ކުށެއް ނެތް ކަމަށް ހުކުމް ކޮށްފި އެވެ.

ބައްޓެއް ވަގަށް ނެގި މައްސަލައެއްގައި މީގެ ނުވަ އަހަރު ކުރިން ޖަލު ހުކުމަކާ އެކު ޖޫރިމަނާއެއް އައި އިޓަލީ މީހެއްގެ މައްސަލަ ސުޕްރީމް ކޯޓާ ހިސާބަށް ގޮސް، އެ މީހާގެ ކުށެއް ނެތް ކަމަށް ހުކުމް ކޮށްފި އެވެ.

އޭރު އުމުރުން 49 އަހަރުގެ އެ މީހާ ވައްކަމުގެ މައްސަލާގައި ހައްޔަރުކުރީ މީހެއްގެ ދަނޑަކުން ދަނބު ބައްޓެއް ވަގަށް ނަގައިގެން ނިކުންނަނިކޮށެވެ. އެ މައްސަލާގައި ދައުވާކުރުމުން ދަށު ކޯޓުން ހުކުމް ކުރީ އެ މީހާ ފަސް މަހަށް ޖަލަށް ލައި 500 ޔޫރޯ (620 ޑޮލަރު) އިން ޖޫރިމަނާ ކުރާށެވެ. ވައްކަންކުރީ ދަރިންނަށް ކާންދެވޭނެ ގޮތެއް ނެތިގެން ކަމަށް ބުނެ އެ ހުކުމް އިސްތިއުނާފު ކުރުމުން ޖަލު ހުކުމް ދެ މަސް ދުވަހަށް ކުޑަކޮށް ޖޫރިމަނާ ވެސް 120 ޔޫރޯ އަށް ބަދަލުކުރި އެވެ.

ހުކުމް ލުއި ވިޔަސް، ކުށްވެރިވި މީހާގެ ވަކީލުން އެކަމާ ހިތްހަމަނުޖެހި އެންމެ މަތީ ކޯޓާ ހިސާބަށް ދިޔައީ އެވެ. އޭރު ހުކުމް ތަންފީޒުކޮށް ނިމުނުތާ ވެސް ދިހަ ވަރަކަށް އަހަރުވެއްޖެ އެވެ.

މަތީ ކޯޓުން މި މައްސަލަ ބެލުމަށް ފަހު ބުނީ މައްސަލަ ހިންގާފައި ވަނީ ވަރަށް އާދައިގެ ހެކިތަކެއްގެ މައްޗަށް ބިނާކޮށްފައި ކަމަށާއި ކުށްވެރިވި މީހާގެ މާލީ ހާލަތަށް ވެސް ބަލާފައި ނުވާ ކަމަށެވެ.

"އެ މީހާ ވައްކަންކުރީ އާއިލާގެ ބަނޑުފުރާނަމުއްތި ކުރެވޭނެ ގޮތެއް ނެތިގެންކަން މި މައްސަލައިން އެނގޭ ... ވައްކަން ކުރި ސަބަބެއް ކަމަށް އޭނާ ބުނާ ކަންތައް ގަބޫލުކުރެވޭ،" މަތީ ކޯޓުގެ ނިންމުމާ ހަވާލާދީ އިޓަލީގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.

ކޯޓުން ވަނީ މި މީހާގެ ވަކީލުންގެ ފީ ވެސް ދައްކަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ. ވަކީލުންގެ ފީއަށް 7000-8000 ޔޫރޯ އަރާއިރު މި އަދަދު ދެއްކުމުގެ ގާބިލަންކަން އެ މީހާގެ ކިބައިގައި ނެތް ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.