Roadha Mihaaru
އައްޑޫގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރު ގެންދަން އެދެފި

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރި އެއް ހެލިކޮޕްޓަރު ގެންދަން އެދެފި

04 އެޕްރީލް 2018

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ތެރެއިން އެކަތި އަނބުރާ ގެންދަން ދިވެހި ސަރުކާރުން އެދިފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ތެރެއިން އެކަތި އަނބުރާ ގެންދަން ދިވެހި ސަރުކާރުން އެދިފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފި އެވެ.

ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ، ޓައިމްސް އޮފް އިންޑިއާ އިން ބުނީ، ދިވެހި ސަރުކާރުން އެދުނީ ސ. ގަމުގައި އޮންނަ ހެލިކޮޕްޓަރު އަނބުރާ ގެންދަން ކަމަށެވެ. އޭގެ ބަދަލުގައި، ސަރުކާރުން ބޭނުން ވަނީ، ޑޯނިއާ މެރިޓައިމް ސަވަޔަލެންސް އެއާކްރާފްޓެއް ކަމަށް ވެސް އެ ނޫހުގައިވެ އެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓް ކޮށްފައިވާ ގޮތުން، ހެލިކޮޕްޓަރު އަނބުރާ ގެންދަން، ދިވެހި ސަރުކާރުން އެންގި އަސްލު ސަބަބު އިންޑިއާ އިން އަންނަނީ އޮޅުން ފިލުވަމުންނެވެ.

އިންޑިއާ އިން ދިވެހި އަސްކަރިއްޔާ އަށް ހެލިކޮޕްޓަރެއް ފުރަތަމަ ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. ގަން އެއާޕޯޓުގައި ބާއްވާފައި އޮންނަނީ އެ ހެލިކޮޕްޓަރެވެ. ފަހުން ހަދިޔާ ކުރި ހެލިކޮޕްޓަރު އޭޕްރީލް، 2011 ގައި ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައި ދީފައިވާ ހޭންގަރުގައި ބާއްވައިގެންނެވެ.

ދިވެހި ސިފައިން ތަމްރީނު ކުރެވެން ދެން، އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަނީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ. އެ މީހުން ރާއްޖޭގައި ތިބެނީ ދެ ގައުމުން ބަދަލު ކުރާ "ލެޓަ އޮފް އެކްސްޗޭންޖް"އެއްގެ ދަށުންނެވެ. މި އެއްބަސްވުން ކޮންމެ ދެ އަހަރަކުން އާ ކުރަންޖެހެ އެވެ.

ގަމުގައި އޮންނަ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގެ އެއްބަސްވުން ހަމަވެފައިވިޔަސް، ޓައިމްސް އޮފް އިންޑިއާ އިން ބުނީ، ދިވެހި ސަރުކާރުގެ ވިސްނުމަކީ އެ އެއްބަސްވުން އާ ނުކުރުމެވެ.

އިންޑިއާ އިން ހަދިޔާ ކުރި ދެ ހެލިކޮޕްޓަރު ވެސް އާއްމުކޮށް ބޭނުން ކުރަނީ ހާލު ދެރަ ބަލި މީހުން އުފުލާށެވެ.

ދެ ހެލިކޮޕްޓަރުގެ ތެރެއިން އެކަތި ގެންދަން ދިވެހި ސަރުކާރުން އެދިފައި މިވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ދެ ގައުމުގެ ޚިޔާލު ތަފާތުވުން ބޮޑުވެފައި ވަނިކޮށެވެ. ރާއްޖޭގެ ސިޔާސީ ކަންކަމަށް ހައްލު ހޯދަން އެދި އިންޑިއާ އިން ހަރުކަށި، ބަޔާންތައް ނެރެފައިވާ މައްސަލައިގައި، ދިވެހި ސަރުކާރުން ހިތްހަމައެއް ނުޖެހެ އެވެ.

ސަރުކާރުން ތަކުރާރުކޮށް ދޭ ޖަވާބަކީ، ބޭރުގެ ބާރުތަކާ އެކު ކިތަންމެ އެކުވެރި ގުޅުމެއް އޮތް ނަމަވެސް ރާއްޖޭގެ ކަންކަން އަމިއްލަ އަށް ނިންމަން ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

މި ކޯޅުން ބޮޑުވެފައި އޮއްވައި، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ގަމަރް ޖާވިދް ބަޖްވާ، ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަތުން ވެސް ވީ އިންޑިއާ ނުތަނަވަސްވި ކަމަކަށެވެ. ދިވެހި ސަރުކާރާއި ޕާކިސްތާންގެ އަސްކަރިއްޔާގެ އިސް ފަރާތްތަކާ އެކު ބައްދަލުކޮށް، ދެ ގައުމު ގުޅިގެން، ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ޕެޓްރޯލް ކުރުން ކުރިއަށް ގެންދިޔުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރި އެވެ. މިކަމުގެ ކަންބޮޑުވުން އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ، އެ ގައުމުގެ ނޫސްތަކުން ފާޅުކުރި އެވެ.

ރާއްޖޭގައި 45 ދުވަހަށް އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލި ފަހުން، ބޭރުގެ އިސް އޮފިޝަލަކަށް ރާއްޖެ ވަޑައިގަތް ފުރަތަމަ ބޭފުޅަކީ، ޕާކިސްތާނުގެ އަސްކަރީ ވެރިޔާ ކަން ޓައިމްސް އޮފް އިންޑިއާ އިން ވެސް ފާހަގަކޮށްފައިވެ އެވެ.