Roadha Mihaaru
އެއްބަސްވުން އާކޮށް ހެލިކޮޕްޓަރު ބޭނުން ކުރަން ފަށައިފި

އެއްބަސްވުން އާކޮށް އިންޑިއާގެ ހެލިކޮޕްޓަރު ބޭނުން ކުރަން ފަށައިފި

05 ޖެނުއަރީ 2019

ބަލި މީހުން އުފުލާއި ވައިގެ މަގުން ކަނޑުގެ ސަރަހައްދު ބަލަން އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރުގެ އެގްރިމެންޓް އާކޮށް އޮޕަރޭޝަންތަކުގައި އަލުން ބޭނުން ކުރަން ފަށައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ބަލި މީހުން އުފުލާއި ވައިގެ މަގުން ކަނޑުގެ ސަރަހައްދު ބަލަން އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރުގެ އެގްރިމެންޓް އާކޮށް އޮޕަރޭޝަންތަކުގައި އަލުން ބޭނުން ކުރަން ފަށައިފި އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރާއި އެ ދޭ ތި ދުއްވާށާއި ބަލަހައްޓަން އިންޑިއާ ސިފައިން ތިބޭތީ އެ މައްސަލާގައި ިދިވެހިންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑެވެ.

ނަމަވެސް އެގްރިމެންޓް އާކޮށް، ހެލިކޮޕްޓަރު ބޭނުންކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ރޭ ވަނީ ބުނެފަ އެވެ.

އެއްބަސްވުން އާކުރުމާ އެކު ރާއްޖޭގެ ބައެއް ހިސާބުތަކުން އިއްޔެ އާއި މިއަދު ވެސް ވަނީ ބަލިމީހުން މާލެ ގެނެސްފަ އެވެ. އެގޮތުން މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި އޮތް 81 އަހަރުގެ ބަލި އަންހެނަކު މިއަދު ހެނދުނު ހެލިކޮޕްޓަރުގައި ގެނަ އެވެ. އަދި އިއްޔެ ދެ ރަށަކުން ދެ މީހަކު ވަނީ ގެނެސްފަ އެވެ.

ހެލިކޮޕްޓަރު ރާއްޖޭގައި ބޭނުން ކުރުމުގެ އެގްރިމެންޓް އާ ސަރުކާރުން އާކުރިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާ އެކު އޮތް ގުޅުން ހީނަރުވެ އެ ދެ އުޅަނދު ގެންދަން ވެސް އޮތީ އަންގައިފަ އެވެ.

އިންޑިއާގެ ދެ ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓް ކުރުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެ ގައުމުގެ ސިފައިންގެ ބެލުމުގެ ދަށުގައި ދެ އުޅަނދު އޮތުމެވެ. ހެލިކޮޕްޓަރު އޮޕަރޭޓްކުރާނެ ދިވެހި ސިފައިން ތަމްރީންކޮށްފައެއް ނުވެ އެވެ.

ބަލި މީހުން އުފުލާށާއި ސާޗް އެންޑް ރެސްކިއު މިޝަންތަކުގައި ބޭނުން ކުރުމަށް ދެ ހެލިކޮޕްޓަރު ފުރަތަމަ ގެނެސްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރެވެ. އޭގެ ފަހުން ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި ރައީސް ޔާމީން ވެސް ވަނީ އެ އެއްޗެހި ރާއްޖޭގައި އޮޕަރޭޓް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.