Roadha Mihaaru
މަތިންދާބޯޓެއް ދޭން އިންޑިއާ ވަނީ އެއްބަސްވެފައި

ހެލިކޮޕްޓަރު ގެންގޮސް މަތިންދާބޯޓެއް ދޭން އިންޑިއާ އިން ވަނީ އެއްބަސްވެފައި

05 އެޕްރީލް 2018

ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލިކޮޕްޓަރު ފޮނުވާލާފައި ޑޯނިއާ މެރިޓައިމް ސަވަޔަލެންސް މަތިންދާބޯޓެއް ދިނުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ދިވެހި ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލިކޮޕްޓަރު ފޮނުވާލާފައި ޑޯނިއާ މެރިޓައިމް ސަވަޔަލެންސް މަތިންދާބޯޓެއް ދިނުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ދިވެހި ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުން ވަނީ ދިވެހި އަސްކަރިއްޔާ އަށް ދެ ހެލިކޮޕްޓަރެއް ދީފަ އެވެ. ދިވެހި ސިފައިން ތަމްރީނު ކުރެވެން ދެން، އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަނީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ. އެކަމަކު، އޭގެ ތެރެއިން އެއް ހެލިކޮޕްޓަރު އަނބުރާ ގެންދަން ދިވެހި ސަރުކާރުން ވަނީ އެދިފަ އެވެ.

ސަރުކާރުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރާއްޖެ އާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތީ ހެލިކަޕްޓަރެއްގެ ބަދަލުގައި މަތިންދާ ބޯޓެއް ރާއްޖެ އަށް ދިނުމަށް ކަމަށެވެ. އެކަމަކު، އެކަމާ ގުޅޭ އެއްބަސްވުމެއްގައި ދެ ގައުމުން އަދި މިހާތަނަށް ސޮއިކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މަތިންދާ ބޯޓު ބޭނުން ކުރާނީ ހެލިކޮޕްޓަރުގެ ބޭނުން ކުރި ގޮތަށެވެ.

"އެމްއެންޑީއެފްގެ ބޭނުންތަކަށާއި ބަލި މީހުން އުފުލުމަށް މަތިންދާ ބޯޓު ބޭނުން ކުރާ ގޮތަށް އޮތީ. އެކަމަކު، އެ މަތިންދާ ބޯޓު ލިބޭނެ ވަކި ދުވަހެއް ބުނާކަށް ނޭނގޭ،" އޮފިޝަލް ވިދާޅުވި އެވެ.

އިންޑިއާ އިން ދެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮޕަރޭޓް ކުރާއިރު، ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. ސ. ގަން އެއާޕޯޓުގައި އެ ހެލިކޮޕްޓަރު ބާއްވާފައި އޮންނައިރު، ފަހުން ގެނައި ހެލިކޮޕްޓަރު އޭޕްރީލް، 2011 ގައި ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައި ދީފައިވާ ހޭންގަރުގައި ބާއްވައިގެންނެވެ.

ދިވެހި ސަރުކާރުގެ އެހެން އޮފިޝަލަކު އިއްޔެ ވިދާޅުވީ ހެލިކޮޕްޓަރު ފޮނުވާލަން ޖެހެނީ ގިނަ ކަންބޮޑުވުންތަކެއް ހުރުމާ އެކު ހައްލު ހޯދައިދޭން އިންޑިއާ އަށް ދިން ފުރުސަތުގައި އެކަމަށް ހައްލުތައް ނުހޯދުމުން ކަމަށެވެ. އެގޮތުން އައްޑޫގައި، އިންޑިއާ ސިފައިން އެކަނި އޮޕަރޭޝަންތައް ހިންގުމަކީ ދިވެހި ސަރުކާރުގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ވެސް ސަރުކާރުގެ އޮފިޝަލް ވިދާޅުވި އެވެ.

ގަމުގައި އޮންނަ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގެ އެއްބަސްވުން ހަމަވެފައި ވިޔަސް، ދިވެހި ސަރުކާރުގެ ވިސްނުމަކީ އެ އެއްބަސްވުން އާ ނުކުރުމެވެ.

ދެ ހެލިކޮޕްޓަރުގެ ތެރެއިން އެކަތި ގެންދަން ދިވެހި ސަރުކާރުން އެދިފައި މިވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ރާއްޖެ-އިންޑިއާގެ ޚިޔާލު ތަފާތުވުން ބޮޑުވެފައި ވަނިކޮށެވެ. ރާއްޖޭގެ ސިޔާސީ ކަންކަމަށް ހައްލު ހޯދަން އެދި އިންޑިއާ އިން ހަރުކަށި، ބަޔާންތައް ނެރެފައިވާ މައްސަލައިގައި، ދިވެހި ސަރުކާރުން ހިތްހަމައެއް ނުޖެހެ އެވެ. ސަރުކާރުން ތަކުރާރުކޮށް ދޭ ޖަވާބަކީ، ބޭރުގެ ބާރުތަކާ އެކު ކިތަންމެ އެކުވެރި ގުޅުމެއް އޮތް ނަމަވެސް ރާއްޖޭގެ ކަންކަން އަމިއްލަ އަށް ނިންމަން ފުރުސަތު ދޭން ޖެހޭ ކަމަށެވެ.