Roadha Mihaaru
"ކްއަންޓިކޯ 3" ގެ ޓީޒާ ދައްކާލައިފި

"ކްއަންޓިކޯ" ސީޒަން 3ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި

07 އެޕްރީލް 2018

ޕްރިޔަންކާ ޗޯޕްޅާގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަން މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދައްކަން ފަށާނެކަން އިއުލާން ކުރުމަށް ފަހު، މީގެ ފުރަތަމަ ޓީޒާ ޓްރެއިލާ ވެސް އޭބީސީ ނެޓްވޯކުން ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރިޔަންކާ ޗޯޕްޅާގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަން މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދައްކަން ފަށާނެކަން އިއުލާން ކުރުމަށް ފަހު، މީގެ ފުރަތަމަ ޓީޒާ ޓްރެއިލާ ވެސް އޭބީސީ ނެޓްވޯކުން ދައްކާލައިފި އެވެ.

ޕްރިޔަންކާ ވެސް ވަނީ ޓީޒާ ޓްވިޓާ އާއި އިސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

"ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަނުން ކުރީގެ މުހިިއްމު ގިނަ ކެރެކްޓާތައް ފެނިގެންދާ އިރު، ޕްރިޔަންކާ ކުޅޭ އެލެކްސް ޕެރިޝްގެ ކެރެކްޓާ ފެނިގެން ދާނީ ފުރަތަމަ ދެ ސީޒަނުން ފެނުނު ގޮތާ ވަރަށް ތަފާތުކޮށެވެ. ހާއްސަކޮށް އޭނާގެ ލުކްސް މި ފަހަރުގެ ސީޒަނުގައި ތަފާތު ވާނެ އެވެ.

އަދި ވަކިން ހާއްކޮށް ކުރިއަށް ވުރެ ވަރުގަދަ އަދި ގިނަ އެކްޝަން މަންޒަރުތަކެއް ވެސް މި ފަހަރު ސިލްސިލާ ފެނިގެން ދާނެ އެވެ. މީގެ ކާސްޓުންގެ ތެރޭގައި ޖޭކް މެކްލޯލިން، ޖޮހާނާ ބްރެޑީ، ބްލެއާ އަންޑަވުޑް އަދި ރަސަލް ޓޯވީ ހިމެނެ އެވެ.

ޖޯޝުއާ ސަފްރާން ދެހާސް ފަނަރާގައި ގެނެސް ދޭން ފެށި ސިލްސިލާ "ކްއަންޓިކޯ" ގެ ފުރަތަމަ ދެ ސީޒަނަށް ލިބުނު ބޮޑު ތަރުހީބާ އެކު، ތިން ވަނަ ސީޒަނަކަށް ދަންމައިލި އިރު، މިއީ ފަހު ސީޒަން ވެސް މެ އެވެ. ތިން ވަނަ ސީޒަނުގައި ހިމެނެނީ ޖުމްލަ 13 އެޕިސޯޑެވެ.

ފުރަތަމަ ދެ ސީޒަނުގައި ވަނީ ޖުމްލަ 44 އެޕިސޯޑް ގެނެސް ދީފަ އެވެ. އެއީ ކޮންމެ ސީޒަނެއްގައި 22 އެޕިސޯޑެވެ.