Roadha Mihaaru
"ކްއަންޓިކޯ ގެ އޮޑިޝަން ހެދި އިރު ވަރަށް ބިރު ގަތް"

"ކްއަންޓިކޯ" ގެ އޮޑިޝަން ހެދި އިރު ވަރަށް ބިރު ގަތް: ޕްރިޔަންކާ

01 ޖޫން 2016

ބޮލީވުޑްގައި 50 ފިލްމް ކުޅެފައި ވެސް ހޮލީވުޑަަށް ގޮސް ޓީވީ ސިލްސިލާ "ކްއަަންޓިކޯ" އަށް އޮޑިޝަން ހަދަން ޖެހުމުން ވަރަށް ހާސްވެ، ބިރު ގަތް ކަމަށް މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގައި 50 ފިލްމް ކުޅެފައި ވެސް ހޮލީވުޑަަށް ގޮސް ޓީވީ ސިލްސިލާ "ކްއަަންޓިކޯ" އަށް އޮޑިޝަން ހަދަން ޖެހުމުން ވަރަށް ހާސްވެ، ބިރު ގަތް ކަމަށް މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.

"ކްއަންޓިކޯ" އިން މިހާރު ހޮލީވުޑް ފަތަހަކޮށްފައިވާ ޕްރިޔަންކާ ބުނީ އޮޑިޝަނުގައި ކަންކަން ވާ ގޮތް، އޭނާ އަށް ކުރިން ވެސް އޮތީ ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައި ކަމަށެވެ.

"ކްއަންޓިކޯ އަށް ހެދި އޮޑިޝަނަކީ އަހަރެންގެ ހަޔާތުގައި ހެދި ފުރަތަމަ އޮޑިޝަނެއް ނޫން. ކިތަންމެ އޮޑިޝަނެއް މާޒީވެގެން ގޮސްފައި އޮތީ،" 2000 ވަނަ އަހަރު މިސް ވޯލްޑްގެ ތާޖް ހާސިލް ކުރުމަށް ފަހު، 2003 ވަނަ އަހަރު ފިލްމް "ދަ ހީރޯ" އިން ސަނީ ޑީއޯލް އާ އެކު ބޮލީވުޑަަށް ނިކުތް ބަތަލާ ބުންނެވެ.

ޕްރިޔަންކާ ބުނީ "ކްއަންޓިކޯ" ގެ އޮޑިޝަން ހަދަން ޖެހުމުން ލިބުނު ހާސްކަމާ އެކު ތެޅިފޮޅެން ޖެހުނު ކަމަށެވެ. އެހެންވެ އިރުއިރުކޮޅާ ފާހާނާ އަށް ވަދެ، ހަމަޖެހެން މަސައްކަތް ކުރި ކަމަށް ބުންޏެވެ.

"އަހަންނަށް އެނގޭ އަހަރެން އައީ ފަންސާސް ފިލްމް ކުޅެފައިކަން. އެކަމަކު ވެސް ކުއަންޓިކޯގެ އޮޑިޝަނަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން،" 2008 ވަނަ އަހަރު "ފެޝަން" ކުޅެގެން ނެޝަނަލް އެވޯޑް ވެސް ހޯދި ބަތަލާ ބުންޏެވެ. "އެއީ ވަރަށް ހާސްވެ ބިރު ގަތް ދުވަހެއް."

އޭނާ އަދި "ކުއަންޓިކޯ" އިން ފުރުސަތު ލިބުނު އިރު ވެސް އޭނާ ހުރީ ޓީވީ ސިލްސިލާއެއް ކުޅުމާ ދޭތެރޭ ދެ ހިޔާލެއްގައި ކަމަށެވެ.

ނަމަވެސް އޭގެ ކާސްޓިންގައި މަސައްކަތް ކުރި ކެލީ ލީ އިންޑިއާ އަށް އައިސް ބައްދަލު ކުރި ކަމަށް ޕްރިޔަންކާ ބުންޏެވެ.

ކްއަންޓިކޯގެ ކާސްޓް: މިއީ ޕްރިޔަންކާގެ ފުރަތަމަ ހޮލީވުޑް ސީރީޒް.

ކްއަންޓިކޯގެ ކާސްޓް: މިއީ ޕްރިޔަންކާގެ ފުރަތަމަ ހޮލީވުޑް ސީރީޒް.

"އޭނާ ބުނި އަންނާށޭ ލޮސް އެންޖަލިސް އަށް، ގޮސްފަ ސްކްރިޕްޓާ އެއްޗެހި ކިޔާލާނީއްޔޭ. ދެން އަހަރެން ހިތްހަމަނުޖެހެންޏާ އެއްބަސް ނުވާނީއޭ،" ޕްރިޔަންކާ، 33، ބުންޏެވެ. "އެހެންވެ ދެން ފަހުން ހިތަށް އެރީ ކެލީ ބުނި ގޮތަށް ހަދާނީ. ކޮބާހޭ މައްސަލައަކީ."

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޕްރިޔަންކާ ބުނީ "ކްއަންޓިކޯ" ގެ ސްކްރިޕްޓް ކިޔާލި އިރު، އޭގައި އޭނާ އަދާ ކުރާ އެލެކްސް ޕެރިޝްގެ ކެރެކްޓާއަކީ ހަމަ ސީދާ އޭނާ އަށް ފަހާފައި އޮތް ކޯޓެއް ކަމަށް އިހުސާސް ކުރެވުނު ކަމަށެވެ.

"އެހެންވީމާ އަސްލު އަހަރެން ހަމަ ބޭނުންވި ކަހަލަ ރޯލެއް ކުޅެން ލިބުނީ،" ވަރަށް ބިޒީ ޝެޑިއުލްއަކަށް ފަހު 10 ވަރަކަށް ދުވަހަށް މިހާރު އިންޑިއާ އަށް ގޮސް ހުރި ބަތަލާ ބުންޏެވެ.

ޕްރިޔަންކާ ވަނީ އޭނާގެ ފުރަތަމަ ހޮލީވުޑް ފީޗާ ފިލްމް "ބޭވޮޗް" ގެ ޝޫޓިން ވެސް މިހާރު ނިންމާލައިފަ އެވެ. އެ ފިލްމުގައި އޭނާ ފެނިގެން ދާނީ ވިކްޓޯރިއާ ލީޑްސް ކިޔާ ނުފޫޒް ގަދަ ވިލަންއެއްގެ ރޯލުންނެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިގެން ދިޔަ ބޮލީވުޑް ފިލްމަކީ މިދިޔަ މާޗް މަހު ރިލީޒް ކުރި "ޖެއި ގަންގާޖަލް" އެވެ. އަދި އޭނާ ކުޅޭނެ އާ ފިލްމެއް ނުނިންމަ އެވެ.