Roadha Mihaaru
އިންޑިއާއިން ހެލިކޮޕްޓަރެއް ހަދިޔާ ނުކުރާ ކަމަށް ބުނެފި

މިހާރު ބުނަނީ އިންޑިއާ އިން ރާއްޖެ އަށް ހެލިކޮޕްޓަރެއް ހަދިޔާ ނުކުރާ ކަމަށް

09 އެޕްރީލް 2018

ރާއްޖޭގައި އޮޕަރޭޓް ކުރަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރު ކަމަށް ކުރިން ބުނަމުން އައި ނަމަވެސް އެއީ ހަދިޔާކޮށްފައިވާ އެއްޗެހިކަން އެނގެން ނެތް ކަމަށް ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި އޮޕަރޭޓް ކުރަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރު ކަމަށް ކުރިން ބުނަމުން އައި ނަމަވެސް އެއީ ހަދިޔާކޮށްފައިވާ އެއްޗެހިކަން އެނގެން ނެތް ކަމަށް ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮޕަރޭޓް ކުރާއިރު، ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. ސ. ގަން އެއާޕޯޓުގައި ބާއްވާފައި އޮންނަނީ އެ ހެލިކޮޕްޓަރެވެ. ފަހުން ގެނައި ހެލިކޮޕްޓަރު އޭޕްރީލް، 2011 ގައި ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައި ދީފައިވާ ހެގަރުގައި ބާއްވައިގެންނެވެ.

މީގެ ކުރިން، ސަރުކާރުން ބުނެފައި ވަނީ ސ. ގަމާއި ލ. ގަމު އެއާޕޯޓުގައި އޮތް ދެ ހެލިކޮޕްޓަރަކީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ކަމަށެވެ.

ނަމަވެސް، ދިވެހި ސަރުކާރުގެ އޮފިޝަލް މިއަދު ވިދާޅުވީ އިންޑިއާ އިން އެއްވެސް އިރެއްގައި ރާއްޖެ އަށް ހެލިކޮޕްޓަރެއް ހަދިޔާކޮށްފައި ނުވާ ކަމަށެވެ. ރާއްޖޭގައި މިހާރު އޮތް ދެ ހެލިކޮޕްޓަރަކީ ދިވެހި އަސްކަރިއްޔާގެ ބައިވެރިވުމެއް ނެތި އޮޕަރޭޓް ކުރަމުން އަންނަ ދެ ހެލިކޮޮޕްޓަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މިހާތަނަށް މިކަން ކުރަމުން އަންނަނީ، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުމުގެ ދަށުންނެވެ.

"އެއީ އިންޑިއާ އިން ރާއްޖެ އަށް ދިން ހަދިޔާއެއް ނޫން. ދެ ހެލިކޮޕްޓަރުތަކާ ގުޅޭ އެއްވެސް ލިޔެކިޔުމެއްގައި ވެސް ނެތް އެއީ، އެ ގައުމުން ހަދިޔާކުރި އެއްޗެއް ކަމަށް ދޭހަވާނެ ފަދަ އެއްވެސް އިބާރާތެއް ވެސް،" އޮފިޝަލް ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރު ވެސް އާއްމުކޮށް ބޭނުން ކުރަނީ ބަލި މީހުން އުފުލާށެވެ. މީގެތެރެއިން، ގަމުގައި ދުއްވާ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ހެލިކޮޕްޓަރު ފޮނުވާލަން ޖެހެނީ ގިނަ ކަންބޮޑުވުންތަކެއް ހުރުމާ އެކު ހައްލު ހޯދައިދޭން އިންޑިއާ އަށް ދިން ފުރުސަތުގައި އެކަމަށް ހައްލުތައް ނުހޯދުމުން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. އިންޑިއާ ސިފައިން އެކަނި އޮޕަރޭޝަންތައް ހިންގުމަކީ ދިވެހި ސަރުކާރުގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.

މިކަމަށް ހައްލެއް ހޯދުމަށް ދިވެހި ސަރުކާރުން ހުށަހެޅީ އޮޕަރޭޝަންތަކުގައި ދިވެހި ސިފައިންގެ ބައިވެރި ކުރުމެވެ. މިއީ، އެންމެ ކުރިއްސުރެ އެއްބަސްވުމުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. ޕައިލެޓުން ތަމްރީން ކުރުމަށް އިންޑިއާ އިން އެއްބަސްވެފައިވީ ނަމަވެސް މިއަދާ ހަމައަށް އަސްކަރީ ހެލިކޮޕްޓަރަށް ޚާއްސަ ދިވެހި ޕައިލެޓަކު ތަމްރީނެއް ނުކުރެވެ އެވެ.

ދިވެހި ސަރުކާރުގެ އަނެއް ހުށަހެޅުމަކީ، ގަމުގައި އޮތް ހެލިކޮޕްޓަރު، ކައްދު އަށް ބަދަލުކުރުމެވެ. ސަބަބަކީ، އޮފިޝަލް ވިދާޅުވި ގޮތުގައި، ކައްދު އަކީ ދިވެހި އަސްކަރިއްޔާގެ ޚާއްސަ ވިންގަށް ވުމެވެ. އަސްކަރީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކައްދޫގައި އެ ހެލިކޮޕްޓަރު ބާއްވައިގެން އޮޕަރޭޓް ކުރަން ހުށަހަޅައި އެކަމަށް އެއްބަސްވާން އިންޑިއާ އަށް ވަގުތު ދިން ކަމަށް ސަރުކާރުގެ އޮފިޝަލް ވިދާޅުވި އެވެ. ހެލިކޮޕްޓަރު މައްސަލައިގައި ނުތަނަވަސްކަން އުފެދިފައި މިވަނީ، ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅޭ ގޮތުން އިންޑިއާއިން ދައްކާ ވާހަކަތަކާ މެދު ދިވެހި ސަރުކާރުން ހިތްހަމަނުޖެހި، އަމިއްލަ އަށް ކަންކަން ނިންމުމުގެ ފުރުސަތު ރާއްޖެ އަށް ވެސް އޮންނަން ޖެހޭނެ ކަމަށް ބުނެފައި ވަނިކޮށެވެ.