Roadha Mihaaru
އިރަށް ކުރާ ފުރަތަމަ ދަތުރު

އިރަށް ކުރާ ފުރަތަމަ ދަތުރު

12 އެޕްރީލް 2018

އިރަށް އުޅަނދެއް ފޮނުވުމަށް ނާސާ ތައްޔާރުވަނީ އެވެ. ނާސާ ބުނާ ގޮތުގައި، އަންނަ ޖުލައި 31 ގައި، "ޕާކާ ސޯލާ ޕްރޯބް" ބިމުން ފުރާނެ އެވެ. މަންޒިލަކީ އިރު ނަމަވެސް، ހަލާކުނުވެ އިރަށް ވެއްޓިގަނެވޭ ވަރުގެ ކުޅަދާނަކަން މި އުޅަނދަށް ލިބިފައެއް ނުވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އިރަށް އުޅަނދެއް ފޮނުވުމަށް ނާސާ ތައްޔާރުވަނީ އެވެ. ނާސާ ބުނާ ގޮތުގައި، އަންނަ ޖުލައި 31 ގައި، "ޕާކާ ސޯލާ ޕްރޯބް" ބިމުން ފުރާނެ އެވެ. މަންޒިލަކީ އިރު ނަމަވެސް، ހަލާކުނުވެ އިރަށް ވެއްޓިގަނެވޭ ވަރުގެ ކުޅަދާނަކަން މި އުޅަނދަށް ލިބިފައެއް ނުވެ އެވެ.

ޕާކާ ސޯލާ ޕްރޯބް ދަތުރުކޮށް ގޮސް، ދުވަހަކު ވެސް އިންސާނުންގެ ހިލަމެއް ނުވާ ހިސާބު އިރާ ކައިރީގައި، މުގޯލިއަޅާނެ އެވެ. ބޭނުމަކީ އިރަށް އަންނަ ބަދަލުތައް ދަސްކުރުމެވެ. ސޯލާ ވިންޑް އުފެދޭ ގޮތް އަދި އިރުން ބުރައިގެންދާ ކަނިތަކުގެ ހަގީގަތް ދެނެގަނެވޭތޯ ބަލާނެ އެވެ. އިރުން ހުޅުފަޅައިގެންދާ އަސާސްތައް އަދި ވިރިކެކޭ އަލިފާންގަނޑާ ބެހޭ ގޮތުން އެއްޗެއް ދަސްވޭތޯ މަސައްކަތްކުރާނެ އެވެ. މޫސުމީ ބަދަލުތައް އިރާ ގުޅިފައިވާ ނިސްބަތަކީ ކޮބައިތޯ ވެސް ބަލާނެ އެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، ޕާކާ ސޯލާ ޕްރޯބް ކުރާ ދަތުރު ފަސޭހައެއް ނުވާނެ އެވެ. ދަތުރުމަތީގައި ގަދަފަދަ ހޫނު އަދި ބާރުގަދަ ރޭޑިއޭޝަން ތަޖުރިބާކުރާނެ އެވެ. އެ ވަރުގެ މާހައުލެއްގައި އުޅަނދު ރައްކާތެރިކޮށް، ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ދެމެހެއްޓުމަށްޓަކައި، ދުނިޔެ ދަންނަހާ ޓެކްނޮލޮޖީއެއް އުޅަނދު ބަނުމަށް ބޭނުންކުރާނެ އެވެ. އަދި އުޅަނދު ފޮނުވާލުމުގެ ކުރިން ގަބޫލުކުރަން އުނދަގޫ ފެންވަރުގެ ޓެސްޓްތަކަށް ހުށަހެޅޭނެ އެވެ.

ޕާކާ ސޯލާ ޕްރޯބް އަށް ހަވާލުކުރާ ޒިންމާތަކުގެ ތެރޭގައި، ކާއިނާތަށް ބަލައި، އިރާ އަޅާކިޔެން ހުރި ތަރިތަށް ގުނުން ހިމެނެ އެވެ. ދުނިޔެ އުފެދުނު ކަމަށް ދުނިޔެވީ ގޮތުން ފެންނަން ހުރި މައުނަވީ ސިފަތައް ހޯދުމަށް ތަރިތަކުގެ އިޝާރާތްތަކަށް ފާރަލުން ވެސް ހިމެނެ އެވެ.