Roadha Mihaaru
ރޮނާލްޑޯ ފަހު ވަގުތު ރެއާލް ސެމީ އަށް ގެންގޮސްދީފި

ރޮނާލްޑޯ ފަހު ވަގުތު ރެއާލް މެޑްރިޑް ސެމީ އަށް ގެންގޮސްދީފި

12 އެޕްރީލް 2018

މެޑްރިޑް (އޭޕްރިލް 12) – ޔުވެންޓަސް އިން ތިން ލަނޑު ޖަހައި އެގްރިގޭޓުން ނަތީޖާ 3-3 އިން އެއްވަރުކޮށް ނަތީޖާ ނެރުމަށް އިތުރު ވަގުތަށް ދިއުމާ ދާދި ގާތުގައި އޮއްވާ ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ޕެނަލްޓީއާ އެކު ރެއާލް މެޑްރިޑުން 4-3 އިން ކުރި ހޯދައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ރޭ ފުރުސަތު ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (އޭޕްރިލް 12) – ޔުވެންޓަސް އިން ތިން ލަނޑު ޖަހައި އެގްރިގޭޓުން ނަތީޖާ 3-3 އިން އެއްވަރުކޮށް ނަތީޖާ ނެރުމަށް އިތުރު ވަގުތަށް ދިއުމާ ދާދި ގާތުގައި އޮއްވާ ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ޕެނަލްޓީއާ އެކު ރެއާލް މެޑްރިޑުން 4-3 އިން ކުރި ހޯދައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ރޭ ފުރުސަތު ހޯދައިފި އެވެ.

މެޗުގެ ނަތީޖާ އިން ޔުވެންޓަސް 3-0 އިން ކުރީގައި އޮއްވާ ރެފްރީ އިތުރު ވަގުތުގެ ތެރޭގައި މި ދިން ޕެނަލްޓީއާ އެކު ޔުވެންޓަސް އިން ސުވާލު އުފެއްދިއިރު، އެ ޓީމުގެ ކުޅުންތެރިން އޭނާ ވަށާލި އެވެ. އެއާ އެކު އިނގިރޭސި ރެފްރީ މައިކަލް އޮލިވާ ވަނީ ބުފޮން އަށް ރަތްކާޑެއް ދައްކައިފަ އެވެ. ބެލެވޭ ގޮތުގައި ކާޑު ދެއްކީ އޭނާ ހުތުރު ބަސްތަކެއް ބޭނުންކުރުމުންނެވެ.

ރެފްރީ މި ޕެނަލްޓީ ދިނީ ރޮނާލްޑޯ ބޮލުން ޖައްސާލި ބޯޅަ ގޯލް ކުރިމަތީ މުޅިން ހުސްކޮށް ހުރި ލޫކަސް ވަސްކުއޭޒް މެއިން ކޮންޓްރޯލްކޮށްލި ވަގުތު، ފަހަތުން ހުރި ޔުވެންޓަސް ޑިފެންޑަރު މަހްދީ ބެނާޝިއާ އޭނާ ކޮއްޕާލި ކަމަށް ބަލަ އެވެ. ބެނާޝިއާ ފަހަތުގައި ހުރެފައި ނެގި ފައިން ބޯޅަ ދުރަށްލީ ނަމަވެސް، ބެނާޝިއާ ފަހަތުގައި ހުރެފައި އޭނާ ކޮއްޕާލައިފި ނަމަ ޕެނަލްޓީ ދެވިދާނެ އެވެ. ސަބަބަކީ އެ ބޯޅައަށް އަލުން މަސައްކަތްކުރުމުގެ ފުރުސަތު ވަސްކުއޭޒަށް ގެއްލުވާލުމުގައި ބެނާޝިއާގެ ދައުރު އޮތުމުންނެވެ.

ރޮނާލްޑޯ ވަނީ އެ ޕެނަލްޓީ، ޔުވެންޓަސްގެ ބަދަލު ކީޕަރު ވޮސިއެޗް ޝެޒްނީ އަށް އެއްވެސް ފުރުސަތެއް ނުދީ މަތީ ކަނަށް ވައްދާލައި މެޑްރިޑް ސެމީ ފައިނަލަށް ގެންގޮސްދީފަ އެވެ. މެޗުން 3-1 އިން ބަލިވި ނަމަވެސް މެޑްރިޑަށް ދެ ލެގުން ކުރި ލިބުނީ 4-3 އިންނެވެ.

ޔުވެންޓަސްގެ ކުޅުންތެރިން ރެފްރީ ވަށާލައިގެން. --ފޮޓޯ: އޭއެފްޕީ

ޔުވެންޓަސްގެ ކުޅުންތެރިން ރެފްރީ ވަށާލައިގެން. --ފޮޓޯ: އޭއެފްޕީ

ފުރަތަމަ ލެގުގެ ނަތީޖާ އަނބުރާލުމަށްޓަކައި ރޭ މަދުވެގެން ތިން ލަނޑު ޖަހަން ޖެހިފައި އޮތް ޔުވެންޓަސް އިން ވަނީ މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ ސާމީ ކެދީރާ އަރިމަތިން ނެގި ހުރަސް ބޮލުން ގޯލުގެ ތެރެއަށް ވައްދާލީ މާރިއޯ މަންޒުކިޗެވެ.

އޭގެ ފަހުން ލަނޑު ޖަހަން މެޑްރިޑުގެ ގަރެތު ބޭލް އާއި އިސްކޯ އަދި ރޮނާލްޑޯ އަށް ފުރުސަތުތަކެއް ލިބުނުއިރު ބުފޮން ވަނީ ހުށިޔާރުކަން ދައްކައިފަ އެވެ. މެޑްރިޑުން ފުރުސަތުތައް ނަގާލާފައިވަނިކޮށް މަންޒުކިޗް ވަނީ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި ޔުވެންޓަސް އަށް ބޮޑު އުއްމީދެއް ގެނެސްދީފަ އެވެ. މި ލަނޑު އޭނާ 37 ވަނަ މިނެޓުގައި ޖެހީ ސްޓެފަން ލީޗްސްޓެއިނާ ނެގި ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ. ޔުވެންޓަސް އިން ތިން ވަނަ ގޯލް ޖެހީ 60 ވަނަ މިނެޓުގަ އެވެ. އަރިމަތިން ނެގި ހުރަހެއް ރެއާލް މެޑްރިޑުގެ ގޯލްކީޕަރު ކޭލާ ނާވަސް އަތުން ދޫވި ގަޑީގައި ބޯޅަ ހުސްކޮށް އޮތް ގޯލަށް ވައްދާލީ ބްލައިސް މަޓުއިޑީ އެވެ.

މެޑްރިޑުން އުނދަގުލުން ނަމަވެސް ސެމީ ފައިނަލުން ޖާގަ ހޯދިއިރު މިއީ އެ ޓީމުން މި މުބާރާތުގެ އެހިސާބަށް ޖެހިޖެހިގެން ދަތުރުކުރި އަށް ވަނަ ފަހަރެވެ. މިދިޔަ ދެ އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރި މެޑްރިޑަށް މި ފަހަރު މި ތަށީގެ މުހިއްމުކަން އިންތިހާ އަށް ބޮޑެވެ. ސަބަބަކީ ސްޕެނިޝް ލީގުގައި ދަށް ނަތީޖާތަކެއް ނުކުމެފައިވާތީއާ އެކު ހުސް އަތާ ސީޒަން ނިންމާލަނުދިމުމަށްޓަކަ އެވެ. އަނެއްކޮޅުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި އަދި ސްޕެނިޝް ކަޕުގެ ފައިނަލުގައި އޮތް ބާސެލޯނާ ވަނީ ޗެމްޕިއަންސް ލީގުން ކަޓައިފަ އެވެ. އެ ޓީމަށް ފުރުސަތު ގެއްލުނީ ފުރަތަމަ ލެގުން 4-1 އިން މޮޅުވެފައިވަނިކޮށް ދެ ވަނަ ލެގުން އެންމެން ހައިރާންކޮށްލުމަށް ފަހު ރޯމާ 3-0 އިން މޮޅުވުމުންނެވެ.

ރޭގެ މެޗަކީ ޔުވެންޓަސްގެ ކީޕަރު ބުފޮން މި މުބާރާތުގައި ކުޅުނު ފަހު މެޗަށް ވުން ގާތެވެ. ބުފޮން ވަނީ މި ފަހަރުގެ މުބާރާތް ކާމިޔާބުނުވެއްޖެ ނަމަ މިއީ އޭނާގެ ފަހު މުބާރާތް ކަމަށްވާނެ ކަމަށް ކުރިން ބުނެފަ އެވެ. އެކަމަކު މި ފަހަރު ކާމިޔާބުވެއްޖެ ނަމަ މި އަހަރުގެ ޑިސެމްބަރު މަހު އޮންނަ ފީފާ ކްލަބް ވޯލްޑް ކަޕުގައި ކުޅުމަށްޓަކައި ކުޅުން ކުރިއަށްގެންދާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ރަތްކާޑު ދެއްކުމުން އޭނާ ދަނޑުން ފައިބައިގެން ދިޔައިރު ކައިރީގައި ހުރި ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން މީގެ 12 އަހަރު ކުރިން ކެރިއަރު ނިންމާލީ ހަމަ އެފަދަ ގޮތަކަށް، ބުފޮންއާ ދެކޮޅަށް ކުޅުނު މެޗެއްގަ އެވެ. އެގޮތުން 2006 ގެ ވޯލްޑް ކަޕުގެ ފައިނަލުގައި އިޓަލީ އާއި ފްރާންސް ކުޅުނު މެޗުގައި އިޓަލީގެ މާކޯ މަޓެރާޒީ އަށް ހަމަލާދިނުމުން ޒިދާނަށް ދެއްކި ރަތްކާޑާ އެކު އޭނާގެ ކެރިއަރު ނިމުނީ އެވެ. އެ މެޗުން އިޓަލީ މޮޅުވިއިރު ބުފޮން ކެރިއަރުގެ އެންމެ ބޮޑު އެއް ކާމިޔާބީ ހާސިލްކުރީ އެވެ. އެކަމަކު އޭނާ ކެރިއަރު ނިންމާލަން މި ޖެހެނީ ކްލަބް ލެވެލްގެ އެންމެ ބޮޑު އެއް މުބާރާތުގައި އަތް ނުލެވި އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ތިން ފަހަރު ކުޅެ ވެސް ބަލިވީ އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ އަނެއް ޖާގަ ކަށަވަރުކުރީ ޖަރުމަނުގެ ބަޔާން މިއުނިކެވެ. އެ ޓީމު ފުރުސަތު ހޯދީ ރޭ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ސްޕެއިނުގެ ސެވިއްޔާއާ 0-0 އިން އެއްވަރުވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން 2-1 އިން ކުރި ހޯދައިގެންނެވެ. މި ފަހަރު ސެމީގައި އޮތީ ޔޫރަޕުގެ އެންމެ ވަރުގަދަ ހަތަރު ލީގު އޮތް ހަތަރު ގައުމަށް ނިސްބަތްވާ ކްލަބްތަކެވެ. އެއީ އިންގްލެންޑުގެ ލިވަޕޫލާއި ސްޕެއިނުގެ މެޑްރިޑާއި އިޓަލީގެ ރޯމާ އަދި ޖަރުމަނުގެ ބަޔާން މިއުނިކެވެ.