ލަންޑަން (އޭޕްރީލް 27) - ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުން 2-0 އިން މޮޅުވެ ފްރާންސްގެ މާސޭ މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލިއިރު، ރަށުންބޭރުގައި ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައިގައި ކުޅުނު އެތުލެޓިކޯ މެޑްރިޑުން 1-1 އިން އާސެނަލާ އެއްވަރުކޮށް ފައިނަލަށް ދިއުމަށް ހިތްވަރު ހޯދައިފި އެވެ.
27 އެޕްރީލް 2018
ލަންޑަން (އޭޕްރީލް 27) - ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުން 2-0 އިން މޮޅުވެ ފްރާންސްގެ މާސޭ މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލިއިރު، ރަށުންބޭރުގައި ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައިގައި ކުޅުނު އެތުލެޓިކޯ މެޑްރިޑުން 1-1 އިން އާސެނަލާ އެއްވަރުކޮށް ފައިނަލަށް ދިއުމަށް ހިތްވަރު ހޯދައިފި އެވެ.
މާސޭ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނިޓްގައި ޖެހީ މި ސީޒަނުގައި އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފްލޯވިއަން ތޯވާން އެވެ. ދެ ވަނަ ހާފުގައި ދެ ވަނަ ލަނޑު ޖެހީ ކްލިންޓަން އެންޖީ އެވެ. މާސޭގެ ދެ ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޑިމިޓްރީ ޕަޔެޓް އެވެ.
އާސެނަލް ދަނޑުގައި ކުޅުނު މެޗުގެ 11 މިނިޓް ތެރޭ އެތުލެޓިކޯގެ ފުލްބެކް ސީމް ވިސާއީކޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އެ ނިންމުމާ މެދު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަރަށް ބޮޑަށް ފާޑުކިޔުމުން މެޗުގެ ރެފްރީ ވަނީ އޭނާ ބެންޗުން ފޮނުވާލަައިފަ އެވެ.
އެތުލެޓިކޯގެ ކުޅުންތެރިއަކު މަދުވުމުން އާސެނަލުން ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ލަނޑެއް ޖެހޭ ގޮތެއްނުވި އެވެ. މި ހާފުގައި އެތުލެޓިކޯގެ އެންޓޮއިން ގްރީޒްމަން ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ބޯޅަ އާސެނަލް ކީޕަރު ޑޭވިޑް އޮސްޕީނާ ވަނީ މަތަކޮށްފަ އެވެ.
އާސެނަލަށް ލީޑުނަަގައިދިނީ މެޗުގެ 61 ވަނަ މިނިޓްގައި ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓް އެވެ. އޭނާ މި ލަނޑު ޖެހީ ޖެކް ވިލްޝަޔާ ނަަގައިދިން ހުރަހަކުން ބޮލުންނެވެ. މިއީ ލަކަޒޭޓް މި ސީޒަނުގައި އާސެނަލަށް ކާމިޔާބުކޮށްދިން 16 ވަނަ ގޯލެވެ. އޭގެ ތެރެއިން 13 ގޯލު ކާމިޔާބުކުރީ އާސެނަލް ދަނޑުގަ އެވެ.
ލީޑުފުޅާކުރަން އާސެނަލަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ގްރީޒްމަން އެތުލެޓިކޯ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ. އާސެނަލްގެ ފަހުން އެ ޓީމުގެ ކެޕްޓަން ލޯރެންޓް ކޮޝިއެލްނީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަަގައި ގްރީޒްމަން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ދެ ވަނަ ފަހަރުން ޖަހަ އެވެ. އޭނާ ފުރަތަމަ ފޮނުވާލި ބޯޅަ ކީޕަރު އޮސްޕީނާ ފައިގައި ޖެހިފައި ދެ ވަނަ ފަހަރަށް ވެސް ލިބުނީ އޭނަ އަށެވެ. ދެ ވަނަ ފަހަރުން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އާސެނަލްގެ ފަހަތަށް ކުޅޭ ޝޮކްޑްރަން މުސްތާފީ ފައިގައި ޖެހިފަ އެވެ.
މި ލަނޑާ އެކު އަންނަ ހަފްތާގައި ކުޅޭ މެޗުން މޮޅުވެގެން އަނެއް ބުރަށް ދިއުމުގެ ފުރުސަތު ދެ ޓީމަށް ވެސް އެބައޮތެވެ. އެހެން ނަމަވެސް އެ މެޗު ކުޅޭނީ އެތުލެޓިކޯގެ ދަނޑުގައި ކަމަށް ވުމުން އެ ޓީމަށް ވަނީ އެޑްވާންޓޭޖް ބޮޑުވެފަ އެވެ.
މިއީ މި ސީޒަނަށް ފަހު އާސެނަލް ކޯޗުކަން ދޫކޮށްލާނެ ކަމަށް އިއުލާން ކޮށްފައިވާ އާސެން ވެންގާ ޔޫރަޕްގައި އެ ޓީމަށް އަމިއްލަ ދަނޑުގައި އިރުޝާދުދިން ފަހު މެޗެވެ.
އެތުލެޓިކޯ އިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި
އެތުލެޓިކޯ ފައިނަލަށް، ވެންގާ ހުސް އަތާ ކްލަބާ ދުރަށް
ވެންގާއާ މެދު ވިސްނާނެ ވަގުތެއް ނެތް: ސިމިއޯނީ
ސެމީގައި މެޑްރިޑާއި ބަޔާން އަދި ލިވަޕޫލާއި ރޯމާ
އާސެނަލާއި އެތުލެޓިކޯ ސެމީ އަށް، ލާޒިއޯ ކަޓައިފި
އާސެނަލް، އެތުލެޓިކޯ އަދި ލާޒިއޯ ސެމީއާ ގާތަށް
އާސެނަލާއި އެތުލެޓިކޯ ކުއާޓާއާ ގާތަށް
އާސެނަލް، މިލާން އަދި އެތުލެޓިކޯ އަނެއް ބުރަށް
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
އާސެނަލް ކަޓައި، ޔުނައިޓެޑާއި ޔުވެންޓަސް ކުއާޓާ އަށް