Roadha Mihaaru
އާސެނަލް، މިލާން އަދި އެތުލެޓިކޯ އަނެއް ބުރަށް

އާސެނަލް، މިލާން އަދި އެތުލެޓިކޯ އަނެއް ބުރަށް

23 ފެބުރުއަރީ 2018

ލަންޑަން (ފެބްރުއަރީ 23) - ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން އާސެނަލާއި އޭސީ މިލާން އަދި އެތުލެޓިކޯ މެޑްރިޑް ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ފެބްރުއަރީ 23) - ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން އާސެނަލާއި އޭސީ މިލާން އަދި އެތުލެޓިކޯ މެޑްރިޑް ފުރުސަތު ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ސްވިޑެންގެ އޮސްޓާސުންޑްސް އަތުން 2-1 އިން ރޭ ބަލިވި ނަމަވެސް އާސެނަލް އަނެއް ބުރުގެ ޖާގަ ހޯދީ 4-2 ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. ބަދަލުތަކާ އެކު ރޭގެ މެޗަށް ނުކުތް އާސެނަލް ކޮޅަށް އޮސްޓާސުންޑްސް އިން ވަނީ ފުރަތަމަ ހާފުގައި ގާތްގާތުގައި ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ 22 އަދި 23 ވަނަ މިނިޓްގައި މި ދެ ލަނޑު ޖެހީ ހޮސަމް އެއިސް އަދި ކެން ސެމާ އެވެ. އާސެނަލްގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގައި ކާމިޔާބުކުރީ ސީޑް ކޮލާސިނަޗް އެވެ.

ބަލްގޭރިއާގެ ލުޑޮގޮރެޓްސް އަތުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިލާން މޮޅުވީ 1-0 އިންނެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ކުރިން ލިވަޕޫލަށް ކުޅުނު ފޯވާޑް ފަބިއޯ ބޮރީނީ އެވެ. މިލާނަށް ކުރި ލިބުނީ 4-0 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ދެން ހިމެނޭ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް ރޭ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ޑެންމާކުގެ ކޯޕެންހޭގަން އަތުން މޮޅުވެފަ އެވެ. އެތުލެޓިކޯގެ ހަމައެކަނި ގޯލު ޖަހައިދިނީ ކެވިން ގަމޭރޯ އެވެ. އެގްރިގޭޓަށް ބަލާއިރު އެތުލެޓިކޯ އަށް ކުރި ލިބެނީ 5-1 އިންނެވެ.

ޖަރުމަނުގެ ގަދަބާރު ބޮރޫޝިއާ ޑޯޓްމަންޑް ވެސް ވަނީ އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ. ރޭ އެ ޓީމު ވަނީ ރަށުން ބޭރުގައި އިޓަލީގެ އެޓަލާންޓާއާ 1-1 އިން އެއްވަރުކޮށްފަ އެވެ. ޑޯޓްމަންޑަށް އަނެއް ބުރުގެ ޖާގަ ލިބުނީ އެގްރިގޭޓަށް ބަލާއިރު އެ ޓީމަށް 4-3 އިން ކުރި ލިބޭތީ އެވެ.

އިޓަލީގެ ނަޕޯލީ ވަނީ ރޭ ރަށުން ބޭރުގައި ޖާމަނީގެ އާރްބީ ލިޕްޒިގު އަތުން 2-0 އިން މޮޅުވެފަ އެވެ. އެހެން ނަމަވެސް އެ ޓީމު މުބާރާތުން ކެޓީ ދެ ޓީމުގެ އެގްރިގޭޓް 3-3 އިން އެއްވަރުވިއިރު، ރަށުން ބޭރުގައި ޖެހި ގޯލުން ލިޕްޒިގަށް ކުރި ލިބޭތީ އެވެ.

ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ ވަނީ ރޭ ވެސް ފްރާންސްގެ ނީސް ބަލިކޮށްފަ އެވެ. ރޭގެ މެޗުން ލޮކޮމޯޓިވް މޮސްކޯ މޮޅުވީ 1-0 އިންނެވެ. އެގްރިގޭޓަށް ބަލާއިރު އެ ޓީމަށް ކުރި ލިބެނީ 4-2 އިންނެވެ.