Roadha Mihaaru
އަލުވި ބަސްތާއެއްގެ އަގު 250ރ. އަށް ތިރިވެއްޖެ

އަލުވި ބަސްތާއެއްގެ އަގު 250ރ.އަށް ތިރިވެއްޖެ

23 މެއި 2018

އެސްޓީއޯ އާއި އެހެން ބައެއް ކުންފުނިތަކުން ގިނަ އަދަދަކަށް އަލުވި އެތެރެކޮށް ބާޒާރަށް ނެރުމާ އެކު، އަލުވި ބަސްތާއެއްގެ އަގު 250ރ. އަށް ތިރިވެއްޖެ އެވެ.

އެސްޓީއޯ އާއި އެހެން ބައެއް ކުންފުނިތަކުން ގިނަ އަދަދަކަށް އަލުވި އެތެރެކޮށް ބާޒާރަށް ނެރުމާ އެކު، އަލުވި ބަސްތާއެއްގެ އަގު 250ރ. އަށް ތިރިވެއްޖެ އެވެ.

މާލޭގެ ވިޔަފާރި ބަނދަރު ހިންގާ އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހޯމަ ދުވަހު އެކަނި ވެސް މާލޭގެ ބަނދަރަށް 60 ޓަނުގެ އަލުވި (2،400 ބަސްތާ) ބާލާފައިވެ އެވެ.

ރާއްޖެއަށް ގިނަ އަދަދަކަށް އަލުވި، ފިޔާ އަދި ބިސް އެތެރެކުރާ ފިހާރައަކުން ވާހަކަދެއްކި މީހަކު ބުނީ މިދިޔަ ހަފުތާގައި އަލުވި ބަސްތާއެއްގެ އަގު 450ރ. އަށް ވުރެ މައްޗަށް އަރައިގެން ދިޔައީ ރޯދަމަހުގެ ފުރަތަމަ ހަތަރު ދުވަހު ސަރުކާރު ބަންދުވުމުން، ބޯޓުން ނުބޭލި ލަސްވެގެން ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ކޮންމެ ދެ ދުވަހުން އެއް ދުވަހު އަލުވި ގެންނަން. މިހާރު ވެސް ގެންނައިރަށް އޮންނަނީ ހުސްވެފައި. އެހާ ވަރަށް އޯޑަރު ލިބެމުންދޭ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ބާޒާރުގައި އަލުވި ބަސްތާއެއްގެ އަގު 250ރ. އަށް ތިރިވީ މީގެ ދެ ދުވަސް ކުރިން 10 ޓަނުގެ އަލުވި ގެނެސްގެން ކަމަށެވެ. އަދި އިތުރު 700 ބަސްތާގެ އަލުވި ބަނދަރުން އަދި ބޭރުނުކުރެވި އެބަހުރި ކަމަށް ވެސް ބުންޏެވެ.

"ހަމައެކަނި އަލުވީގެ ޑިމާންޑް މާ ބޮޑުވެގެން މިއުޅެނީ. ބިހާއި ފިޔާ ބޭނުން ވަރަކަށް ލިބެން އެބަހުރި މިހާރު ވެސް،" އެ މީހާ ބުންޏެވެ.

އަލުވީގެ އަގު އުފުލުމުން އެސްޓީއޯ އިން ވަނީ ބޮޑު ޝިޕްމަންޓެއް ގެނެސްފަ އެވެ. އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އަލަށް ގެނައި ޝިޕްމަންޓުން ދިހަ ވަރަކަށް ދުވަހު ހިފަހައްޓާލެވޭނެ ކަމަށެވެ. ބާޒާރުމަތީ ފިހާރަތަކުން 250ރ. އަށް އަލުވި ބަސްތާއެއް ވިއްކާއިރު އެސްޓީއޯ އިން ވިއްކަނީ 220ރ. އަށެވެ.

"ބާޒާރުގައި ފުދޭ ވަރަަކަށް އަލުވި ލިބެން ހުރުމުން ގެނައުން މިވަގުތަށް މަޑުކޮށްލާފައި ވަނީ. ދެން އިތުރަށް ގެންނާނީ ތާށި ކަމެއް އުޅެންޏާ،" އޮފިޝަލް ވިދާޅުވި އެވެ.

"އާއްމުކޮށް ރޯދައިގެ ފުރަތަމަ ދެ ހަފުތާ ނިމުމުން ޑިމާންޑް ވަރަށް ބޮޑަށް ދަށްވެގެންދޭ."