Roadha Mihaaru
"ޖައްގާ ޖާސޫސް" ފްލޮޕްވުމުން ހިތް ހަލާކުވި: ރަންބީރް

"ޖައްގާ ޖާސޫސް" ފްލޮޕްވުމުން ހިތް ހަލާކުވި: ރަންބީރް ކަޕޫރް

22 ޖޫން 2018

ޕްރޮޑިއުސް ކުރި ފުރަތަމަ ފިލްމް އަދި ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކެއިފާ އެއްކޮށް ކުޅުނު އެންމެ ފަހު ފިލްމް "ޖައްގާ ޖާސޫސް" ފްލޮޕްވުމުން ހިތް ހަލާކުވި ކަމަށާއި އެއީ މާލީ ގޮތުން ވެސް ކުރަން ޖެހުނު ވަރަށް ހިތްދަތި ތަޖުރިބާއެއް ކަމަށް އެ ފިލްމްގެ އެކްޓަރު ރަންބީރު ކަޕޫރް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރޮޑިއުސް ކުރި ފުރަތަމަ ފިލްމް އަދި ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކެއިފާ އެއްކޮށް ކުޅުނު އެންމެ ފަހު ފިލްމް "ޖައްގާ ޖާސޫސް" ފްލޮޕްވުމުން ހިތް ހަލާކުވި ކަމަށާއި އެއީ މާލީ ގޮތުން ވެސް ކުރަން ޖެހުނު ވަރަށް ހިތްދަތި ތަޖުރިބާއެއް ކަމަށް އެ ފިލްމްގެ އެކްޓަރު ރަންބީރު ކަޕޫރް ބުނެފި އެވެ.

މިދިޔަ އަހަރު ރިލީޒް ކުރި "ޖައްގާ ޖާސޫސް" އަކީ ރަންބީރުގެ ފިލްމް ކުންފުނި ޕިކްޗާ ޝްރޫ އެންޓަޓައިންމަންޓުން ހެދި ފިލްމެކެވެ.

މި ފިލްމް ޑައިރެކްޓް ކުރީ ރަންބީރުގެ ވަރަށް މޮޅު އެކްޓިންއެއް ފެނިގެން ދިޔަ އަދި ކާމިޔާބު ފިލްމް "ބަރްފީ" ގެ ޑައިރެކްޓަރު އަނޫރާގް ބާސޫ އެވެ. އެކަމަކު "ޖައްގާ ޖާސޫސް" ވެގެން ދިޔައީ ކްރިޓިކުންގެ ފާޑުކިޔުންތަކާ އެކު ބެލުންތެރިންގެ ޝައުގުވެރި ކަމެއް ވެސް ނުލިބުނު ފިލްމަކަށެވެ.

"ޕްރޮޑިއުސްކުރި ފުރަތަމަ ފިލްމް ފްލޮޕްވުމަކީ ވަރަށް ހިތްދަތި ތަޖުރިބާއެއް، އަދި އެއީ އިންވެސްޓް ކުރި ފައިސާތަކެއް ބޭކާރުވެގެން ދިއުން،" ރަންބީރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ޖައްގާ ޖާސޫސް" އަކީ ބެލުންތެރިންނަށް ކަމުދާނެ ކަހަލަ ފިލްމަކަށް ހަދަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އަދި މި ފިލްމަކީ 2014 ގައި ޝޫޓިން ފެށި ނަމަވެސް މަސައްކަތް ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ދިއުމުގެ އިތުރަށް، ކުރިން ޝޫޓް ކުރި މަންޒަރުތަކެއް އަލުން ޝޫޓް ކުރަން ވެސް ޖެހުނު ފިލްމެކެވެ.

އަނެއްކޮޅުން މި ފިލްމްގެ މަސައްކަތް ކުރަމުން ދަނިކޮށް ރަންބީރާއި ކެޓްރީނާގެ ލޯބީގެ ގުޅުން ވެސް 2016 ގައި ނިމުމަމަކަށް އައުމުން، އެ ދެ ތަރިން ގޮވައިގެން މަސައްކަތް ކުރަން ޖެހުމުން އަނޫރާގަށް ދަތިތަކެއް ދިމާވި އެވެ.

ރަންބީރު ބުނީ އަނޫރާގަކީ އެހެން ޑައިރެކްޓަރުންނާ ވަރަށް ތަފާތުކޮށް މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި "ބަރްފީ" ކުޅުނު އިރު ވެސް، ލިޔެފައި އޮތް ސްކްރިޕްޓެއް ނެތް ކަމަށް ބުންޏެވެ.

"އޭނާ އަކީ ލިޔެގެން އެ އެއާ އެއްގޮތަށް މަސައްކަތް ކުރަން އާދަވެފައި ހުންނަ ޑައިރެކްޓަރެއް ނޫން. އަހަރެމެން އެބަ ތިބެން ސެޓްގައި ބައެއް ފަހަރު ދާދާ [އަނޫރާގް] ހަދަން އުޅޭ އެއްޗެއް ނޭނގިގެން. ސީންތަކަށް ބަދަލު ގެނައުމަކީ އޭނަ ވަރަށް ބޮޑަށް ކުރާ ކަމެއް،" ރަންބީރު ބުންޏެވެ.

އޭނާ ބުނީ އެގޮތަށް މަސައްކަތްކޮށްގެން "ބަރްފީ" ވަރަށް ކާމިޔާބު ފިލްމަކަށްވުމުން، އެ ތަޖުރިބާ "ޖައްގާ ޖާސޫސް" ގައި ވެސް ކުރަން ޖެހުނީ ކަމަށެވެ.

"އެކަމަކު ދެވަނަ ފަހަރަށް އެ ސްޓައިލަށް މަސައްކަތް ކުރީމަ ފިލްމް ބެލުންތެރިންނަށް ކަމުނުދިޔައީ ކަމަށް ގަބޫލު ކުރެވެނީ،" ރަންބީރު ބުންޏެވެ.

"ޖައްގާ ޖާސޫސް" ފްލޮޕްވުމުން ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރް ވެސް ވަނީ އަނޫރާގަށް ވަަރަށް އެއްޗެހި ކިޔައިފަ އެވެ. އޭނާ ބުނި ގޮތުގައި ފިލްމް ފްލޮޕްވީ އަނޫރާގްގެ ޒިންމާދާރުކަން ކުޑަކަމުންނެވެ.

ޖުމްލަ 131 ކްރޯޑްގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ އެންމެ 83.5 ކްރޯޑެވެ. އެއީ ފިލްމަށް ކުރި ހަރަދު ވެސް ނޫފުބެއްދޭ ވަރުގެ އަދެދެކެވެ.

ރަންބީރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހުގެ 29 ގައި ރިލީޒް ކުރާ "ސަންޖޫ" އިންނެވެ.