Roadha Mihaaru
ރައީސް ޔާމީންގެ ހިދުމަތް ނުލިބޭ ރަށެއް ނެތް: އަދުރޭ

މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ޔާމީން މައުނަވީ ގޮތެއްގައި ވަޑައިގެންފި: އަބްދުއްރަހީމް

08 ޖުލައި 2018

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިނުގެންނެވުނު ނަމަވެސް ހުރިހާ ރަށަކަށް އެމަނިކުފާނުގެ ޚިދުމަތް ލިބިއްޖެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިނުގެންނެވުނު ނަމަވެސް ހުރިހާ ރަށަކަށް އެމަނިކުފާނުގެ ޚިދުމަތް ލިބިއްޖެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

"މައުނަވީ ގޮތެއްގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެމަނިކުފާނު ވަޑައިގެންފި. އެމަނިކުފާނުގެ ވެރިކަމުގައި، އެމަނިކުފާނުގެ ކޮންމެވެސް ވަރެއްގެ ޚިދުމަތެއް ލިބިވަޑައިނުގަންނަވާ އެއްވެސް ރަށެއް މި ރާއްޖެ އަކު ނޯންނާނެ. މަދުވެގެން އެއް ޕްރޮޖެކްޓް ނުހިންގާ ރަށެއް މި ރާއްޖެ އަކު ނޯންނާނެ،" ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނިއުސް ބްރީފިން ގައި، ރައީސް ޔާމީން ހުރިހާ ރަށަކަށް ވަޑައިނުގަންނަވާތީ އެކަމަށް އަންނަ ފާޑުކިޔުންތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީން އޮފީހުގައި އިންނަވައިގެން ކުރައްވާ ކަމަކީ ރަށްރަށަށް ތަރައްގީ އާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައި ދެއްވުމެވެ. އެހެންވެ، ރައީސް ޔާމީން ރަށްރަށަށް ވަޑައިނުގަންނަވާތީ ރައްޔިތުންގެ ފަރާތުން ޝަކުވާ ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުން ބޭނުންފުޅުވަނީ އަސާސީ ޚިދުމަތްތަކާއި އެހެނިހެން ޚިދުމަތްތައް ފަސޭހަކަމާ އެކު، ގާތުން އަވަހަށް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުން. އެ މަސައްކަތް ރައީސް ޔާމީން ވެރިކަމަށް ހުވާ ކުރެއްވި ދުވަހުން ފެށިގެން މެދުކެނޑުމެއް ނެތި މިއަދާ ހަމައަށް ވެސް އެ ކުރައްވަނީ،" ފޮނަދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން އާންމުކޮށް ރަށްރަށަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތެއް ފުރިހަމަ ކޮށްދެއްވުމަށް ފަހު، އެ އުފަލުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

"ބަނދަރު ހައްދަވަން ފައްޓަވަން [ރައީސް ޔާމީން] ވަޑައެއް ނުގަންނަވާނެ. އެކަމަކު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާނެ. ބިން ހިއްކަން ފައްޓަވައި ދެއްވާކަށް ވަޑައެެއް ނުގަންނަވާނެ. ބިން ހިއްކައި ނިމިގެން، އެ އުފާ ރައްޔިތުން ހާސިލް ކުރާއިރު އެ އުފަލުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ވެސް ރައީސް ޔާމީން ރަށްރަށަށް ވަޑައިގަންނަވާނެ އެވެ. އެކަމަކު، ރައްޔިތުންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ފޯރުކޮށްދެއްވަމުން، ރަށްރަށަށް ވަޑައިގަތުމުގެ ތަނަވަސް ކަމެއް ރައީސް ޔާމީނަށް ލިބިވަޑައިނުގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ރިޔާސީ ދެވަނަ ދައުރަށް ހަމަޖެއްސެވި ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ކިބައިގައި ހުރިހާ ރަށަކަށް ވަޑައިގަތުމުގެ ހިތްވަރާއި ފަންވަރު ހުންނާނެ ކަމަށެވެ. އަދި އެއީ ވަރަށް ހީވާގި، މުރާލި ބޭފުޅެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.