Roadha Mihaaru
ހޮހަޅައިން ސަލާމަތްވި ކުދިން އޯލްޑް ޓްރެފޯޑަށް

ހޮހަޅައިން ސަލާމަތްވި ކުދިން އޯލްޑް ޓްރެފޯޑަށް

11 ޖުލައި 2018

ލަންޑަން (ޖުލައި 11) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިން ސަލާމަތް ކުރި 12 ކުދިންނާއި ކޯޗު އޯލްޑް ޓްރެފޯޑަށް ޒިޔާރަތް ކުރުމަށް މެންޗެސްޓާ ޔުނައިޓެޑުން ދައުވަތު ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ޖުލައި 11) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިން ސަލާމަތް ކުރި 12 ކުދިންނާއި ކޯޗު އޯލްޑް ޓްރެފޯޑަށް ޒިޔާރަތް ކުރުމަށް މެންޗެސްޓާ ޔުނައިޓެޑުން ދައުވަތު ދީފި އެވެ.

ޗިލީގެ މައިނެއްގައި ތާށިވެ ދެ މަހަށް ވުރެ ގިނަ ދުވަހު ތިބެން ޖެހުނު މީހުން 2010 ވަނަ އަހަރު ސަލާމަތް ކުރުމުން ވެސް މެންޗެސްޓާ ޔުނައިޓެޑުން ވަނީ އޯލްޑް ޓްރެފޯޑަށް ގެންގޮސްފަ އެވެ. ޗިލީގެ މައިނުގައި 33 މީހުން ވަނީ 69 ދުވަހު ތާށިވެފައި ތިބެން ޖެހިފަ އެވެ. އޭގެ ތެރޭން 23 މީހުން ވަނީ އޯލްޑް ޓްރެފޯޑުގައި މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ކުޅުނު މެޗު ބަލަން ޒިޔާރަތް ކޮށްފަ އެވެ. ޔުނައިޑެޓުން ވަނީ ކޮންމެ މީހަކަށް އެ މީހެއްގެ ނަން ޖަހާފައިވާ އެ ކްލަބުގެ ޖޯޒީއެއް ހަދިޔާކޮށްފަ އެވެ.

ތައިލެންޑުގެ ހޮހަޅައިގައި ތާށިވި ކުދިންގެ ފަހު ގްރޫޕް 17 ދުވަހަށް ފަހު ނެރެފައި ވަނީ އިއްޔެ އެވެ.

މޮސްކޯގައި އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލް މެޗު ބެލުމަށް އެ ކުދިންނަށް ފީފާގެ ރައީސް މިދިޔަ ހަފުތާގައި ވަނީ ދައުވަތު ދީފަ އެވެ. ނަމަވެސް ފައިނަލް މެޗު ކުޅެންވާ އިރަށް އެ ކުދިން ހޮސްޕިޓަލުން ދޫކޮށްނުލާނެތީ މެޗު ބަލާނީ ހޮސްޕިޓަލުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ރޭ 1-0 އިން ބެލްޖިއަމް ބަލިކޮށް ފައިނަށް ދަތުރު ކުރުމަށް ފްރާންސް ހޯދި މޮޅު ފްރާންސާއި މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ވަނީ ތައިލެންޑުގެ ހޮހަޅައިން ސަލާމަތް ކުރި ކުދިންނަށް ހަދިޔާކޮށްފަ އެވެ.