Roadha Mihaaru
އައިއެސްގެ ވެރިން މުދާ ވިއްކާލާ މޮސޫލުން ފިލަނީީ

އައިއެސްގެ ވެރިން މުދާކޮޅު ވިއްކާލުމަށް ފަހު މޮސޫލުން ފިލަނީ

01 އޯގަސްޓް 2016

ބަޣުދާދު (އޮގަސްޓް 1) - އިރާގު ސިފައިން މޮސޫލްއާ ކައިރިވާ ވަރަކަށް އެ ސިޓީގައި ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރުން މުދާކޮޅު ވިއްކާލުމަށް ފަހު އަނބިދަރިން ގޮވައިގެން ފިލަމުންދާ ކަމަށް އިރާގުގެ ދިފާއީ ވަޒީރު ޚާލިދު އަލް އުބައިދީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (އޮގަސްޓް 1) - އިރާގު ސިފައިން މޮސޫލްއާ ކައިރިވާ ވަރަކަށް އެ ސިޓީގައި ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރުން މުދާކޮޅު ވިއްކާލުމަށް ފަހު އަނބިދަރިން ގޮވައިގެން ފިލަމުންދާ ކަމަށް އިރާގުގެ ދިފާއީ ވަޒީރު ޚާލިދު އަލް އުބައިދީ ވިދާޅުވެއްޖެ އެވެ.

އައިއެސްގެ ބާރުގެ ދަށުގައި ޖޫން، 2014 އިން ފެށިގެން އޮންނަ އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ހިފުމަށް އިރާގު ސިފައިން އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާތާ މަސްތަކެއް ވެއްޖެ އެވެ. މޮސޫލް ހިފުމުގެ އޮޕަރޭޝަން ފެށީ ރަމާދީ އާއި ފައްލޫޖާ އައިއެސްގެ އަތް ދަށުން އަތުލުމަށް ފަހު އެވެ.

"މޮސޫލްއާ އިރާގު ސިފައިން ކައިރިވާ ވަރަކަށް އެ ސިޓީގައި ތިބި އައިއެސްގެ ލީޑަރުންގެ ސާމާނުތައް ވިއްކާލުމަށް ފަހު އާއިލާއާ އެކު ދަނީ ސީރިއާއާ ދިމާލަށް މިސްރާބު ޖަހަމުން،" އިރާގިއްޔާ ޓީވީގައި ވާހަކަ ދައްކަވަމުން އުބައިދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިއެސްގެ އިސް ބައެއް މީހުން ދަނީ ސީރިއާގެ އިތުރުން މޮސޫލްގެ އުތުރުންނާއި އިރުން އޮންނަ ކުރުދީ ސަރަހައްދުތަކަށް ވެސް އެތެރެވަމުން ކަމަށެވެ.

މޮސޫލް އަކީ އިރާގުން އައިއެސްގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސިޓީ އެވެ. މޮސޫލް ހިފުމުގެ ހަނގުރާމައިގެ ތެރޭގައި އެ ސިޓީން މިލިއަނަކާ ގާތްކުރާ އަދަދަކަށް މީހުން ނުކުމެގެންދާނެ ކަމަށް ރެޑް ކްރޮސް އިން ލަފާކުރެ އެވެ.