Roadha Mihaaru
ރީ-ރެޖިސްޓްރީ ކުރަން މަޖުބޫރު ކުރާ ވާހަކަ ދޮގުކޮށްފި

ރީ-ރެޖިސްޓްރީ ކުރަން މަޖުބޫރު ކުރާ ވާހަކަ އެމްއޭސީއެލް އާއި އެމްޕީއެލުން ދޮގުކޮށްފި

24 ޖުލައި 2018

ކުރިއަށް އޮތް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލާން ރީ-ރެޖިސްޓްރީ ކުރަން މަޖުބޫރު ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ދޮގުކޮށްފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ކުރިއަށް އޮތް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލާން ރީ-ރެޖިސްޓްރީ ކުރަން މަޖުބޫރު ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ދޮގުކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި، އެމްއޭސީއެލްގެ މުވައްޒަފުންނަށާއި ރާއްޖޭގެ އެންމެ ބޮޑު ބަނދަރު ހިންގާ އެމްޕީއެލްގެ މުވައްޒަފުން ރީ-ރެޖިސްޓްރީ ކުރަން އެ ތަންތަނުން މަޖުބޫރު ކުރުވާ ވާހަކަތަކެއް ވަނީ ފެތުރިފަ އެވެ.

އެކަމަކު، އެ ދެ ކުންފުނިން ވެސް މިއަދު ބުނީ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ އެއްވެސް ކަމެއްގައި މުވައްޒަފުންނަށް އެއްވެސް ކަހަލަ އެންގުމެއް އަންގާފައި ނުވާނެ ކަމަށެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރީ-ރެޖިސްޓްރީ ކުރުމުގެ ހަރަކާތެއް އެ ކުންފުނިން ކުރިއަށް ގެންދެ އެވެ. ނަމަވެސް އެއީ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ކުރާ ކަމެއް ނޫން ކަމަށާއި އެކަން އޮންނާނީ އެ މީހެއްގެ އިހްތިޔާރަށް ދޫކޮށްލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަބަދުވެސް ހުޅުލޭގައި ވޯޓު ފޮއްޓެއް ހުންނާނެ. ރީ-ރެޖިސްޓްރީ ކުރާނެ ބައެއް މުވައްޒަފުން. ސަބަބަކީ ޑިއުޓީގައި އުޅޭއިރު އަދި ކިޔޫ ކުރުވީމަ ވޯޓުލާން ފަސޭހަވާތީ،" އޮފިޝަލް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މި ފަހަރު ވެސް ވޯޓް ފޮއްޓެއް ބަހައްޓާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާން ކޮށްފަ އެވެ.

އެމްޕީއެލްގެ ތަރުޖަމާނު ވިދާޅުވީ، މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ރީ-ރެޖިސްޓްރީކުރުމުގެ އެއްވެސް ކަމެއް އެ ކުންފުނީގައި ނުހިންގާ ކަމަށެވެ.

"އެއްވެސް މުވައްޒަފަކަށް މަޖުބޫރީ ކަމެއް ކުރުމަށް އަންގާފައެއް ނުވާނެ. ރީ-ރެޖިސްޓްރީ ކުރުން ވެސް އެއީ މުވައްޒަފުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ރީ_-ރެޖިސްޓްރީވުމުގެ މަސައްކަތް ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން ލައްވައި ޕީޕީއެމުން ކުރަމުން ގެންދާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އަދި ބައެއް އޮފީސްތަކުގެ މުވައްޒަފުން އޮފީހަށް ނުކުތުމުގެ ބަދަލުގައި ޕީޕީއެމްގެ ކެމްޕެއިނަށް ދާން އަންގާ ކަމުގެ އަޑުތައް ވެސް ވަނީ އަރައިފަ އެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު 483 ވޯޓު ފޮށި ބަހައްޓަ އެވެ. އަދި ވޯޓުގެ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނުން 3000 ވަރަކަށް މީހުން ގެންގުޅެ އެވެ.