Roadha Mihaaru
އިތުރު ހަ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމައިފި

އިތުރު ހަ ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން ނިންމައިފި

25 ޖުލައި 2018

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިތުރު ހަ ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން، އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިތުރު ހަ ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން، އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ނިންމައިފި އެވެ.

އެ ކޮމިޝަނުން އެންމެ ފުރަތަމަ ނިންމީ ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށި 87 ޕަސެންޓް މަދުކޮށް، އެންމެ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. ނަމަވެސް، އީސީ އަށް އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކާ އެކު، އެ ނިންމުން ބާތިލްކޮށް، ވޯޓުލުމަށް 100 މީހުން ރަޖިސްޓަރީ ކުރާ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން ވަނީ ފަހުން ނިންމައިފަ އެވެ.

ރަޖިސްޓަރީ ވުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަމަވިއިރު، ވޯޓުފޮށި ބަހައްޓަން 28 ރިސޯޓަކުން ހުށަހެޅި އެވެ. ނަމަވެސް، ރަޖިސްޓަރީ ވުމަށް އިތުރު ވަގުތު ދިނުމަށް ރިސޯޓުތަކުން އެދުމުން ދިއުމުން އީސީން ވަނީ މިއަދު މެންދުރު 2:00 އާ ހަމައަށް އެ ފުރުސަތު ދީފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ، ވޯޓުފޮށި ބަހައްޓަން ރަޖިސްޓަރީ ކުރުމުގެ މުއްދަތު އިތުރު ކުރަން ޓޫރިޒަމް ދާއިރާގެ ގިނަ ބޭފުޅުންނާއި ރިސޯޓުތަކުން އެދެނު ކަމަށެވެ. އެހެންވެ، ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހަމަވިއިރު ހަ ރިސޯޓަކުން ކުރިމަތިލި ކަމަށް އޭނާ ވިދާޅުވި އެވެ

ވޯޓު ފޮށި ބަހައްޓަން އަލަށް ނިންމި ރިސޯޓުތައް

- ކަނޑިންމަ މޯލްޑިވްސް

- އަނަންތަރާ ދިގު ރިސޯޓު

- ރޮބިންސަން ކްލަބް ނޫނު

- ޑަބްލިއު ރިޓްރީޓް އެންޑް ސްޕާ މޯލްޑިވްސް

- ދަ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓު

- އޮޅުވެލި ބީޗް އެންޑް ސްޕާ މޯލްޑިވްސް

މި ބަދަލާ އެކު، ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް 41 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓާނެ އެވެ. މިއީ 2013 ގެ ރިޔާސީ އިންތިޚާބާ ބަލާއިރު އެންމެ ފޮއްޓެއްގެ ތަފާތެވެ. އެ ފަހަރު ބޭއްވި އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓީ 42 ރިސޯޓެއްގަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓު ލާ ގޮތް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ އާދިއްތަ ދުވަހު ބަދަލުކޮށްފަ އެވެ. އެ ކޮމިޝަނުން ކުރިން ނިންމާފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމުގައި އެހީތެރިކަން ފޯރުކޮށްދޭނީ އެ ކޮމިޝަނުގެ އޮފިޝަލަކު ކަމަށެވެ. އެކަމަކު، މިހާރު ހަމަޖައްސާފައި ވަނީ އެ މީހަކު ބޭނުން މީހަކާ އެކުގައި ގޮސް ވޯޓުލެވޭ ގޮތަށެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި 489 ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ.