Roadha Mihaaru
ފޯމުތައް ޕީޕީއެމްގެ އޮފީހަށް ގެންދާތީ ކަންބޮޑުވެއްޖެ

ރީ-ރަޖިސްޓްރޭޝަން ފޯމުތައް ޕީޕީއެމް އޮފީހަށް ގެންދާތީ އިދިކޮޅުން ކަންބޮޑުވެއްޖެ

30 ޖުލައި 2018

މި އަހަރުގެ ރިޔާސީ އިންތިޚާބަށް، ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާ ފޯމުތައް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ އޮފީހަށް ގެންދާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި އަހަރުގެ ރިޔާސީ އިންތިޚާބަށް، ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާ ފޯމުތައް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ އޮފީހަށް ގެންދާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރީ-ރަޖިސްޓްރޭޝަންގެ ފޯމުތަކާ ގުޅޭ ގޮތުން އިދިކޮޅު ޕާޓީތަކުން ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ. ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ރީ-ރަޖިސްޓަރީ ކޮށްދިނުމުގެ ކަންކަން ސިޔާސީ ޕާޓީތަކުން ވެސް ކުރަމުން އަންނައިރު، އެކަމުގައި އޮޅުވާލުމާއި މަކަރު ހަދަމުން ދާ ކަމުގެ ތުހުމަތުތައް ކޮށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި އިލްޒާމް އަޅުވަމުންނެވެ. އެކަމަކު، ރީ-ރަޖިސްޓަރީ ކުރުމުގައި އެއްވެސް އޮޅުވާލުމަށް ނުހިންގާ ކަމުގެ ޔަގީންކަން ޕާޓީތަކުން ދެ އެވެ.

ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން، ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ރީ-ރަޖިސްޓްރީ ކުރަން ފުރާ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އެކަމަކު، ޕީޕީއެމްގެ އޮފީހަށް އެ ފޯމުތައް ގެންގޮސް، އޭގައި ހުންނަ މައުލޫމާތުތައް އެ ޕާޓީން ބަލާތީ ކަންބޮޑުވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ. --ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ. --ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

"އެއީ ސަރުކާރުގެ ވަސީލަތްތައް ޕީޕީއެމްގެ ކެމްޕެއިނަށް ބޭނުން ކުރާ ކަމަށް ލިބޭ ހެއްކެއް،" އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ޕީޕީއެމުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރާ ކަމަށް ބުނެ، އެ މައްސަލަ ބަލައި ދިނުމަށް އެދި އިދިކޮޅު ފަރާތްތަކުން ވަނީ ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފަ އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ކެމްޕެއިން އޮފިޝަލުންތަކަކާ ބައްދަލު ކުރައްވައި ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ދެއްކެވި ވާހަކަފުޅުތަކުން ވެސް އެ ޕާޓީން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރާ ކަން ވަނީ ހާމަވެފަ އެވެ.

"އެ ބޭފުޅުން [ރައީސް ޔާމީނާއި ފަސްޓް ލޭޑީ ފާތުން] ވިދާޅުވީ ސިވިލް ސާވިސްގެ މީހުން ފުރާ ފޯމުތަކާއި ސަރުކާރުގެ ކުންފުނިތަކުން ފުރާ ފޯމުތައް ޕީޕީއެމްގެ އޮފީހަށް ގެނެސްގެން، ޕީޕީއެމުން ދިރާސާ ކޮށްފައޭ ތަންތަނަށް ފޮނުވާނެ ވާހަކަ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ އެހެން ވިދާޅުވި އިރު، ޕީޕީއެމްގެ އޮފިޝަލުންތަކަކާ ބައްދަލު ކުރައްވައި ރައީސް ޔާމީންގެ ދެކަނބަލުން ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯއެއް އާންމު ކޮށްފައިވާއިރު، އެ ވީޑިއޯގައި ފަސްޓް ލޭޑީ ފާތުން ވަނީ ސިވިލް ސާވިސް އާއި ކުންފުންޏެއްގެ ތެރެއިން އަންނަ "އެތި" [ރީ-ރެޖިސްޓްރޭޝަން ފޯމުތައް] އެ ބޭފުޅުން އެ ގޮތަށް ވާހަކަފުޅު ދެއްކެވި ރޭ ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ފޯމުތަކުގެ ތެރޭގައި އެމްޑީޕީ މީހުންގެ ފޯމުތައް ހުންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެ އެވެ.

ޕީޕީއެމްގެ ސޯޝަލް މީޑިއާ ގައި އާންމު ކޮށްފައިވާ އެ ވީޑިއޯ ގައި ރައީސް ވިދާޅުވި ގޮތުގައި، އެމްޑީޕީ މީހުންގެ ފޯމުތައް ލިބުނަސް މައްސަލައެއް ނެތެވެ. އެކަމަކު، މައްސަލަ އަކީ "އަޅުގަނޑުމެންގެ ފޯމުތައް" އެމްޑީޕީ މީހުންނަށް ލިބިދާނެތީ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ ދެ ތިން ދުވަސް ކުރިން އާންމުވި ވީޑިއޯގައި ރައީސް ވިދާޅުވީ ޕީޕީއެމަށް ލިބޭ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ. އެކަމަކު، އެމީހުންނަށް ޕީޕީއެމް މީހުންގެ ފޯމު ލިބިއްޖެ ނަމަ، އެ ފޯމުތައް އެމްޑީޕީން ހުށަނާޅާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.