Roadha Mihaaru
އާބާދުކުރަން ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ހިއްކަނީ

އާބާދުކުރަން ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ހިއްކަނީ

01 އޯގަސްޓް 2018

މީހުން އާބާދުކުރަން، ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ހިއްކަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މީހުން އާބާދުކުރަން، ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ހިއްކަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މީގެކުރިން، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ނިންމައި ބޭރު ބަޔަކަށް 50 އަހަރަށް ކުއްޔަށް ދޫކޮށްގެން މައްސަލަ ބޮޑުވި، ފުށިދިއްގަރު ފަޅު އޮންނަނީ، މާލެ އަތޮޅު ގުޅީގެ އުތުރަށެވެ. މާލެ އަށް ވުރެ ހަތަރު ގުނަ ބޮޑު، އެ ފަޅުގައި ގާތްގަނޑަކަށް 1،475 ހެކްޓަރު ހުރެ އެވެ.

ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި ދިގު މުއްދަތަކަށް އެ ފަޅު ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ކުރި ތަހުގީގަށް 2014 ގައި، ކުރީގެ ރައީސް އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާ ސުވާލުކުރި އެވެ. އެކަމަކު ފަހުން، އެ މައްސަލަ ނިމުމުން، އެ ފަޅު 2016 ގައި މި ސަރުކާރުން، 72.6 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ވިއްކާލަން ވެސް އިއުލާންކުރި އެވެ.

މިނިސްޓަރު މުއިއްޒު މިއަދު ވިދާޅުވީ ފުށިދިއްގަރުފަޅުން 800 ހެކްޓަރުގެ ބިން ހިއްކަނީ، ވިލިމާލެ 2 މަޝްރޫއުގެ ތެރޭގައި ހިމަނައިގެން ކަމަށެވެ. އެ މަޝްރޫއުގައި، ގުޅީފަޅުން 230 ހެކްޓަރުގެ ބިން ހިއްކާއިރު، ފުށިދިއްގަރު ފަޅުން ހިއްކާ 800 ހެކްޓަރު ބިމުން ދޫކުރަން ނިންމާފައި ވަނީ ގޯއްޗެވެ.

ގުޅީފަޅުން ހިއްކާ ބިމުގައި ފްލެޓް އަޅާއިރު، މި މަޝްރޫއާއެކު ބްރިޖުން މާލެ އާއި ވިލިމާލެ އާއި ވިލިމާލެ 2 އަދި ގުޅީފަޅާއި ތިލަފުއްޓާއި ފުށިދިއްގަރު ފަޅު ގުޅުވާލާނެ އެވެ. މަޝްރޫއު ނިމޭއިރު، މި ރަށްތައް ބްރިޖުތަކަކުން ގުޅި، ދަތުރުފަތުރު ކުރަން ފަސޭހަ ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/ހައުސިން މިނިސްޓްރީ

"ފުށިދިއްގަރު ފަޅު ވެސް އަޅުގަނޑުމެން ހިއްކަން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ގެންދާނީ. [މި މަހު 7 ގައި ފުށިދިއްގަރުން ގޯއްޗަށް ކުރިމަތިލާން ހުޅުވާލައި] ހަތަރު މަސް ދުވަހުގެ ތެރޭގައި ގޯއްޗަށް ކުރިމަތިލާ މިންވަރު އަޅުގަނޑުމެން ބަލާފައި އެއީ ފުރަތަމަ ފޭސްއަށް ހެދުމުގެ ވިސްނުމެއް އެބަ ގެންގުޅެން،" މުއިއްޒު ވިދާޅުވި އެވެ.

"މާލޭގެ ސައިޒުން ބަލައިފިއްޔާ، 800، ހެކްޓަރަކީ ހަތަރު މާލެ. ހުޅުމާލެ ދެ ފިޔަވަހީގެ ވެސް އިތުރު ދެ ފިޔަވަހި."

ހިއްކައިގެން ތަނެއް އާބާދުކުރުން ފަދަ މަޝްރޫއުތަކަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސަރުކާރަށް އުނދަގޫ ކަމެއް ނޫނެވެ. މި ސަރަހައްދަށް ބަލާއިރު އެންމެ ބޮޑު ޑްރެޖަރު އޮތީ، އެމްޓީސީސީގައި ކަމަށް ވިދާޅުވި އެވެ.

"ބިން ހިއްކުމުގެ މަސައްކަތް، ވަރަށް ބާރު ސްޕީޑުގައި ނިންމާލައި ތޮށިލުމާއި މަގު ހެދުން ފަދަ ކަންކަން ކުރިއަށް ގެންދާނީ. މި މަސައްކަތްތައް ބޭރުގެ ކުންފުންޏަކާ ހަވާލެއް ނުކުރާނެ، އެއީ ޚަރަދަށް ބަލާއިރު ވެސް އެންމެ ރަނގަޅު ގޮތް،" މުއިއްޒު ވިދާޅުވި އެވެ.