Roadha Mihaaru
މަކުނުދޫގައި އެއާޕޯޓު އެޅޭނީ ރައީސް ޔާމީނަށް: އަދުރޭ

މަކުނުދޫގައި އެއާޕޯޓު އަޅައިދެވޭނީ ރައީސް ޔާމީނަށް، އެކަން ކޮށްދޭނެ: އަދުރޭ

14 އޯގަސްޓް 2018

އެކަހެރިކޮށް އޮންނަ، ދަތުރުފަތުރު ކުރަން ދަތި ހދ. މަކުނުދޫ ފަދަ ރަށްރަށުގައި ވެސް އެއާޕޯޓު އަޅައިދެއްވޭނީ ރައީސް އަބްދުﷲ ޔާމީނަށް ކަމަށާއި އެ މަނިކުފާނު އެކަން ކޮށްދެއްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެކަހެރިކޮށް އޮންނަ، ދަތުރުފަތުރު ކުރަން ދަތި ހދ. މަކުނުދޫ ފަދަ ރަށްރަށުގައި ވެސް އެއާޕޯޓު އަޅައިދެއްވޭނީ ރައީސް އަބްދުﷲ ޔާމީނަށް ކަމަށާއި އެ މަނިކުފާނު އެކަން ކޮށްދެއްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުުވެއްޖެ އެވެ.

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، މިދިޔަ އާދިއްތަ ދުވަހު މަކުނުދުއަށް ވަޑައިގަތުމުން، އެ ރަށުގައި އެއާޕޯޓެއް އަޅައިދިނުމަށް ރަށުގެ ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވަނީ އެދިވަޑައިގެންފަ އެވެ.

އެ ހުށަހެޅުމުގެ ޖަވާބެއްގެ ގޮތުން އިބޫ ވަނީ، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި، ވައިގެ މަގުން އެ ރަށަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ސީދާ، އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައެއް ނުގަންނަވަ އެވެ.

އިބޫ ވިދާޅުވީ މަކުނުދުއަށް މުހިންމީ އެއާޕޯޓެއްތޯ ނުވަތަ ސީޕްލޭންގެ ދަތުރުތައް ފެށުންތޯ ދިރާސާ ކުރައްވައި ކޮންމެވެސް އެއް ޚިދުމަތެއް ތައާރަފްކުރައްވާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އަބްދުއްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ދެ ވަނަ ދައުރެއްގައި، މަކުނުދޫގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަންފާއަށް ކުރާ ކަންކަމުގައި ރައީސް ބައްލަވަނީ، އެކަމަކުން ލިބޭ ފައިދާއަށް ވުރެ ބޮޑަށް، ރައްޔިތުންނަށް ލިބޭ ފަސޭހައަށާއި ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމްއާއެކު ޕީޕީއެމްގެ ޓީމެއް އިއްޔެ ވަނީ މަކުނުދުއަށް ގޮސްފަ އެވެ. އަދި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، ރައީސް ޔާމީންގެ ސިޔާސަތުތައް ހިއްސާކުރި އެވެ.

މަކުނުދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭނީ ކޮން ގޮތަކުން ކަން ތަފްސީލާ އެކު، މި ވަގުތު ހާމަކުރެއްވެން ނެތީ އެކަމަށް ކުރަންޖެހޭ ދިރާސާތައް އަދި ނުނިމޭތީ ކަމަށެވެ. ނަމަވެސް ވައިގެ މަގުން ޚިދުމަތް ދޭން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް އެ ރަށުގެ ބޮޑު ފަރުގެ ބައެއް ހިއްކައި އެއާޕޯޓެއް ހެދުމަށް ވައުދުވި އެވެ. ނަޝީދުގެ ދައުރު ހަމަނުވަނީސް އެ ވެރިކަން ބަދަލުވެފައިވާ އިރު، އެ ޕްރޮޖެކްޓްގެ އެއްވެސް އަމަލީ މަސައްކަތެއް މިހާތަނަކަށް ނުކުރެ އެވެ.