Roadha Mihaaru
ކަފާލާތުގެ ދަށުން ރިޔާޒް މިނިވަން ކޮށްދޭން އެދެފި

ކަފާލާތުގެ ދަށުން ރިޔާޒް މިނިވަން ކޮށްދޭން ސުޕްރީމް ކޯޓުގައި އެދެފި

16 އޯގަސްޓް 2018

ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކަފާލާތުގެ ދަށުން މިނިވަންކޮށް ދިނުމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކަފާލާތުގެ ދަށުން މިނިވަންކޮށް ދިނުމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ކުރިން ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރެއްވި ރިޔާޒް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން މިދިޔަ އޭޕްރީލް މަހު ހައި ކޯޓުން ހުކުމްކުރީ ފުލުހުންގެ ތަހުގީގެއްގައި އޭނާގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލާގަ އެވެ. އޭނާ ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް އޭނާގެ ފަރާތުން އޮތީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ރިޔާޒްގެ ވަކީލުން ނެރުނު ބަޔާނެއްގައިވަނީ އެ ހުކުމުގެ ތިން މަހާއި 24 ދުވަސް ރިޔާޒް މިހާރު ތަންފީޒުކޮށް ނިމިފައިވާ ކަމަށާއި އެ މައްސަލަ އިސްތިއުނާފްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިހާތަނަށް އެ ކޯޓުން ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އެހެންވެ، އެ މައްސަލައިގެ އިސްތިއުނާފް ސުޕްރީމް ކޯޓުން ނިމެންދެން ކަފާލާތުގެ ދަށުން ރިޔާޒް މިނިވަންކޮށް ދިނުމަށް އެދި މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އިދިކޮޅު މުޒާހަރާއެއްގެ ތެރެއިން މިދިޔަ މާޗް މަހު ރިޔާޒް ހައްޔަރުކުރި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާތީ، އެ މައްސަލަ ފައިލް ކޮށްފައިވާ މިދިޔަ އަންގާރަ ދުވަހު ފުލުހުން އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެހެންވެ، އެދުވަހު ރިޔާޒް ހައްޔަރު ކޮށްގެން ގެންގުޅުނު ގެންގުޅުމަކީ ގާނޫނާ ޚިލާފަށް ރިޔާޒް ހައްޔަރުކުރި މައްސަލަ ތަހުގީގު ކުރުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ރިޔާޒްގެ މައްޗަށް ހަތަރު މަހުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، އޭނާގެ މައްޗަށް ދައުވާކުރާ އިތުރު ތިން މައްސަލައެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެގޮތުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާގެ އިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅިކަމުގެ ދައުވާއެއް އޭނާގެ މައްޗަށް ދައުލަތުން ކުރެ އެވެ.