Roadha Mihaaru
ލިސްޓް ޗެކްކުރަން ބޭނުން، ރަނގަޅު ނަމަ ސޮއިކުރާނަން

ވޯޓާސް ލިސްޓް ޗެކުރަން ބޭނުން، ރަނގަޅު ލިސްޓެއް ނަމަ ސޮއިކުރާނަން: އިއްތިހާދު

08 ސެޕްޓެމްބަރ 2018

ވޯޓާސް ލިސްޓްގައި ސޮއިކުރާނީ އެ ޗެކްކޮށް ރަނގަޅު ލިސްޓެއް ނަމަ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވޯޓާސް ލިސްޓްގައި ސޮއިކުރާނީ އެ ޗެކްކޮށް ރަނގަޅު ލިސްޓެއް ނަމަ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ދޭ ލިސްޓާއި އިދިކޮޅު އިއްތިހާދުގެ އަތުގައި އޮތް ލިސްޓް އަޅާބަލަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ކުރިއަށް ނުދާ ކަމަށާއި ބަލަން ޖެހެނީ އީސީން އާންމުކުރި ލިސްޓާއި ސޮއިކުރަން އީސީން ފޮނުވާ ލިސްޓް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޗެކުކުރުން ކަމަށް ބެލޭނީ އަޅުގަނޑުމެންގެ ކެންޑިޑޭޓްގެ ފަރާތުން އަޅުގަނޑުމެން ހިތްހަމަޖެހޭ ވަރަށް، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ފެންވަރަށް އެ ލިސްޓް އޮވެ، އަޅުގަނޑުމެންގެ އަތުގައި އޮތް ލިސްޓާ އެއްގޮތަށްތޯ ބެލުން،" މާރިޔާ ވިދާޅުވި އެވެ.

"ދެން މައްސަލައެއް އޮތިއްޔާ އަޅުގަނޑުމެންނާ މަޝްވަރާކޮށްގެން ގޮތްގޮތް ހޯދޭނެ. ކިހިނެއް ވެފައި އޮތް ކަމެއްތޯ [ބެލިދާނެ]."

އޭނާ ވިދާޅުވި ގޮތުގައި ކަންބޮޑުވުމަކީ އިއްތިހާދުން އެހާ ރަނގަޅަށް ލިސްޓް ޗެކްކުރަން ބޭނުންވާ އިރު، އިލެކްޝަންސް ކޮމިޝަނުން ދިއްކޮށްލާ ކޮންމެ އެއްޗެއްގައި ޕީޕީއެމުން ސޮއިކުރަން ތައްޔާރަށް އޮތުމެވެ.

"[ކޮމިޝަނަށް] އެ ބޭފުޅުންގެ އެވަރުގެ އިތުބާރެއް އޮތީ ކީއްވެތޯ އެ ސުވާލު އުފެދޭ،" މާރިޔާ ވިދާޅުވި އެވެ.

އީސީއަކީ ޕީޕީއެމުން ބޭނުންވާ ގޮތަކަށް އަމަލްކުރަމުން އަންނަ މުއައްސަސާއެއް ކަމަށް އިއްތިހާދުން ގެންދަނީ ތުހުމަތުކުރަމުންނެވެ. މިއަދު ވެސް މާރިޔާ ވަނީ އެގޮތަށް ވާހަކަ ދައްކަވައިފަ އެވެ.

"އަޅުގަނޑުމެން ކަންބޮޑުވެގެން މިދައްކަނީ، އާއްމުން ވެސް އެ ދައްކަނީ، ފުރަތަމަ މިކަހަލަ އެއްޗެތި ދަނީ މުލިއާގޭ ޖަގަހަޔަށޭ. މުލިއާގެ ޖަގަހަ ތެރެއިން ނުކުންނަ ލިސްޓްތަކެކޭ އެއުޅެނީ އިލެކްޝަންސް ކޮމިޝަންގައި،" ރައީސް އަބްދުﷲ ޔާމީނާ ގުޅޭ އެތައް ކަމެއް ހިންގަމުން އަންނަ މުލިއާގެއަށް އިޝާރަތްކުރައްވައި މާރިޔާ ވިދާޅުވި އެވެ.

އެ ގުޅުން، ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ނެތް ނަމަ، މާރިޔާ ވިދާޅުވީ، އިއްތިހާދެކޭ އެއްގޮތަށް ޕީޕީއެމުން ވެސް ވޯޓާސް ލިސްޓް ޗެކްކުރާނެ ކަމަށެވެ.

"އެހެން ނޫން ނަމަ ރައީސް ޔާމީންގެ ކެމްޕޭނުން ވެސް ބޭނުންވާން ޖެހޭނެ އެ ބޭފުޅުން އެގޮތަށް ތައްޔާރުކުރައްވާ، ވެރިފައިކުރައްވައި، ޑޯޓުޑޯ ހިންގަވައިގެން އެކި ގޮތްގޮތުން ފާހަގަލާފައި ހުރި ލިސްޓް ހިފައިގެން އެތަނަށް ވަޑައިގެން [އީސީގެ] އެ ލިސްޓްގައި ސޮއިކުރަން،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަމަހަމަކަމާ އެކީ ދެ ފަރާތަކުން އިންތިހާބަކަށް ނުކުމެ އުޅޭ ކަމަށް ވަންޏާ، އިދިކޮޅު މީހުންގެ ކަންބޮޑުވުމެއް އޮތިއްޔާ އެކަން ރައީސް ޔާމީންގެ ކަންބޮޑުވުމަކަށް ވެސް ވާން ޖެހޭނެ ކަމަށެވެ.

"މިދައްކަނީ އާދައިގެ ވާހަކައެއް ނޫން. އަޅުގަނޑުމެންގެ ލިސްޓެއް އެތަނަށް ހިފައިގެން ވަނުމުގެ ފުރުސަތު ނުދީ އިލެކްޝަންސް ކޮމިޝަނުން ދޭ ދެވަނަ ލިސްޓާ އަޅާކިޔާށޭ ބުނުން. މިއީ އަޅުގަނޑުމެން ކަންބޮޑުވެގެން އުޅޭ ކަމަކީ،" މާރިޔާ ވިދާޅުވި އެވެ.

ރިޔާސީ ދެ ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ފަށައިފި ކަމަށާއި އެކަން ދަނީ ވަރަށް "ސުމޫތުކޮށް" ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފަ އެވެ. ނޫސްވެރިންނާ މާރިޔާ ބައްދަކުރެއްވީ އީސީގެ ނިއުސް ކޮންފަރެންސްގެ ފަހުންނެވެ.

ޝަރީފް ވިދާޅުވީ އަންނަ ބުދަދުވަހުގެ ހަވީރު ހަޔަކާ ހަމައަށް 24 ގަޑިއިރު އެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން ވޯޓާސް ލިސްޓްގައި ސޮއިކުރަން 25 މަންދޫބުންނަށް އީސީން ވަނީ ފުރުސަތު ދީފަ އެވެ. އެކަމަކު މާރިޔާ ވިދާޅުވީ އިދިކޮޅު އިއްތިހާދުން ހުށަހެޅީ އެ ފުރުސަތު 150 މަންދޫބުންނަށް ދޭން ކަމަށެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ހަމައެކަނި އީސީން ދޭ ލިސްޓުތަކެއް އަޅާބަލައިގެން ސޮއިކުރުމަކީ ވޯޓާސް ލިސްޓް ޗެކުކުރުމެއް ނޫނެވެ.