Roadha Mihaaru
އިންތިޒާރު މިކުރަނީ ރައީސް ޔާމީންގެ ކޯލަކަށް: އިބޫ

އިންތިޒާރު މި ކުރަނީ ރައީސް ޔާމީންގެ ފޯނު ކޯލަކަށް: އިބޫ

24 ސެޕްޓެމްބަރ 2018

އިންތިޚާބު ނާކާމިޔާބުވެވަޑައިގެންނެވި، ރައީސް އަބްދުﷲ ޔާމީންގެ ފޯނު ކޯލެއްގެ އިންތިޒާރުގައި ހުންނެވި ކަމަށް، ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިންތިޚާބު ނާކާމިޔާބުވެވަޑައިގެންނެވި، ރައީސް އަބްދުﷲ ޔާމީންގެ ފޯނު ކޯލެއްގެ އިންތިޒާރުގައި ހުންނެވި ކަމަށް، ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް އިބޫ މިހާތަނަށް ކުރި ހޯއްދެވީ، 58.3 ޕަސެންޓުންނެވެ. ރައީސް ޔާމީނަށް އަދި ލިބިވަޑައިގަތީ، 41.7 ޕަސެންޓެވެ.

އިންތިޚާބަށް ފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި، އިބޫ ދެއްވީ ބަޔާނެކެވެ. އެ ބަޔާނުގައި، މި އިންތިޚާބުގައި ދިވެހި ރައްޔިތުން ދެއްކި ނަމޫނާ އަށް ޝުކުރު އަދާކުރެއްވި އެވެ. އަދި އޭނާ އާއި ރަނިން މޭޓު ފައިސަލް ނަސީމަށް ވޯޓު ދިން ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ.

އެ ބަޔާން ނިންމާލެއްވުމާ އެކު، ރައީސް ޔާމީންގެ ފޯނު ކޯލެއް ލިބިވަޑައިގަތްތޯ ނޫސްވެރިން ސުވާލުކުރި އެވެ. އެއާ އެކު އިބޫ ވިދާޅުވީ "ފޯނު ކޯލެއް އަދި ނުލިބޭ" ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ އިންތިހާބީ ރައީސް އިބރާހިމް މުހައްމަދު ސޯލިހް(އިބޫ) ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އިދިކޮޅު ކޯލިޝަންގެ އިންތިހާބީ ރައީސް އިބރާހިމް މުހައްމަދު ސޯލިހް(އިބޫ) ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

"އަޅުގަނޑު މި އިންތިޒާރުކުރަނީ ރައީސް ޔާމީންގެ ފޯނު ކޯލަކަށް. އަދި އެމަނިކުފާނު ބަލި ގަބޫލުކުރެއްވި ކަމަށް ވިދާޅުވާނެ ކަމަށް،" އިންޓަނޭޝަނަލް މީޑިއާ އަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވި އެވެ.

އަޅުގަނޑު އެދެނީ މިއަދު މި ބޭއްވި ރިޔާސީ އިންތިހާބަށް އިހުތިރާމް ކުރައްވައި، އެއް ސަރުކާރުން އަނެއް ސަރުކާރަށް ހަވާލުކުރުމުގެ ކަންތައް ލަސް ނުކުރައްވައި ކުރިއަށް ގެންދެވުމަށް. --އިބޫ

އޭނާ ދެއްވި ބަޔާނުގައި ވިދާޅުވީ "މިރެއަކީ އުފާވެރި، ދިވެހިންގެ ދުއާ އިޖާބަކޮށްދެއްވި ރެއެއް" ކަމަށެވެ. އިންތިޚާބުގެ ކާމިޔާބީއަކީ، އިންސާފުގެ މަގަށް ދިވެހިންނަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވޯޓު ދިން މީހުންނާ ނުދޭ މީހުންނަށް ތަފާތެއް ނުކުރާނަން. އަޅުގަނޑު ވާނީ، އެންމެންގެ ރައީސަކަށް،" އިބޫ ވިދާޅުވި އެވެ.

މި އިންތިޚާބުގެ ކާމިޔާބީގައި، ކުރީގެ ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހިމެނޭ ކޯލިޝަނުން ހިއްސާ ބޮޑު ކަމަށް ވިދާޅުވެ، ގައުމާއި ރައްޔިތުންނަށްޓަކައި ލީޑަރުން ކޮށްދެއްވި މަސައްކަތަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.

އިދިކޮޅު ކޯލިޝަންގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އިދިކޮޅު ކޯލިޝަންގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އިބޫ ވިދާޅުވި ގޮތުގައި ގުޅިފައިވާ ޕާޓީތަކުން ދެން ކުރަން އޮތް މަސައްކަތަކީ ގައުމު އެއްބައިވަންތަ ކުރުމެވެ. އެ މަގަށް މިސްރާބު ޖަހައި، އިންސާފު ހޯދައިދިނުމުގެ މަސައްކަތް ކޯލިޝަނުން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިބޫގެ ވާހަކަ ނިންމާލެއްވީ ރައީސް ޔާމީނަށް ދެއްވި މެސެޖަކުންނެވެ.

"އަޅުގަނޑު އެދެނީ މިއަދު މި ބޭއްވި ރިޔާސީ އިންތިހާބަށް އިހުތިރާމް ކުރައްވައި، އެއް ސަރުކާރުން އަނެއް ސަރުކާރަށް ހަވާލުކުރުމުގެ ކަންތައް ލަސްނުކުރައްވައި ކުރިއަށް ގެންދެވުމަށް. އެކަން އެގޮތަށް ކުރެއްވުމަށް ރައީސް ޔަމީނަށް ގޮވާލަން. އަދި ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލެއްވުމަށް ވެސް ރައީސް ޔާމީނަށް ގޮވާލަން،" އިބޫ ވިދާޅުވި އެވެ.