Roadha Mihaaru
"އީޔޫއަށް ފާޑުކިޔާއިރު، ޑިކްޓޭޓަރުންނާ ދުނިޔެ ދެކޮޅު"

އީޔޫ އަށް ފާޑުކިޔައިގެން ފަރުޖެއްސޭކަށް ނެތް، ޑިކްޓޭޓަރުންނާ ދުނިޔެ ދެކޮޅު: އިބޫ

12 ސެޕްޓެމްބަރ 2018

ރާއްޖެ، ކޮމަންވެލްތުން ވަކިވެ އަވަށްޓެރި ގައުމުތަކާ ނުރުހުންވެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ފާޑުކިޔައިގެން ފަރުޖެއްސެން ނެތް ކަމަށާއި ޚުދުމުޚުތާރު ވެރިންނާ މުޅި ދުނިޔެ ވެސް ދެކޮޅު ކަމަށް އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖެ، ކޮމަންވެލްތުން ވަކިވެ އަވަށްޓެރި ގައުމުތަކާ ނުރުހުންވެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ފާޑުކިޔައިގެން ފަރުޖެއްސެން ނެތް ކަމަށާއި ޚުދުމުޚުތާރު ވެރިންނާ މުޅި ދުނިޔެ ވެސް ދެކޮޅު ކަމަށް އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބާ ދިމާކޮށް، ބޭރުގެ އެކި ބާރުތަކުން ރާއްޖެ އަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ، އީޔޫ އާއި ބޭރުގެ ބައެއް ގައުމުތަކަށް ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ އެކި ޖަލްސާތަކުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެ ފާޑުވިދާޅުވުމުގައި، އިބޫ އަށް ވެސް ބަހުގެ ހަމަލާތަކެއް ރައީސް ޔާމީން މިއަދު އަމާޒު ކުރެއްވި އެވެ.

ގދ. ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ، ރާއްޖެ އަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އީޔޫ އިން އިންޒާރުދެމުންދާ ކަމަށާއި އެ އިންޒާރު ދިނުން ރައްޔިތުންގެ ހައްގުގައި ހުއްޓާލަން އެދިވަޑައިގަންނަވަން އިބޫ އަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

ރައީސް ޔާމީންގެ މި ވާހަކަފުޅަށް އިޝާރާތް ކުރައްވައި، ފޯކައިދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ދުނިޔެއަކީ ލާމެހިފައިވާ ތަނެއް ކަމަށާއި އަވަށްޓެރި ގައުމުތަކާ ދެކޮޅުވެ "އެކަހެރިވެގެން" ރާއްޖެ އަށް ހޯދޭނެ ތަރައްގީއެއް ނޯންނާނެ ކަމަށެވެ. އެއާއެކު، އީޔޫ ފަދަ ޖަމާއަތްތަކާ ވެސް ނުރުހުންވެ ފާޑުކިޔައިގެން ލިބޭނެ މޮޅެއް ނެތް ކަމަށް ވިދާޅުވި އެވެ.

މިއީ، 21 ގަރުނު ކަމަށާއި އެފަދަ ވިސްނުންތައް ކުރިއަށް ނެރެގެން އުޅުއްވާ ޑިކްޓޭޓަރުންނަށް މުޅި ދުނިޔެ ވެސް ނޫނެކޭ ބުނަމުންދާ ކަމަށް އިބޫ ވިދާޅުވި އެވެ.

"ފަހަރަކު ގައުމެއްގައި އެފަދަ ވެރިން މިދަނީ އިންތިޚާބުތަކުންނާއި އަދި އެ ނޫން ވެސް ގޮތްގޮތުން ވެރިކަންތައް ބަދަލުކުރެވެމުން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން ނުކުމެ ރާއްޖޭގައި މިއޮތް ޚުދުމުހުތާރު ވެރިކަން ބަދަލުކުރާނެ،" އިބޫ ވިދާޅުވި އެވެ.

ތަރައްގީ މިނެކިރަނީ އެތަނެއްގައި ހަމަޖެހުމާއި އަމާންކަން އޮތް މިންވަރެއްގެ މައްޗަށް. --އިބޫ

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގައި ނަން މަޝްހޫރު ރާއްޖޭގެ ޖަޒީރާ ރަށްތައް ތަރައްގީކުރާނީ، ލާމަރުކަޒީ ނިޒާމް ކުރިއަށް ނެރެ، ރައްޔިތުންގެ އަޑު އަހައި މަޝްވަރާގެ މަތިން ކަމަށެވެ. ރައްޔިތުންނަށް ހިތްހަމަޖެހުމާއި ބޭނުންވާ ތަރައްގީ ލިބޭނީ އޭރުން ކަމަށް ވިދާޅުވި އެވެ.

ފޯކައިދޫގެ ޖަލްސާގައި ބައިވެރިވި އިިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން. --ފޮޓޯ/އެމްޑީޕީ

ފޯކައިދޫގެ ޖަލްސާގައި ބައިވެރިވި އިިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން. --ފޮޓޯ/އެމްޑީޕީ

އިބޫ ވިދާޅުވީ ތަރައްގީގެ މާނަ އޮޅުވާލާފައިވާ ކަމަށާއި ތަހުޒީބު މުޖުތަމައުތަކުގައި ތަރައްގީ މިނެކިރަނީ މި ސަރުކާރުން ރައްޔިތުންނަށް ވިސްނައިދެމުން އަންނަ ގޮތަކަށް ނޫނެވެ. ތަރައްގީއަކީ ލިބޭ އާމްދަނީ އާއި ތަނުގައި އޮންނަ މަސްލަހަތާއި މިނިވަންކަމާއި ހަމަހަމަކަމާއި ފުދުންތެރިކަމާއި ލިބޭ އެއްޗަކުން ދަރަނި ދެއްކުން ފަދަ ކަންކަންކަމަށް ވިދާޅުވި އެވެ.

"މިއިން އެއްވެސް ކަމެއްގައި ކޮންކްރީޓާއި ދަގަނޑުގެ ވާހަކައެއް ނާދޭ. ތަރައްގީ މިނެކިރަނީ ތަނުގައި ހަމަޖެހުމާއި އަމާންކަން އޮތް މިންވަރެއްގެ މައްޗަށް. އަޅުގަނޑުމެން ގެންނަން މިއުޅެނީ އެ ތަރައްގީ،" އިބޫ ވިދާޅުވި އެވެ.

ށ. އަތޮޅަށް އިބޫގެ ވައުދުތައް:

ފޯކައިދޫ: - ބަނދަރު ރަނގަޅު ފެންވަރަކަށް ހައިދޭނަން.

- ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް، އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކޮށް ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރާނަން.

- ސްކޫލް ބޮޑުކޮށް، އެއް ދަންފަޅި އަށް ކިޔެވުން ބަދަލުކުރާނަން.

- ހެލްތު ސެންޓަރުގެ ފެންވަރު މަތިކޮށް، 24 ގަޑިއިރު ޚިދުމަތްދޭނަން.

-ނޫމަރާ: ބަނދަރު ބޮޑުކޮށް، ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް ލެބޯޓްރީއެއް ގާއިމްކޮށްދޭނަން. ފެނާއި ނަރުދަމާގެ ޚިދުމަތް ދޭނަން.

ބިލެތްފަހި: މިހާރު އަޅަން ފަށާފައިވާ އެއާޕޯޓު ނިންމައިި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭނަން. ބަނދަރަށް ވަންނަން އޮތް ނެރު ބޭނުން ކުރެވޭ ގޮތް ހަދާނަން.

ނަރުދޫ: ސިއްހީ މަރުކަޒު ބޮޑުކޮށް، ލެބޯޓްރީގެ ޚިދުމަތް ގާއިމްކުރާނަން. ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް ކިޔެވުން އެއް ދަންފަޅި އަށް ބަދަލުކުރާނަން. ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރާނަން.

މާއުނގޫދޫ: ރަށްގިރުން ހައްލުކޮށް، ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އަޅާނަން. ފެނާއި ނަރުދަމާ، އަދި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރާނަން.

ފުނަދޫ: އެއްވެސް އިދާރާއެއް އެހެން ތަނަކަށް ބަދަލު ނުކުރާނަން. އެއާޕޯޓުގެ މަސައްކަތް ހަލުވިކޮށް ނިންމާލާނަން. އަތޮޅު ހޮސްޕިޓަލް ބޮޑުކޮށް ޚިދުމަތް ފުޅާކުރާނަން. ބޯހިޔާވަހިކަމަށް ހައްލު ހޯދައިދީ، ސާފު ބޯފެނާއި އަލަށް ހެދި ގެތަކަށް ނަރުދަމާގެ ނިޒާމް ގާއިމްކޮށްދޭނަން.

- ނަލަންދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ހުޅުވާލާނަން.

އިބޫ ފޯކައިދޫގައި: ށ. އަތޮޅަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި --ފޮޓޯ/އެމްޑީޕީ

އިބޫ ފޯކައިދޫގައި: ށ. އަތޮޅަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި --ފޮޓޯ/އެމްޑީޕީ

"ހުރިހާ ދިމާލެއްގައި އޮތީ ހާސްކަމާއި މާޔޫސްކަން"

އިބޫ ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާލަތު މިއަދު އޮތީ ކަންބޮޑުވާން ޖެހޭ ދަރަޖައިގަ އެވެ. ދިރިއުޅޭ ތަނުގެ ކުލި ނުދެއްކިގެން އެއް ބަޔަކު ތެޅިފޮޅޭއިރު، އަނެއް ބަޔަކު ހާސްކަމުގައި ތިބީ އެކަށީގެންވާ ބޭސްފަރުވާ ނުލިބިގެންނެވެ. މަސްވެރިންނާއި އޮޑިވެރިން ނެގި ލޯނު ނުދެއްކިގެން ކަންބޮޑުވެފައި ތިބިއިރު، މައިންބަފައިންގެ ހިތްދަތި ކަމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދަރިން ހާލުވެ ދިއުން ކަމަށް އިބޫ ވިދާޅުވި އެވެ.

"ޒުވާނުން މަގު މައްޗަށް ނުކުންނަން ނުކުރި ތިބީ ވަޅި ޖަހައި މަރާލަފާނެތީ އެކަމުގެ ހާސްކަމުގެ ތެރޭގައި. ވިޔަފާރިވެރިން ތިބީ މީރާ އިން ކޮށްފާނެ ޖޫރިމަނާއަކާ ދޭތެރޭގައި ހާސްވެ ކަންބޮޑުވެފައި،" އިބޫ ވިދާޅުވި އެވެ.

ހާލަތު ބަޔާންކޮށްދެއްވަން އެ ލިސްޓު ވަރަށް ދިގު ކުރެއްވިދާނެ ކަމަށް ވިދާޅުވަމުން ރައްޔިތުންނަށް ވައުދުވެވަޑައިގަތީ އެ ހާލަތު ބަދަލުކޮށް ދެއްވާނެ ކަމަށެވެ. އަނިޔާވެރި ސަރުކާރެއްގެ ބިރުވެރިކަމުގައި ރައްޔިތުން ތިބެން ޖެހުން ނިމުމަކަށް ގެނެސްދެއްވާނެ ކަަމަށް އިބޫ ވިދާޅުވި އެވެ.

"މި މަހު 23 ގައި އަޅުގަނޑުމެންނަށް ވޯޓު ދެއްވާ، ތިޔަބޭފުޅުންނަށް ކަށަވަރުކޮށް މި އަރުވަނީ ތިޔަ ބޭފުޅުންގެ ހާސްކަން ފިލުވައި މި ރާއްޖެ އަކީ އަމާން ތަނަކަށް ހަދައިދޭނަމޭ،" އިބޫ ވިދާޅުވި އެވެ.