Roadha Mihaaru
ދާއިމީ ނަތީޖާ އިއުލާން ނުކޮށްގެން ކަންބޮޑުވެއްޖެ

ދާއިމީ ނަތީޖާ އިއުލާން ނުކޮށްގެން ކަންބޮޑުވެއްޖެ

27 ސެޕްޓެމްބަރ 2018

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ނުކޮށްގެން އިދިކޮޅު އެމްޑީޕީން ކަންބޮޑުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ނުކޮށްގެން އިދިކޮޅު އެމްޑީޕީން ކަންބޮޑުވެއްޖެ އެވެ.

އެއާއެކު، އިދިކޮޅު ސަޕޯޓަރުންނާއި ބޭރުގެ ބައެއް ގައުމުތަކުން ވެސް އަންނަނީ ދާއިމީ ނަތީޖާ އަވަހަށް އިއުލާންކުރަން ބާރުއަޅަމުންނެވެ.

އިންތިޚާބުގެ ނަތީޖާ ގުޅޭގޮތުން ޖަރުމަން އެމްބެސެޑަރު ކުރެއްވި ޓުވީޓެއް.

ރައީސް ޔާމީންގެ މައްޗަށް އިބޫ ކުރި ހޯއްދެވީ ޖުމްލަ 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. މިއީ، ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ. އިބޫ ކުރި ހޯއްދަވާފައި މިވަނީ، 38،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރި ކަން އިއުލާންކުރުމަށް ފަހު، ޕީޕީއެމުން ކޯޓަށް ހުށަހަޅައިގެން އިންތިޚާބު ބާތިލްކުރަން އުޅޭ ކަމުގެ އަޑުތަކާ އެކު ރައްޔިތުންގެ ތެރޭގައި ވަނީ ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެދިފަ އެވެ. އެހެންކަމުން، މިކަމަށް އޮތް ހައްލަކީ، އިދިކޮޅު ޕާޓީތަކުން ދެކޭ ގޮތުގައި، އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމެވެ.

ނަތީޖާ އިއުލާންކުރުން އަަވަސްކުރަން ގޮވާލައި ކޮށްފައިވާ ޓުވީޓެއް.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރަން އީސީ އަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެ ބޭފުޅުން ހަމައެކަނި ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ، ޕޯޑިއަމަށް އަރުއްވާފައި ނަތީޖާ އިއުލާން ކުރެއްވުން ކަމަށް ވިދާޅުވި އެވެ.

ގާނޫނުގައި ބުނާ ގޮތުން ވަގުތީ ނަތީޖާ އިއުލާންކުރާތާ ހަތް ދުވަހުގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާންކުރަން ޖެހެ އެވެ. ވަގުތީ ނަތީޖާ އިއުލާންކުރީ މިދިޔަ އާދީއްތަ ދުވަހެވެ.

އީސީން ބުނެފައި ވަނީ، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ.

ނަތީޖާ ލަސްވެގެން ކަންބޮޑުވުންފާޅުކޮށް މީހަކު ކޮށްފައިވާ ޓުވީޓެއް.

ދާއިމީ ނަތީޖާ ލަސްކޮށްދޭން އެދި ޕީޕީއެމުން އީސީ އަށް ހުށަހަޅާފައިވާ ސިޓީއާ ގުޅިގެން ރައްޔިތުން ކަންބޮޑުވުންފާޅުކުރަމުންދާތީ އެމްޑީޕީން މިއަދު ވަނީ ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކޮށްފަ އެވެ.

"ނަތީޖާ އަށް ބަދަލު އަންނަވަރުގެ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް އެ ބައްދަލުވުމުގައި މެމްބަރުން ވިދާޅުވި. ރީކައުންޓަކަށް ވެސް ދާކަށް ނުޖެހެއޭ. އެހެންވެއްޖިއްޔާ، ދާއިމީ ނަތީޖާ އިއުލާން ނުކޮށް ލަސްކުރަންވީ ސަބަބެއް ނެތް،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ނިންމުން ދަމަހައްޓާނެ ކަމަށް ފުލުހުންނާއި ސިފައިން ވެސް ވަނީ ރައްޔިތުންނަށް ޔަގީންކަން ދީފަ އެވެ. އެހެންކަމުން، ރައްޔިތުންގެ ތެރޭގައި ހުރި ކަންބޮޑުވުންތައް ހައްލުކުރެވޭނެ އަދި އެންމެ މަސްލަހަތު ހުރި ގޮތަކީ ވެސް ލަސްނުކޮށް އީސީން އެ ނަތީޖާ އިއުލާން ކުރުމެވެ.

"އެއްވެސް ސަބަބެއް ނެތި ނަތީޖާ އިއުލާން ނުކޮށް ހިފަހައްޓައިގެން ތިބުން އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" ހަސަން ވިދާޅުވި އެވެ.

އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ކުރީގެ ޕީޖީ އަހްމަދު މުއިއްޒު ކުރެއްވި ޓުވީޓެއް.

މި އިންތިޚާބުގައި ބޮޑު މައްސަލަތަކެއް ދިމާ ނުވާ ކަމަށް އީސީން ވެސް ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ވޯޓާސް ލިސްޓުގައި މައްސަލައެއް ނެތް ކަން ކޮމިޝަނުން ފާހަގަކުރެ އެވެ. އެހެން އިންތިޚާބުތަކުގައި އެންމެ ބޮޑު ޝަކުވާއަކަށް ވަނީ، ވޯޓާސް ލިސްޓުގެ މައްސަލަ އެވެ.

މިގޮތަށް ބުނެފައި ވަނިކޮށް، ރިޔާސީ އިންތިހާބާ ގުޅޭ "ޚަބަރު"ތައް ހުރީ ކުރި އަށް ކަމަށާއި ވޯޓާ ގުޅޭ ގޮތުން ހުރި މައްސަލަތައް، ވީހާ ވެސް އަވަހަކަށް ޕާޓީގެ އޮފީހަށް ފޮނުވައިދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންގެ ކިބައިން، ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އިއްޔެ އެދިވަޑައިގަތުމާ ގުޅިގެން ކަންބޮޑުވުންތަކެއް އުފެދުނެވެ. އެ މައްސަލަތަކާ އެކު ޕީޕީއެމުން ކޯޓަށް ދާން އުޅޭ ކަމުގެ އަޑުތައް ވެސް ގަދަވި އެވެ.

އެކަމަކު ފަހުން، އެ ވާހަކަތައް އެ ޕާޓީން ވަނީ ދޮގުކޮށްފަ އެވެ.

ނިހާން ވިދާޅުވި ގޮތުގައި އިންތިޚާބު ބާތިލުކުރަން އެ ޕާޓީން އެއްވެސް މައްސަލައެއް ކޯޓަށް ހުށަހަޅާފައެއް ނުވާނެ އެވެ. އެކަމަކު، އިންތިޚާބާ ގުޅިގެން ޕާޓީގެ އޮފީހަށް ހުށަހަޅާ ޝަކުވާތައް ބަލައި، އޭގެ ތެރޭގައި ފިޔަވަޅު އަޅަން ޖެހޭ މައްސަލައެއް ހުރިތޯ ބެލުމަކީ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ޕީޕީއެމުން އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި، އެ މައްސަލަތައް ނޯޓު ކޮށްފައި، ޕާޓީ އޮފީހުގައި ބާއްވަން ވިޔަސް އެއީ ޕީޕީއެމުން ކުރާނެ ކަމެކެވެ.