Roadha Mihaaru
މެންބަރުންގެ އަދަދު އިތުރު ނުކުރަން ކޮމިޓީން ފާސްކޮށްފި

މަޖިލީހުގައި ތިއްބަވާނީ 85 މެމްބަރުން ކަމަށް ކޮމެޓީން ފާސްކޮށްފި

10 އޯގަސްޓް 2016

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 85 އަށް ވުރެ އިތުރުނުވާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 85 އަށް ވުރެ އިތުރުނުވާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފި އެވެ.

މި އިސްލާހަކީ 2014 ގައި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު 17 ވަނަ މަޖިލީހަށް ހުށަހެޅުއްވި އިސްލާހެކެވެ. މިދިޔަ ހޯމަ ދުވަހު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އިސްލާހާ މެދު ގޮތެއް ނިންމީ މައްސަލަ ކޮމެޓީގައި އޮންނަތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.

ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން މިގޮތަށް ފާސްވި ނަމަވެސް، މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން މި އިސްލާހު ފާސް ކުރަން ޖެހޭނެ އެވެ. ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެއީ 64 މެމްބަރުންގެ ވޯޓެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މަޖިލީހުގައި މިހާރު ތިއްބަވަނީ 85 މެމްބަރުން. - ފޮޓޯ: މަޖިލިސް

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މަޖިލީހުގައި މިހާރު ތިއްބަވަނީ 85 މެމްބަރުން. - ފޮޓޯ: މަޖިލިސް

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ހ) އިސްލާހުކުރި ގޮތުން މެމްބަރުންގެ އަދަދަކީ މަޖިލިސް އެކަށައެޅުމުގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާތަކާއި އިންތިހާބީ ދާއިރާތަކުގެ މައްޗަށް ބިނާކޮށް 85 މެމްބަރުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދު އެއަށް ވުރެ އިތުރެއް ނުކުރެވޭނެ އެވެ.

ގާނޫނުއަސާސީގައި މިހާރު އޮންނަ ގޮތުން ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރާއަކަށް ދެ މެމްބަރުން އައްޔަން ކުރަންޖެހޭނެ އެވެ. އަދި 5000 އަށް ވުރެ އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެމްބަރެއް އައްޔަންކުރަން ޖެހެ އެވެ.

އިސްލާހު ހުށަހެޅުއްވި މެންބަރު އާމިރު ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވުމަކީ ގައުމުގެ ސިޔާދަތަށާއި އިދާރީ ހިންގުމަށް އެންމެ އެދެވޭ ބަދަލު އަންނާނެ ކަމެއް ނޫނެވެ. މަޖިލީހުގައި ތިއްބެވި 85 މެމްބަރުންގެ އަދަދު ދެމިއޮތުމަކީ ބެހިފައިވާ އިދާރީ ދާއިރާތަކުގެ ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން އާމިރު ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރުމަށާއި ކައުންސިލްގެ ރައީސުން ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން އިންތިހާބުކުރާ ގޮތަށް ގާނޫނުއަސާސީއަށް ދެ އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފަ އެވެ. ނަމަވެސް އިސްލާހުތައް ފާސްކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބި، މިދިޔަ ހޯމަ ދުވަހު ދެ އިސްލާހު ވެސް ވަނީ ބޭރުކޮށްފަ އެވެ.