Roadha Mihaaru
ޗެނަލް 13 އަށް ފިޔަވަޅު އަޅައިދިނުމަށް ބްރޯޑްކޮމްއަށް

ޗެނަލް 13 އަށް ފިޔަވަޅު އަޅައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ބްރޯޑްކޮމް އަށް ހުށަހަޅައިފި

10 އޮކްޓޯބަރ 2018

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ފަސް މެމްބަރުންނަކީ ފިއްލަވައިގެން އުޅުއްވާ ބޭފުޅުންތަކެއް ކަމަށް ދޭހަވާ ގޮތަށް، އެ ބޭފުޅުންގެ ފޮޓޯތައް، ޗެނަލް 13 އިން ދައްކަމުން ދާތީ އެ ސްޓޭޝަނަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އެ ކޮމިޝަނުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލައެއް މިރޭ ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ފަސް މެމްބަރުންނަކީ ފިއްލަވައިގެން އުޅުއްވާ ބޭފުޅުންތަކެއް ކަމަށް ދޭހަވާ ގޮތަށް، އެ ބޭފުޅުންގެ ފޮޓޯތައް، ޗެނަލް 13 އިން ދައްކަމުން ދާތީ އެ ސްޓޭޝަނަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އެ ކޮމިޝަނުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލައެއް މިރޭ ހުށަހަޅައިފި އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ޗެނަލް 13 ގެ ސްކްރީންގެ ކަނަކަށް ކޮމިޝަންގެ މެމްބަރުންގެ ފޮޓޯ އަރުވައި، 'ފިލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މެމްބަރުން' އެގޮތަށް ލިޔެފައިވާ ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ.

އެ މައްސަލައިގެ އިތުރުން އެހެން ހަތަރު މައްސަލައެއް ވެސް ބްރޯޑްކޮމް އަށް ވަނީ ހުށަހަޅައިފަ އެވެ. އެއީ، ކޮމިޝަންގެ ފަސް މެމްބަރުންގެ އަބުރު ގެއްލޭ ގޮތަށް، ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ޗެނަލް 13 އިން ބްރޯޑްކާސްޓް ކޮށްފައިވާތީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅައި ދިނުމަށެވެ.

"...ޚާއްސަކޮށް އަޅުގަނޑާއި އަކްރަމް [ކޮމިޝަންގެ މެމްބަރު] އާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތައް ޗެނަލް 13 އިން ދަނީ ބްރޯޑްކާސްޓް ކުރަމުން. އެއީ ސީރިއަސް މައްސަލައެއް. އެހެންވެ، އަވަސް މައްސަލައިގެ ގޮތުގައި ބަލައިދިނުމަށް އެދި ހުށަހެޅި މި މައްސަލަތައް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅީ،" ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި މައްސަލަތަކާ ގުޅޭ ގޮތުން، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ، އެ މައްސަލަތައް ބެލުން އުސޫލުގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށް ބުނެ، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ފަހަކަށް އައިސް އަންނަނީ ކޮންމެ ރެއަކު އިހުތިޖާޖު ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ޕީޕީއެމުން ބާއްވާ އެއްވުންތަކުގައި، ޝަރީފާއި އަކްރަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަގަށް ގޮވި ކަމަށް ބުނެ މީގެ ކުރިން ވަނީ ބްރޯޑްކޮމް އަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ފުލުހުންނަށް ވެސް އީސީން ވަނީ ހުށަހަޅައިފަ އެވެ.