Roadha Mihaaru
ކުޗް ކުޗް ހޯތާހޭ އަށް 20 އަހަރު ފުރުން ފާހަގަކުރަނީ

"ކުޗް ކުޗް ހޯތާ ހޭ" އަށް 20 އަހަރު ފުރުން ފާހަގަކުރަނީ

15 އޮކްޓޯބަރ 2018

އެ ފިލްމެއްގެ މަތިން ބެލުންތެރިން ދުވަހަކު ވެސް ފޫހި ނުވާ، ކަރަން ޖޯހަރްގެ "ކުޗް ކުޗް ހޯތާ ހޭ" ރިލީޒް ކުރިތާ 20 އަހަރު ފުރުން ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެ ފިލްމެއްގެ މަތިން ބެލުންތެރިން ދުވަހަކު ވެސް ފޫހި ނުވާ، ކަރަން ޖޯހަރްގެ "ކުޗް ކުޗް ހޯތާ ހޭ" ރިލީޒް ކުރިތާ 20 އަހަރު ފުރުން ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި އެވެ.

ކަރަންގެ އަލަތު ޑައިރެކްޝަން ބެލުންތެރިންނާ ހަމައަށް އައީ އޮކްޓޯބަރު، 16، 1998 ގަ އެވެ. ކޮލެޖް ޒުވާނުންތަކެއްގެ ތިނެސްކަން ލޯބީގެ ވާހަކައެއް ކިޔައިދިން "ކުޗް ކުޗް ހޯތާ ހޭ" ގައި ލީޑް ރޯލް ކުޅެފައި ވަނީ ޝާހްރުކް ހާނާއި ކާޖޮލް އާއި ރާނީ މުރަކްޖީ އެވެ. އަދި ފިލްމުގައި ސަލްމާން ހާންގެ ކުޑަކުޑަ ރޯލެއް ވެސް ހިމެނެ އެވެ.

ބޮލީވުޑުން މިހާތަނަށް ގެނެސް ދިން އެންމެ ރީތި އަދި އެންމެ ފުރިހަމަ ލޯބީގެ އެއް ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ "ކުޗް ކުޗް ހޯތާ ހޭ" އަށް 20 އަހަރު ފުރުމާ ދިމާކޮށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ފިލްމުގެ ބައެއް ލަވަތައް ޝޫޓްކޮށްފައިވާ ސްކޮޓްލެންޑަށް ދާން ފުރުސަތު ލިބޭ މުބާރާތަކާއި ފިލްމުގެ ޑައިލޮގެއް ނުވަތަ ލަވައެއް އަލުން ކިޔައިގެން އިނާމު ހޯދުމުގެ ފުރުސަތު ލިބުން ހިމެނެ އެވެ.

ކަރަންގެ ޓްވީޓެއް.

މީގެ އިތުރުން ފިލްމަށް ހާއްސަ ވަރަށް ކުލަގަދަ އިވެންޓެއް މުމްބާއީގެ ލަގްޒަރީ ހޮޓަލެއްގައި އަންގާރަ ދުވަހު ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އެ އިވެންޓްގައި ފިލްމުގެ އެކި މަސައްކަތްތައް ކުރި މީހުންނާއި ގިނަ އަދަދެއްގެ ފޭނުން ބައިވެރި ވާނެ އެވެ.

އެ ހަފުލާއާ ބެހޭ ތަފުސީލެއް ކަރަން އާއި އޭނާގެ ފިލްމު ކުންފުނި ދަރްމާ ޕްރޮޑަކްޝަނުން ހާމަކޮށްފައި ނުވާ އިރު، މިއީ ސަޕްރައިންޒިން ގިނަ ކަންތައްތަކެއް ފެނިގެން ދާނެ އިވެންޓެއް ކަމަށް މީޑިއާތަކުން ބުންޏެވެ.

"ކުޗް ކުޗް ހޯތާ ހޭ" އަކީ އެ ފިލްމު ރިލީޒް ކުރި އަހަރު ގިނަ އެވޯޑްތަކެއް ވެސް ހޯދި ފިލްމެކެވެ. އެގޮތުން ކަރަން އަށް ވަނީ އެންމެ މޮޅު ސްކްރިޕްޓް، އެންމެ މޮޅު ފިލްމު އަދި އެންމެ މޮޅު ޑައިރެކްޓަރުގެ ފިލްމު ފެއާ އެވޯޑް ލިބިފަ އެވެ. މީގެ އިތުރުން ޝާހްރުކަށް އެންމެ މޮޅު އެކްޓަރު، ކާޖޮލް އަށް އެންމެ މޮޅު ބަތަލާ ރާނީ އަށް އެންމެ މޮޅު ސަޕޯޓިން ބަތަލާ އަދި ސަލްމާނަށް އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ފިލްމު ފެއާ އެވޯޑް ވެސް ލިބިފައިވެ އެވެ.

ފިލްމު ފެއާގެ އިތުރުން ޒީ ސިނެ އެވޯޑްސް އާއި ސްޓާ ސްކްރީން އެވޯޑްސް އަދި ބޮލީވުޑް މޫވީ އެވޯޑްސްގައި ވެސް "ކުޗް ކުޗް ހޯތާ ހޭ" ވަނީ ގިނަ އަދަދެއްގެ އެވޯޑްތަކެއް ހޯދައިފަ އެވެ. މީގެ އިތުރުން މި ފިލްމަށް ވަނީ 64 ވަނަ ނެޝަނަލް އެވޯޑްގައި ބެސްޓް ފިލްމު ފޮ ޕްރޮވައިޑިން ހޯލްސަމް އެންޓަޓައިންމަންޓްގެ އެވޯޑް ވެސް ލިބިފަ އެވެ.

ކްރިޓިކުންނާއި ބެލުންތެރިންގެ ލޯތްބާއި ތައުރީފު އިންތިހާ އަށް އޮހުނު "ކުޗް ކުޗް ހޯތާ ހޭ" ގެ ބޮޑު ކާމިޔާބީ އަށް ފަހު، މި ފިލްމުގެ އެނިމޭޓެޑް ވާޝަނެއް ވެސް "ކުޗީ ކުޗީ ހޯތާ ހޭ" ގެ ނަމުގައި 2008 ގައި ހަދަން ފެށި އެވެ. އެކަމަކު ވަކި ހިސާބަކުން އޭގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.

"ކުޗް ކުޗް ހޯތާ ހޭ" އަށް ފަހު ކަރަން ވެގެން ގޮސްފައި ވަނީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ނުފޫޒު ގަދަ ޑައިރެކްޓަރުންގެ ތެރޭގަ އެވެ. އެ ފިލްމާ އެކު އޭނާ މިހާތަނަށް ހަ ފިލްމު ޑައިރެކްޓްކޮށްފައިވެ އެވެ. ކަރަން އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2016 ގައި ރިލީޒް ކުރި "އޭ ދިލް ހޭ މުޝްކިލް" އެވެ. އޭނާގެ ކުރިއަށް އޮފް ފިލްމަކީ 2020 ގައި ރިލީޒް ކުރާ ތާރީހީ ލޯބީގެ ފިލްމު "ތަހުތު" އެވެ.

ކަރަން: ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ޑައިރެކްޓަރު.

ކަރަން: ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ޑައިރެކްޓަރު.

ކަރަން ޑައިރެކްޓް ކުރި ފިލްމުތަކުގެ ތެރޭގައި ދެން ހިމެނެނީ ކަބީ ހުޝީ ކަބީ ޣަމް (2001)، ކަބީ އަލްވިދާ ނާ ކެހެނާ (2005)، މައި ނޭމް އިޒް ހާން (2010) އަދި ސްޓޫޑަންޓް އޮފް ދި އިޔާ (2012) އެވެ.

ޑައިރެކްޓަރެއްގެ އިތުރުން ކަރަންއަކީ ޕްރޮޑިއުސަރެއް ވެސް މެ އެވެ. އޭނާގެ ދަރްމާ އިން މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސް ދީފައިވާ އިރު، އެއީ ބޮލީވުޑްގެ އެންމެ ނަން ހިނގާ އެއް ޕްރޮޑަކްޝަން ހައުސް ވެސް މެ އެވެ.

މި އަހަރުގެ މިހާތަނަށް ކަރަން ޕްރޮޑިއުސް ކުރި ދެ ފިލްމެއް ސިނަމާ އަށް އައިސްފައިވާ އިރު، ދެން އެންމެ އަވަހަށް ދަރްމާގެ ތައްގަނޑުގައި ނުކުންނާނީ ޑިސެމްބަރު 28 ގައި ރިލީޒް ކުރާ "ސިމްބާ" އެވެ. މި އަހަރު ރިލީޒް ކުރި ކަރަންގެ "ރާޒީ" އާއި "ދަޅަކް" އަކީ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމުތަކެވެ.