Roadha Mihaaru
ޖަރުމަނުގައި މޫނު ބުރުގާ އެޅުން މަނާކުރަނީ

ޖަރުމަނުގައި މޫނު ބުރުގާ އެޅުން މަނާކުރަނީ

11 އޯގަސްޓް 2016

ބާލިން (އޮގަސްޓް 11) - ޓެރަރިޒަމް ހުއްޓުވުމަށް ކަމަށް ބުނެ ޖަރުމަނުގައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މޫނުބުރުގާ އެޅުން މަނާކުރާ ޕްލޭނަށް ތާއީދުކުރާނެ ކަމަށް އެ ގައުމުގެ ދާޚިލީ ވަޒީރު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބާލިން (އޮގަސްޓް 11) - ޓެރަރިޒަމް ހުއްޓުވުމަށް ކަމަށް ބުނެ ޖަރުމަނުގައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މޫނުބުރުގާ އެޅުން މަނާކުރާ ޕްލޭނަށް ތާއީދުކުރާނެ ކަމަށް އެ ގައުމުގެ ދާޚިލީ ވަޒީރު ވިދާޅުވެއްޖެ އެވެ.

ތޯމަސް ޑެ މައިޒަރީ ވަނީ ކުށްކުރާ ފަރާތްތައް ޑިޕޯޓްކުރުން އަވަސްކޮށް ޑޮކްޓަރަށް ދައްކާ މީހުންގެ ސިއްރު މައުލޫމާތު ބޭނުންވެއްޖެ ހާލަތެއްގައި އާއްމުކުރަން ލުއިތައް ދޭން ނިންމައިފައިވާ ކަމަށެވެ. ޖަރުމަނުގައި ބަލި މީހުންގެ ސިއްރު މައުލޫމާތު ހާމަކުރާ ޑޮކްޓަރުން އެއް އަހަރަށް ޖަލަށްލުން ނުވަތަ ބޮޑު ޖޫރިމަނާއެއް ކުރެ އެވެ. އެކަމަކު ދާޚިލީ ވުޒާރާގެ ޕްލޭނުގައިވާ ގޮތުން ބަލި މީހަކާ މެދު ޝައްކުކުރެވިއްޖެ ނަމަ އޭނާއާ ބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ޑޮކްޓަރުންނަށް ދެވެ އެވެ. ޖަރުމަނުގެ މެޑިކަލް އެސޯސިއޭޝަނުން ބުނީ ބަލި މީހުންގެ ސިއްރު މައުލޫމާތަކީ ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ އެ މީހުންގެ އަމިއްލަ ހައްގެއް ކަމަށެވެ.

މޫނުބުރުގާއާ ބެހޭ ގޮތުން ޖަރުމަނުން އަޅަން ގަސްދުކުރާ ފިޔަވަޅުތައް އެ ގައުމުގެ ދާޚިލީ ވުޒާރާ އިން މިއަދު އިއުލާން ކުރާނެ އެވެ. ޓެރަރިޒަމާ ދެކޮޅަށް ޖަރުމަނުގައި އަޅަން ގަސްދުކުރާ ފިޔަވަޅުތަކުގެ ތެރޭގައި ޖަރުމަނު މީހުން އިތުރު ގައުމެއްގެ ޕާސްޕޯޓް ގެންގުޅުން މަނާކުރުމާއި ފުލުހުންގެ ތެރެއަށް ކުރިއަށް އޮތް ހަތަރު އަހަރު އިތުރު 15،000 މީހުން ވެއްދުމާއި ރޭލުތަކުގައި ފުލުހުން އިތުރަށް ބޭތިއްބުމާ އަދި ހަރުކަށި ޖަމާއަތްތަކުން މިސްކިތްތަކަށް ފައިސާ ދިނުން ހަރުކަށި ކުރުން ހިމެނެ އެވެ.

އާ ފިޔަވަޅުތަކުގެ ދަށުން ރޭލް ސްޓޭޝަންތަކަށް އިތުރު ފުލުހުން ނެރެން ވަނީ ނިންމާފައި. --ފޮޓޯ:އޭއެފްޕީ

އާ ފިޔަވަޅުތަކުގެ ދަށުން ރޭލް ސްޓޭޝަންތަކަށް އިތުރު ފުލުހުން ނެރެން ވަނީ ނިންމާފައި. --ފޮޓޯ:އޭއެފްޕީ

ޖަރުމަނުގެ ބައެއް ސިޓީތަކަށް ދާދި ފަހުން ވަނީ ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގެ ފަހަތުގައި ވަނީ އިސްލާމީ ހަނގުރާމަވެރިންނެވެ. ޖުލައި މަހު ވަނީ ޖަރުމަނުގައި ރޭލެއްގެ ތެރޭގައި އަފްޣާނިސްތާނުގެ ޒުވާން ރެފިއުޖީއަކު ކޯރާޑިއަކުން ހަމަލާދީ ފަސް މީހުން ޒަޚަމްކޮށްލައިފަ އެވެ. ފުލުހުން ފަހުން ވަނީ ބަޑި ޖަހާ އަފްޣާނިސްތާން ކުއްޖާ މަރާލައިފަ އެވެ. އޭގެ ފަހުން ވަނީ ޖަރުމަނުން ހިމާޔަތް ހޯދަން ގޮސްހުރި ސީރިއާގެ ރެފިއުޖީއަކު މިއުޒިކް ފެސްޓިވަލެއްގައި ބޮމެއް ގޮއްވާލާ 15 މީހުން ޒަޚަމްކޮށްލައިފަ އެވެ. މި ދެ ހަމަލާ ވެސް ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް ވަނީ ބުނެފަ އެވެ.

ޖަރުމަނުގައި ހެދުން އެޅުމުގައި ވަކި މިންގަނޑުތަކެއް ނޯވެ އެވެ. ސަރުކާރުގެ ކޮމިޓީއަކުން މީގެ ހަތަރު އަހަރު ކުރިން ވަނީ މޫނު ބުރުގާ އެޅުން މަނާ ނޫން ކަމަށް ނިންމައިފަ އެވެ. ނަމަވެސް މޫނު ބުރުގާ ނޭޅޭ ބައެއް ތަންތަން ހުރެ އެވެ. މިސާލަކަށް ޖަރުމަނުގެ ފުޓުބޯޅަ ސްޓޭޑިއަމްތަކުގައި މޫނުބުރާ އަޅައިގެން ތިބުމަކީ ހުއްދަ ކަމެއް ނޫނެވެ.

މޫނުބުރާ އެޅުމަކީ ޔޫރަޕުގެ އެހެން ބައެއް ގައުމުތަކުގައި މިހާރު ވެސް މަނާކަމެކެވެ. ފްރާންސް، ބެލްޖިއަމް އަދި އިޓަލީގެ ބައެއް ހިސާބުތަކުގައި މޫނު ބުރުގާ އެޅުން މަނަލެވެ.