Roadha Mihaaru
ބުރުގާ އެޅި ބަޔަކު ސްކޫލަކަށް ވައްދަން ދެކޮޅު ހަދައިފި

ބުރުގާ އެޅި ބެލެނިވެރިންތަކެއް ފްރާންސްގެ ސްކޫލަކަށް ވައްދަން ދެކޮޅު ހަދައިފި

06 ސެޕްޓެމްބަރ 2016

ޕެރިސް (ސެޕްޓެމްބަރު 6) - ފްރާންސްގެ ދެކުނުގެ ޓައުނެއް ކަމަށްވާ ކޯސިކާގެ ނާސަރީ ސްކޫލަކަށް ބުރުގާ އެޅި ފަސް ބެލެނިވެރިއަކު ވަންނަން އެހެން ބެލެނިވެރިންތަކެއް ދެކޮޅު ހަދާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (ސެޕްޓެމްބަރު 6) - ފްރާންސްގެ ދެކުނުގެ ޓައުނެއް ކަމަށްވާ ކޯސިކާގެ ނާސަރީ ސްކޫލަކަށް ބުރުގާ އެޅި ފަސް ބެލެނިވެރިއަކު ވަންނަން އެހެން ބެލެނިވެރިންތަކެއް ދެކޮޅު ހަދާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ބެލެނިވެރިންގެ މެދުގައި މި މައްސަލަ ހޫނުވުމުން އެންމެ ފަހުން އެކަން ހައްލު ކުރަން ޖެހުނީ ފުލުހުން މެދުވެރިވެގެން ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

ފްރާންސްގެ ސްކޫލުތަކުގައި ކިޔަވާ ކުދިންނާއި މުވައްޒަފުން ދީނީ އެއްވެސް ޝިއާރެއް ފާޅުވާ ގޮތެއް ހެދުން އަޅައިގެން ސްކޫލުތަކަށް ވަނުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ބުރުގާ އަޅައިގެން ބެލެނިވެރިން ސްކޫލުތަކަށް ވަނުން މަނަލެއް ނޫނެވެ.

ފްރާންސްގެ ނީސްގައި ޖުލައި މަހު ލޮރީއަކުން ޖައްސާ 86 މީހުން މަރާލި ހާދިސާ އަށް ފަހު ފްރާންސްގެ ދެކުނުގައި މުސްލިމުންނާއި އެހެން މީހުންނާ ދެމެދު ވަނީ މައްސަލަތައް ބޮޑުވެފަ އެވެ. އިއްޔެގެ ހާދިސާ ހިނގާފައި މި ވަނީ ސަމާގެ ބަންދަށް ފަހު ސްކޫލުތައް އަލަށް ހުޅުވުނު ދުވަހު އެވެ. ބުރުގާ އެޅި މީހުން ސްކޫލަށް ވައްދަން ދެކޮޅު ހެދި މީހުން ބުނީ އެ މީހުންގެ ދަރިންގެ ކަރުގައި ސޮލީބު އަޅައިގެން އުޅޭތައް ފެނުމުން ޓީޗަރުން އެ ނަގުވާ ކަމަށެވެ.

ފްރާންސްގެ 30 ޓައުނެއްގައި ދާދި ފަހުން ވަނީ ބުރުގާއާ އެކު އަޅާ ބުރްކިނީ މަނާކޮށްފަ އެވެ. ނަމަވެސް ފްރާންސްގެ އެންމެ މަތީ އިދާރީ ކޯޓުން ވަނީ އެކަން ހުއްޓުވައިފަ އެވެ. ފްރާންސް އިން 2004 ވަނަ އަހަރު ވަނީ އާއްމުންނާއި ސަރުކާރުން ހިންގާ ތަންތަނުގައި ދީނީ ނިޝާންތައް ބޭނުން ކުރުން މަނާކޮށްފަ އެވެ. އަދި 2011 ވަނަ އަހަރު ވަނީ އާއްމު ތަންތަނުގައި ބުރުގާ އަޅައިގެން އުޅުން މަނާކޮށްފަ އެވެ.