Roadha Mihaaru

ނަޝީދަކީ، ރައީސް ޔާމީން ރަހީނުކޮށްފައިވާ ބޭފުޅެއް، ރަހީނުން މިނިވަން ކުރަން ކޯޓަށް ދާކަށް ނުޖެހޭ: ހަސަން

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ، ރައީސް އަބްދުﷲ ޔާމީން ރަހީނު ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެހެންވެ، ރަހީނުން މިނިވަން ކުރުމަށް ކޯޓަކަށް ދާން ނުޖެހޭ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

"ނަޝީދު ވަނީ ރަހީނުކޮށްފައި، ކޯޓަށް ދާކަށް ނުޖެހޭ"
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

24 އޮކްޓޯބަރ 2018

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ، ރައީސް އަބްދުﷲ ޔާމީން ރަހީނު ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެހެންވެ، ރަހީނުން މިނިވަން ކުރުމަށް ކޯޓަކަށް ދާން ނުޖެހޭ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ނަޝީދުގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް "މިހާރު" އަށް ވިދާޅުވީ ނަޝީދު މިނިވަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ކަމަށެވެ. ނަޝީދަކީ، ރައީސް ޔާމީން "ރަހީނު" ކޮށްފައިވާ ބޭފުޅަކަށް ވާތީ މިނިވަންވުމަށް ކޯޓަށް ވަޑައިގަންނަވަން ނުޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ.

"ހޮސްޓެޖުން ސަލާމަތްވާން ކޯޓަށް ދާކަށް ނުޖެހޭ. ރައީސް ޔާމީންގެ ފަރާތުން ސަލާމަތްވާން މި ކުރެއްވި ކަމަކީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިނިވަން ކުރުން. އެހެންވީމާ ކޯޓަށް ވަޑައިގަންނަވާކަށް ނުޖެހޭ،" ހަސަން ލަތީފް ވިދާޅުވި އެވެ.

"މުޅި ދުނިޔެ އެ ބުނަނީ ރައީސް ނަޝީދަށް ޝަރީއަތް ކޮށްފައި ވަނީ ހައްގުތައް ނުދީ ނާއިންސާފުންނޭ. ކޮން ގައުމަކުންތޯ އެ ވާހަކަ ނުދައްކަނީ؟ މުޅި ދުނިޔެ އެބަ ބުނޭ ރައީސް ނަޝީދަކީ ކުށްވެރިއެއް ނޫން ކަމަށް. ދެން ކޮން ކޯޓަކަށްތޯ ދާން ޖެހެނީ؟"

ހަސަން ވިދާޅުވި ގޮތުގައި، އަންނަ މަހުގެ އެެއްވަނަ ދުވަހު ނަޝީދު ރާއްޖެ ވަޑައިގަންނަވާއިރު، އެމަނިކުފާނު މިނިވަންކުރުމާ ގުޅޭ ވަރަށް ގިނަ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެކަމަކު، އޭގެ ތަފްސީލެއް މީޑިއާއަކަށް ހަސަން ނުދެއްވަ އެވެ.

ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އައީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގަ އެވެ.

ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އިނގިރޭސި ވިލާތުގައި އުޅުއްވާ ނަޝީދު އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވާ އިރު، ގިނަ ބަޔަކު ކުރާ ސުވާލަކީ އެ މަނިކުފާނު އެނބުރި ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ހެއްޔެވެ؟ ރާއްޖޭގެ ގާނޫނު ބުނާ ގޮތުން ނަޝީދު މިހާރު މިނިވަން ކުރެވޭނީ ސުޕްރީމް ކޯޓަށެވެ.

ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ 49 މެމްބަރުން ސޮއި ކުރައްވައި މިއަދު މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ. އެ ގަރާރުގައި ބުނެފައިވަނީ ނަޝީދަށް ހުކުމްކޮށްފައިވަނީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ހިލާފަށް ކޮށްފައިވާ ޝަރީއަތަކުން ކަމަށްވާތީ ރައީސް ނަޝީދު ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށެވެ.

އެ ގަރާރު މަޖިލީހުން ފާސްކުރި ނަމަވެސް ގާނޫނީ ގޮތުން ނަޝީދު މިނިވަނެއް ނުވާނެ އެވެ. މިހާރު އޮތް މަރުހަލާގައި އެ ބާރު ލިބިގެން ވަނީ ސުޕްރީމް ކޯޓަށެވެ.

ގާނޫނީ ވަކީލު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް-- މިހާރު ފޮޓޯ: ހުސައިން ވަހީދު

ގާނޫނީ ވަކީލު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް-- މިހާރު ފޮޓޯ: ހުސައިން ވަހީދު

"ވީ ހާލެއްގައި ވާން" ނަޝީދު ރާއްޖެ ވަޑައިގަންނަވާ އިރު ކޯޓުން ވަކި ގޮތެއް ނިންމާފައިނުވާތީ އިދިކޮޅު ކޯލިޝަންގެ ތެރޭގައި ވެސް ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ބޭފުޅުން ވިދާޅުވާ ގޮތުގައި ނަޝީދު ވެސް މިނިވަން ވާން ޖެހޭނީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ގާސިމް ވެސް މިނިވަންވެފައިވަނީ ކޯޓަށް ހުށަހަޅައި ކަފާލާތުގެ ދަށުންނެވެ. އެއަށް ފަހު ޝަރީއަތް ބާއްވައި ހައި ކޯޓުން ވަނީ އެ ދެ ބޭފުޅުންނަކީ ވެސް ކުށްވެރިން ނޫން ކަމަށް ކަނޑައަޅައިފަ އެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ ޖަލު ހުކުމާ މެދު ގޮތެއް ނިންމުމަށް އިއްޔެ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ނަމަވެސް އެމްޑީޕީގެ ލީޑާޝިޕުގެ ބޭފުޅުން ވިދާޅުވަނީ ނަޝީދަށް ހުކުމް ކޮށްފައި ވަނީ ނާއިންސާފުން ކަމަށްވާތީ އަދި ސުޕްރީމް ކޯޓުން ކަންކަން ކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމުގައި ނުވާތީ ކޯޓަށް ވަޑައިގެން "ސަލާން ޖަހަން" ނުޖެހޭ ކަމަށެވެ.