Roadha Mihaaru
ބުރުގާ އަަޅަން ޖެހޭތީ މުފްތީއާ ބައްދަލެއް ނުކުރި

ބުރުގާ އަަޅަން ޖެހޭތީ ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ލުބުނާނުގެ މުފްތީއާ ބައްދަލެއް ނުކުރި

22 ފެބުރުއަރީ 2017

ބޭރޫތު (ފެބްރުއަރީ 22) - ލުބާނުގެ ގްރޭންޑް މުފްތީއާ އެކު ބާއްވަން ހަމަޖެހުނު ބައްދަލުވުމުގައި ބުރުގާ އަޅަން ޖެހޭތީ ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް މަރިން ލެ ޕެން އެ ބައްދަލުވުން ކެންސަލް ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޭރޫތު (ފެބްރުއަރީ 22) - ލުބާނުގެ ގްރޭންޑް މުފްތީއާ އެކު ބާއްވަން ހަމަޖެހުނު ބައްދަލުވުމުގައި ބުރުގާ އަޅަން ޖެހޭތީ ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް މަރިން ލެ ޕެން އެ ބައްދަލުވުން ކެންސަލް ކުރައްވައިފި އެވެ.

ކަނާތު ފިޔައިގެ ނޭޝަނަލް ފްރަންޓުގެ ފަރާތުން އޭޕްރީލް، 23 ގައި އޮންނަ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ދެ ދުވަހުގެ ދަތުރެއްގައި ލުބުނާނަށް ވަޑައިގެންނެވީ ފްރާންސް-ލުބުނާން ދަރިކޮޅުގެ މީހުންގެ ވޯޓު ހޯދުމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލެ ޕެން ވިދާޅުވީ މުފްތީއާ އެކު ބާއްވާ ބައްދަލުވުމުގައި އޭނާ ބުރުގާ އަޅަން ޖެހޭކަން އެނގުމުން ހައިރާންވި ކަމަށެވެ. މުފްތީ އަބްދުލް ލަތީފް ދަރިއަންގެ ތަރުޖަމާނަކު ވިދާޅުވީ ބައްދަލުވުގައި ބައިވެރިވެވޭނީ ބޯ ނިވާކޮށްގެން ކަމަށް ލެ ޕެން އަށް މާކުރިން އަންގާފައިވާ ކަމަށެވެ.

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓަށް މަރުހަބާ ނުކިޔާނެ ކަމަށް ބުނެ ލުބުނާނުގެ އަންހެނަކު ބޭރޫތުގައި ބޯޑެއް ހިފައިގެން. --ފޮޓޯ:އޭއެފްޕީ

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓަށް މަރުހަބާ ނުކިޔާނެ ކަމަށް ބުނެ ލުބުނާނުގެ އަންހެނަކު ބޭރޫތުގައި ބޯޑެއް ހިފައިގެން. --ފޮޓޯ:އޭއެފްޕީ

"އަޅުގަނޑު އަމިއްލަ އަށް މުފްތީގެ އޮފީހުން ލެ ޕެން އަށް މަރުހާބީ ކީން، އަދި ހުދު ކުލައިގެ ބުރުގާއެއް ހަވާލު ކުރަން ބޭނުންވި. އެކަމަކު ލެ ޕެން އެ ގޮތަކަށް ބޭނުމެއް ނުވި. ބުރުގާ އަޅަން އެދުނީމަ ވެސް ލެ ޕެން އެކަމާ ދެކޮޅު ހެއްދެވުމަށް ފަހު އަނބުރާ ވަޑައިގެންނެވީ،" މުފްތީގެ ތަރުޖަމާން ވިދާޅުވި އެވެ.

ލެ ޕެން ވިދާޅުވީ މިސްރުގެ އަޒުހަރުގެ މުފްތީއާ ވެސް 2015 ވަނަ އަހަރު އޭނާ ބައްދަލުކުރި ކަމަށާއި އެ ފަހަރު ވެސް ބޯ ނިވާ ކުރަން ނުޖެހުނު ކަމަށެވެ.

"ސުންނީ މުސްލިމް އެންމެ އިސް އެއް މުފްތީ ކަމަށްވާ އަޒުހަރުގެ މުފްތީއާ ބައްދަލުކުރި އިރު ވެސް ބުރުގާ އަޅާކަށް ނުޖެހޭ. ލުބުނާނުގެ މުފްތީ އަށް އަޅުގަނޑުގެ ހުރިހާ އިހުތިރާމެއް އެބައޮތް. އެކަމަކު އަޅުގަނޑު ބުރުގާއެއް ނާޅާނަން،" ލެ ޕެން ވިދާޅުވި އެވެ.

މި ހާދިސާ އަށް ފަހު ލެ ޕެންގެ ނޭޝަނަލް ފްރަންޓް ޕާޓީގެ ނައިބް ރައީސް ފްލޮރިއަން ފިލިޕޮޓް ވިދާޅުވެފައި ވަނީ ލުބުނާނުގައި ލެ ޕެން ބުރުގާ އަށް ދެކޮޅު ހެއްދެވުމަކީ ފްރާންސާއި ދުނިޔޭގެ އެހެން އަންހެނުންނަށް ދެއްވި މިނިވަންކަމުގެ ރީތި މެސެޖެއް ކަމަށެވެ.

ފްރާންސަކީ ބުރުގާ އެޅުމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ގައުމެވެ. ލެ ޕެން ވެސް ވިދާޅުވެފައި ވަނީ އޭނާ އަށް ވެރިކަމަށް އާދެވިއްޖެ ނަމަ އާއްމު ތަންތަނުގައި ދީނީ ގޮތުން ތަފާތުވާ ހުރިހާ ނިޝާނެއް ހުއްޓުވާނެ ކަމަށެވެ. އޭގެ ތެރޭގައި މުސްލިމުން ބުރުގާ އެޅުން ވެސް ހިމެނެ އެވެ.

ފްރާންސްގައި އާއްމު ތަންތަނުގައި ބުރުގާ އެޅުން ވަނީ 2011 ވަނަ އަހަރު މަނާކޮށްފަ އެވެ. އަދި ފްރާންސްގެ ސްކޫލްތަކުގައި ބުރުގާ އެޅުން ވަނީ 2004 ވަނަ އަހަރު މަނާކޮށްފަ އެވެ.