Roadha Mihaaru
ބުރްކިނީ މަނާކުރުން ވާނީ ގާނޫނުއަސާސީއާ ޚިލާފު ކަމަކަށް

ފްރާންސްގައި ބުރްކިނީ މަނާކުރުން ވާނީ ގާނޫނު އަސާސީއާ ޚިލާފު ކަމަކަށް: ދާޚިލީ ވަޒީރު

29 އޯގަސްޓް 2016

ޕެރިސް (އޮގަސްޓް 29) - ފްރާންސްގައި ބުރްކިނީ މަނާކުރުމަށް ގާނޫނެއް ފާސްކުރުން ވާނީ އެ ގައުމުގެ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ދާޚިލީ ވަޒީރު ބާނާޑް ކެޒެނެއުވް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (އޮގަސްޓް 29) - ފްރާންސްގައި ބުރްކިނީ މަނާކުރުމަށް ގާނޫނެއް ފާސްކުރުން ވާނީ އެ ގައުމުގެ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ދާޚިލީ ވަޒީރު ބާނާޑް ކެޒެނެއުވް ވިދާޅުވެއްޖެ އެވެ.

ފްރާންސްގެ ދުވަހު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ކެޒެނެއުވް ވިދާޅުވީ ބުރުގާއާ އެކު އަޅާ ބުރްކިނީ ގާނޫނަކުން މަނާކުރުމަކީ ފްރާންސް ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށެވެ. ފްރާންސްގެ ބައެއް ޓައުންތަކުގައި ބުރްކިނީ މަނާކުރުން ވަނީ ބޮޑު ބަހުސަކަށްވެފަ އެވެ. ފްރާންސްގެ 30 އަށް ވުރެ ގިނަ ޓައުނުގައި އަންހެނުން މޫދަށް އެރޭ އިރު ބުރްކިނީ ލުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އެ ގައުމުގެ އެންމެ މަތީ އިދާރީ ކޯޓުން ހުކުރު ދުވަހު ވަނީ ބުރްކިނީ މަނާކުރުން ވަގުތީ ގޮތުން ހުއްޓުވައިފަ އެވެ. ކޯޓުން އަމުރު ކުރި ނަމަވެސް ބައެއް ޓައުންތަކުގެ މޭޔަރުން ވަނީ ބުރްކިނީ މަނާކުރުމުގެ އަމުރު ދަމަހައްޓާނެ ކަމަށް ބުނެފަ އެވެ.

ފްރާންސްގެ މާސޭގެ މޫދުގައި އަންހެނަކު ބުރުގާ އަޅައިގެން ފަތަނީ.

ފްރާންސްގެ މާސޭގެ މޫދުގައި އަންހެނަކު ބުރުގާ އަޅައިގެން ފަތަނީ.

ފްރާންސްގެ ކަނާތުފިޔައިގެ ބައެއް ޖަމާއަތްތަކުން ދަނީ އެ ގައުމުގެ ހުރިހާ ހިސާބެއްގައި ވެސް ގާނޫނެއްގެ ދަށުން ބުރްކިނީ މަނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ހަރާކާތުގެ އިސް މީހަކަށް ހުންނެވީ ކުރީގެ ރައީސް ނިކޮލަސް ސަރުކޯޒީ އެވެ. އޭނާ ދާދި ފަހުން ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ.

"ފްރާންސްގައި ބުރްކިނީ މަނާކުރުމަކީ ގާނޫނަކުން ކުރެވޭނެ ކަމެއް ނޫން. ބޮޑު ވަޒީރު ވެސް ވަނީ އެ ވާހަކަ ވިދާޅުވެފައި. އެއީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް. އަދި އެކަމުގެ ސަބަބުން އިތުރު ހަމަނުޖެހުން އުފެދިގެން ދާނީ،" ކެޒެނެއުވް ވިދާޅުވި އެވެ.