Roadha Mihaaru
އަންމަޓީ އާއި ސީ ލައިފް: މަކަރާއި ހީލަތުގެ ތެރޭގައި!

އަންމަޓީ އާއި ސީ ލައިފް: މަކަރާއި ހީލަތުގެ ތެރޭގައި!

05 ނޮވެމްބަރ 2018

އަހުމަދު މޫސާއޭ ބުނެގެން އޭނާ އެނގޭނީ ވަރަށް މަދު މީހަކަށެވެ. އެކަމަކު 2000 ގެ އަހަރުތަކުގައި ދިވެހި ބައެއް ލަވަތަކުގައި އެކްޓްކޮށް، ބައެއް ލަވަ އަލްބަމްތައް ނެރުނު ޕްރޮޑިއުސަރު އަންމަޓީއޭ ބުނެފި ނަމަ އެނގޭނެ މީހުން ގިނަވާނެ އެވެ. އަންމަޓީގެ އޭރުގެ މަޝްހޫރުކަމަށް ވުރެ މިހާރު އޭނާއަށް ލިބިގެން އުޅޭ މަޝްހޫރުކަން ވަކި ކުޑައެއް ނޫނެވެ؛ ތަފާތަކީ މިހާރު އޭނާއަކީ ބޮޑު މަކަރުވެރި އަދި ހީލަތްތެރިއެއްގެ ގޮތުގައި ބެލުމެވެ.

މޫސާ ލަތީފް މޫސާ ލަތީފް

އަހުމަދު މޫސާއޭ ބުނެގެން އޭނާ އެނގޭނީ ވަރަށް މަދު މީހަކަށެވެ. އެކަމަކު 2000 ގެ އަހަރުތަކުގައި ދިވެހި ބައެއް ލަވަތަކުގައި އެކްޓްކޮށް، ބައެއް ލަވަ އަލްބަމްތައް ނެރުނު ޕްރޮޑިއުސަރު އަންމަޓީއޭ ބުނެފި ނަމަ އެނގޭނެ މީހުން ގިނަވާނެ އެވެ. އަންމަޓީގެ އޭރުގެ މަޝްހޫރުކަމަށް ވުރެ މިހާރު އޭނާއަށް ލިބިގެން އުޅޭ މަޝްހޫރުކަން ވަކި ކުޑައެއް ނޫނެވެ؛ ތަފާތަކީ މިހާރު އޭނާއަކީ ބޮޑު މަކަރުވެރި އަދި ހީލަތްތެރިއެއްގެ ގޮތުގައި ބެލުމެވެ.

އަންމަޓީގެ ނަމަށް ކިސަޑު ބުރައިގެން މި އުޅެނީ ސީ ލައިފް ކިޔާ ކުންފުންޏެއް އުފައްދައި، އޭނާގެ ފެންވަރުގެ މީހަކާ ނުބައްދަލު ބޮޑު މަސައްކަތެއްގެ ތެރެއަށް ވަދެގެންނެވެ؛ ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން އެތަނުން ބޮޑު ބިންތަކެއް ހަވާލުކޮށް، އެޕްރީލް 2014 ގައި، ރައީސް އަބްދުﷲ ޔާމީން ވަނީ ބިންގާ ވެސް އަޅުއްވައި ދެއްވައިފަ އެވެ.

އެކަމަކު، އޭރު ވެސް އެތައް ބަޔަކު ސުވާލު ކުރަމުން ދިޔައީ މިހާ ބޮޑު މަޝްރޫއުއެއް ހިންގާ ފެންވަރުގެ މާލީ ތަނަވަސްކަން އަންމަޓީ އާއި ސީ ލައިފަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބަކީ، އޭރު ހާމަވި ބައެއް މައުލޫމާތުތަކަށް ބަލާއިރު، ޔޫއޭއީގެ ބަޔަކާ ގުޅިފައި އޮތުމެވެ.

އެކަމަކު މާޗު 13، 2014 (13 އަކީ ރައީސް ޔާމީނާ ގުޅޭ ބައެއް ކަންކަމުގެ "ނަސީބު ނަންބަރެ"ވެ.) ގައި އެޗުޑީސީއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގައި އެޕާޓްމަންޓާއި ޝޮޕިން މޯލާއި ފުޑް ކޯޓު ހިމެނޭ ގޮތަށް ހަދަން ހަވާލުކުރި މަޝްރޫއު މިހާރު ފެންނަނީ ދަބަރުޖަހާފައި ހުރި ދަގަނޑުތަކެއްގެ ގޮތުގަ އެވެ.

ސީ ލައިފަށް ދިން ބޮޑު ބިމުގެ އުތުރުކޮޅުގައި ހަދަން އުޅުނު ފުރަތަމަ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ ފައުންޑޭޝަން އަޅާފައިވެ އެވެ. އެކަން ކުރީ މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭރު އަންމަޓީ ބުނީ މަސައްކަތް ނުފެށި ތިން އަހަރެއްހާ ދުވަސް ހޭދަވީ އެޗުޑީސީން ލިބެން ޖެހޭ ހުއްދަތަކެއް ނުލިބިގެން ކަމަށެވެ. އެ ހުއްދަތައް މިދިއަ އަހަރުގެ ޖޫން މަހު ލިބުމާ އެކު މަސައްކަތް ފެށި ކަމަށް އޭނާ ބުނެފައިވެ އެވެ.

އެކަމަކު މިހާރު އެ ފައުންޑޭޝަން އޮތީ ހަލާކުވާން ދޫކޮށްލައިފަ އެވެ. މުޅި ސަރަހައްދު ފަޅުކޮށެވެ. ފައުންޑޭޝަނަށް ކޮނުނު ތަނުން ނެގި ފަސްތަކުން ހެދިފައިވާ "ވެލި ފަރުބަދާގައި" ގަސްފަޅާ، މާ ވެސް އަޅައިފަ އެވެ. އެ ކޮށީގެ ދެކުނު ކޮޅުގައި "ހަލާކުވެފައި" ދެ ހައިމާކު އޮތެވެ. ޕްލާސްޓިކް ހޮޅިތަކެއް ވެސް ހުއްޓެވެ.

ކޮށީގެ ވަށައިގެން ޖަހާފައި ހުރި ޓިނު ފާރުގައި، ތަނުގެ ޑިޒައިންނާއި އެހެން ބައެއް ފޮޓޯތައް، ބޮޑުކޮށް ހަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވެސް ފެންނަ ބޮޑު ފޮޓޯއެއް ހިމެނެ އެވެ. ގިނަ ދުވަސްވެ، އެ ފޮޓޯތަކުގެ ކުލަ ވެއްޓިފައި ހުރުމުން، ސިފަވަނީ، އެ ދެ ބޭފުޅުންގެ ސިޔާސީ ހަޔާތްޕުޅުގެ ކުލަ ވެސް މި ސަރުކާރާއި، ސީ ލައިފްގެ މަކަރާއި ހީލަތުގައި ވެއްޓެމުން ދާ ތަނެވެ.

ސީލައިފަށް ދިން ބިމުގައި ހަރުކޮށްފައިވާ މި ފޮޓޯއިން އެ ފެންނަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، ސްރީ ލަންކާގެ އިސް ބޭފުޅަކާ ސަލާންކުރައްވަނީ

ސީލައިފަށް ދިން ބިމުގައި ހަރުކޮށްފައިވާ މި ފޮޓޯއިން އެ ފެންނަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، ސްރީ ލަންކާގެ އިސް ބޭފުޅަކާ ސަލާންކުރައްވަނީ

މިހާރު ޔަގީނާ ގާތަށް ވެސް އެނގޭ ކަމަކީ ސީ ލައިފްގެ މަޝްރޫއަކީ ބޮޑު އޮޅުވާލުންގަނޑެއް ކަމެވެ. އެކަމުގައި އެޗުޑީސީގެ ރޯލާއި ސަރުކާރުގެ އިހުމާލު ވެސް ހިމެނޭނެ ކަމެވެ. ސީ ލައިފަށް ދިން ވަރުގެ ބިމެއް އޭގެ ކުރިން ދީފައި އޮތީ އަމިން ކޮންސްޓްރަކްޝަނަށެވެ. އެކަމަކު، އެ ކުންފުނިން ވަނީ އަމީން އެވެނިއުގެ ނަމުގައި ބޮޑު ތިން ޓަވަރު ހަދައި، ނިންމައިފަ އެވެ.

އަންމަޓީގެ ކުންފުންޏަށް 3،000 އެޕާޓްމަންޓް ހަދަން އެޗުޑީސީން އެހާ ބޮޑު ބިމެއް ދިނީ ކޮން ޔަގީންކަމެއް އޮވެގެން ކަމެއް، ސަރުކާރުން ކިހާ ބޮޑު މަޖުބޫރެއް ކޮށްގެންކަމެއް ސާފެއް ނޫނެވެ. އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން މުހައްމަދު ސައިމަން ވަކިކުރުމުގެ މަހެއްހާ ދުވަސް ކުރިން، އެ ސުވާލު ކުރުމުން އޭނާ ޖަހާލެއްވީ ހިނިގަނޑެކެވެ. އޭނާ އެ ދުވަހު ދެއްކެވި ބައެއް ވާހަކަތަކުން ދޭހަވީ ސީލައިފާ ދެކޮޅަށް އެޗުޑީސީއަށް މާ ބޮޑު ކަމެއް ކުރެވެން ނެތް ކަމެވެ.

އެކަމަކު 200 އަށް ވުރެ ގިނަ ދިވެހިން ސީ ލައިފްގެ ފަހަތުން މިހާރު އެ ދުވަނީ އެމީހުން ދެއްކި ލާރި އަނބުރާ ހޯދާށެވެ. އެތަނުން އެޕާޓްމަންޓް ގަންނަން އެތައް ބަޔަކު ރަޖިސްޓްރީ ފީގެ ގޮތުގައި 50،000ރ ދައްކާފައިވެ އެވެ. ހަމައެކަނި ރަޖިސްޓްރީ ފީއަށް ވެސް އޭރު މަދުވެގެން 14 މިލިއަން ރުފިޔާ، ސީ ލައިފަށް ލިބިފައިވާނެ ކަމަށް ބެލެވެ އެވެ.

އޭގެ އިތުރުން ބައެއް މީހުން ވަނީ އެޕާޓްމަންޓްގެ ޑައުންޕޭމަންޓަށް ވާ 20 ޕަސެންޓް ވެސް ދައްކައިފަ އެވެ. އެގޮތުން ބައެއް މީހުން ސީ ލައިފަށް ދެއްކި ފައިސާގެ އަދަދު 400،000ރ އަށް ވުރެ މައްޗެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ތިން އަހަރެއްހާ ދުވަސް ވުމުން، ބައެއް މީހުން އާދޭސްކޮށް، ފަހަތުން ދުވެގެން ރަޖިސްޓްރީ ފީ އަތުލި އެވެ. އެކަމަކު މިހާރު ވެސް 180 އަށް ވުރެ ގިނަ މީހުން އުޅެނީ ފައިސާ ނުލިބި، ކޯޓަށް ދިއުމަށެވެ. އެމީހުންގެ ހައްގުގައި ހިލޭސާބަހަށް ބައެއް ވަކީލުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެ ވަކީލުން އިއްޔެ ބުނެފައި ވަނީ ސީ ލައިފުން ދޭން ޖެހޭ ފައިސާގެ މިންވަރު 20 މިލިއަން ރުފިޔާއަށް މަތި ކަމަށެވެ.

ސީލައިފަށް ދިން ބިން މަސައްކަތެއް ނުހިންގާ ހުސްކޮށް، ފަހަތުން އެ ފެންނަނީ މިހާރު މީހުން ދިރިއުޅެމުން އަންނަ އަމީން އެވެނިއު.

ސީލައިފަށް ދިން ބިން މަސައްކަތެއް ނުހިންގާ ހުސްކޮށް، ފަހަތުން އެ ފެންނަނީ މިހާރު މީހުން ދިރިއުޅެމުން އަންނަ އަމީން އެވެނިއު.

185 މިލިއަން ރުފިޔާގެ ބަދަލެއް!

ސީ ލައިފަކީ އެކި ސަރުކާރުތަކާ އެކު އެއްބަސްވުންތަކެއް ހެދި ކުންފުންޏެކެވެ.

އެމްޑީޕީ ސަރުކާރު އޮތް އިރު ހައުސިން ޔުނިޓްތަކެއް އެޅުމުގެ ބަދަލެއްގެ ގޮތުން، ލަގުޒަރީ ވިލާތަކެއް ހަދަން ވ. ތިނަދޫން ބޮޑު ބިމެއް ދޭން އޭރުގެ ސަރުކާރުން އެއްބަސްވުން އެކުލަވާލި އެވެ. އެމްޑީޕީ ސަރުކާރުން ގެންގުޅުނު އެއް ސިޔާސަތަކީ ސޯޝަލް ހައުސިން ސްކީމެއްގެ ގޮތުގައި ބައެއް ރަށްރަށުގައި ހައުސިން ޔުނިޓް ނުވަތަ ފެނާއި ނަރުދަމާ ފަދަ މަޝްރޫއެއް ހިންގުމުގެ ބަދަލެއްގެ ގޮތުން، ޓޫރިޒަމްގެ ކަންކަމަށް ބިމާއި ރަށްރަށް ދޫކުރުމެވެ.

އެ ސިޔާސަތުގެ ދަށުން ސީ ލައިފަށް ވ. ތިނަދޫން ބޮޑު ބިމެއް ދޭން އެއްބަސްވެފައި އޮތީ 80 ހައުސިން ޔުނިޓް ހަދައިދޭ މަތިންނެވެ. އެކަމަކު އެ ހައުސިން ޔުނިޓްތައް ހަދަނީ ކޮން ރަށެއްގައި، ކޮން އިރަކު ކަމެއް ވެސް ނޭނގެ އެވެ.

އޭރުގެ ސަރުކާރާ އެކު އެއްބަސްވުމެއް އޮތަސް، ތިނަދޫ ކައުންސިލުން ސީ ލައިފަށް ބިމެއް ނުދިނެވެ. ދެން ވީ އެހެން ގޮތެކެވެ. ސީ ލައިފަށް ލިބުނު "ބޮޑު ގެއްލުމު"ގެ ބަދަލެއްގެ ގޮތުން މި ސަރުކާރުން ނިންމީ 185 މިލިއަން ރުފިޔާ ދޭށެވެ!

މި އަހަރުގެ ފެބްރުއަރީ 26 ގައި ހެދި ސެޓުލްމެންޓް އެގްރީމެންޓްގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރުު އިބްރާހިމް ނަޒީމެވެ. ސީ ލައިފްގެ ސޮއިގެ ވެރިޔަކީ ހަމަ އަންމަޓީ އެވެ.

ސީ ލައިފަށް އެހާ ބޮޑު އަދަދެއްގެ ފައިސާ ދޭން މި ސަރުކާރުން ނިންމީ ތިނަދޫން ބިން ނުލިބުމާއި އެ ކުންފުނިން އޭރު 3.5 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ހޭދަކޮށްފައިވުމާ އެކު، ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުންނެވެ. އެކަމަކު ސީ ލައިފުން އެވަރުގެ ބޮޑު އަދަދެއް ހޭދަކުރީ ކޮން ރަށެއްގައި، ކޮން ހައުސިން ޔުނިޓްތަކެއް އަޅަންކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ސީ ލައިފުން އެތައް ބަޔަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނަގާފައި އޮތް ދަނޑިވަޅެއްގައި އެހާ ބޮޑު އަދަދެއްގެ ބަދަލެއް ދޭން ސަރުކާރުން ނިންމުމުން، ފަހަތުގައި އޮތީ ކޮން މަސްލަހަތުތަކެއްތޯ ވެސް ސުވާލު އުފެދެ އެވެ. އެއީ އަނެއްކާ "ފައިސާ ނެތި" ހުޅުމާލޭގައި ހިންގަން އުޅޭ މަޝްރޫއުއަށް ސަރުކާރުގެ ތެރެއިން ސީ ލައިފަށް އެހީވާން ކުރި ކަމެއް ބާވަ އެވެ؟

އެކަމަކު ފިނޭންސް މިނިސްޓްރީން އެ ފައިސާ ސީ ލައިފަށް ދީފައެއް ނުވެ އެވެ.

ބައެއް މީހުން ބުނާ ގޮތުގައި އަންމަޓީ މިހާރު ދިރިއުޅެނީ ސްރީ ލަންކާގަ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ އަކީ ރާއްޖޭގައި ވަރަށް ނާޒުކު، އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަމެކެވެ. ސަރުކާރުން ބައެއް ކުންފުނިތަކަށް ބޮޑެތި ބިންތައް ދޭ އިރު އެ ކުންފުނިތަކުން އެއްބަސްވުމާ އެއްގޮތަށް ކަންކަން ކުރޭތޯ ބަލާނެ ރަނގަޅު ނިޒާމެއް ނެތެވެ. ހުޅުމާލޭގައި އެއްމެދު އިމާރާތްތައް އަޅަމުން އަންނަ އިރު، ކަސްޓަމަރުންނާއި ކުންފުނިތަކާ އެކު ހަދާ އެއްބަސްވުންތަކާ އެއްގޮތަށް ކަންކަން ކުރިޔަކަށް ނުދެ އެވެ. އޭގެ ސަބަބުން އާންމުންނަށް މާލީ ގޮތުން ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ އެވެ.

ސީ ލައިފާއި އަންމަޓީއަކީ އޭގެ މިސާލެކެވެ. ސަރުކާރާއި ކަމާ ބެހޭ ފަރާތްތަކަށް އޭނާއާ ދެކޮޅަށް ފިޔަވަޅެއް ނޭޅިގެން މި އުޅެނީ ކީއްވެގެން ކަމެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެ އެވެ.