Roadha Mihaaru
ބޮޑު ހަތަރު ކުންފުންޏެއްގެ އެމްޑީން އިސްތިއުފާއެއް ނުދޭ

ބޮޑު ހަތަރު ކުންފުންޏެެއްގެ އިސް ވެރިން އިސްތިއުފާއެއް ނުދެއްވާ!

19 ނޮވެމްބަރ 2018

ސަރުކާރުގެ ހަތަރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަމަށް ކުރީގެ ސަަރުކާރުން އައްޔަންކުރި ހަތަރު މެނޭޖިން ޑިރެކްޓަރަކު އަދިވެސް އިސްތިއުފާ ނުދެއްވައި އޮފީހަށް ނުކުމެވަޑައިގަންނަވާކަން "މިހާރަ"ށް އެނގިއްޖެ އެވެ.

ސަރުކާރުގެ ހަތަރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަމަށް ކުރީގެ ސަަރުކާރުން އައްޔަންކުރި ހަތަރު މެނޭޖިން ޑިރެކްޓަރަކު އަދިވެސް އިސްތިއުފާ ނުދެއްވައި އޮފީހަށް ނުކުމެވަޑައިގަންނަވާކަން "މިހާރަ"ށް އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ވެމްކޯގެ އެމްޑީ މުހައްމަދު ޝިފާއު އާއި އައިލެންޑް އޭވިއޭޝަންގެ އެމްޑީ އަބްދުލް ހާރިސް އާއި ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު އަދި އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް މިއަދު ވެސް އޮފީހަށް ނިކުމެވަޑައިގެންފައިވެ އެވެ. އެކަމަކު އެހެން ހުރިހާ ކުންފުނިތަކެއްގެ ސީއީއޯ އިންނާއި އެމްޑީން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި އިސްތިއުފާ ދެއްވައިފަ އެވެ.

ހާރިސް ވިދާޅުވީ އޭނާ އަކީ ހުރިހާ ސަރުކާރެއްގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި އައިލެންޑް އޭވިއޭޝަންގައި 33 އަހަރު ހޭދަކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ސްރީ ލަންކާ އާއި އިނގިރޭސިވިލާތުގައި މަތީ ތައުލީމް ހާސިލްކުރައްވަން ހޭދަކުރެއްވި ފަސް އަހަރު ނޫނީ، އޭނާ އުޅުއްވާފައި ވަނީ، ހާރިސް ވިދާޅުވި ގޮތުގައި، އައިލެންޑް އޭވިއޭޝަންގެ ޚިދުމަތުގަ އެވެ.

"އަޅުގަނޑަކީ ވަކި ޕާޓީއެއްގެ މީހެއް ނޫން. މުޅި ލައިފް މި ހޭދަކުރީ މި ކަމުގައި. އެކަމަަކު ސަރުކާރުން އެހެން ލީޑާ ޝިޕެއް މިތަނަށް ފޮނުވީމަ އަޅުގަނޑު ސަޕޯޓް ދޭނަން،" ހާރިސް ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގެ ހާރިސް (ކ) -- ފައިލް ފޮޓޯ؛ މިހާރު

އައިލެންޑް އޭވިއޭޝަންގެ ހާރިސް (ކ) -- ފައިލް ފޮޓޯ؛ މިހާރު

"އަޅުގަނޑު 33 އަހަރު ކުރިން ސްކޫލުގައި ހުއްޓާ މިތަނަށް ގެނައީ ވެސް ސަރުކާރުން. އެހެންވެ އަޅުގަނޑާ ބެހޭ ގޮތުން ދެން ވެސް ގޮތެއް ނިންމާނީ ސަރުކާރުން."

ސްޓެލްކޯގެ ސީއީއޯ ޒުހޫރު ވިދާޅުވީ އޭނާ ހުންނެވީ ސިޔާސީ މަގާމެއްގައި ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ސްޓެލްކޯ އަށް ވަޑައިގެން ރައީސް އިބްރާހިމް މުހަންމަދު ސޯލިހު އަޅުގަނޑާ ވާހަކަ ދެއްކެވި ދުވަހު ވެސް ވިދާޅުވީ ސިޔާސީ މަގާމުތަކުގެ ބޭފުޅުން ވަކިވެވަޑައިގަންނަވާށޭ ޖެހޭނީ. އެކަމަކު އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑު މިހުރީ ސިޔާސީ މަގާމެއްގައި ކަމަކަށް،" މިނިސްޓަރުގެ ފެންވަރުގައި އައްޔަންކުރެއްވި ހަމައެކަނި ސީއީއޯ ވިދާޅުވި އެވެ.

"ސިޔާސީ މަގާމުތަކަކީ ފަތްކޮޅު ދެއްވާ މަގާމްތަކެއް."

ރައީސް އަބްދުﷲ ޔާމީނާ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ޒުހޫރު ސްޓެލްކޯ އަށް ލެއްވި، މިނިސްޓަރެއްގެ ފެންވަރުގަ އެވެ. އޭނާއަށް ދިދަ ޖެހި ކާރެއް ވެސް އޭރު އޮތެވެ.

ޒުހޫރު ވިދާޅުވީ ސްޓެލްކޯ ކޮޅަށް ޖަހަން އޭނާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފި ކަމަށާއި މި ދަނޑިވަޅު ކުންފުނި ދޫކޮށްލައްވާފައި ވަޑައިގަންނަވަން ބޭނުން ނޫން ކަމަށެވެ. އަދި އެއީ ޒިންމާދާރު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެލައިޑްގެ އެމްޑީ އަމީލް ވިދާޅުވީ އެ ކުންފުނީގައި 24 އަހަރު ހޭދަކުރެއްވުމަށް ފަހު 2013ގައި އެމްޑީ ކަމާ ހަވާލުވެވަޑައިގަތީ އޭރު ކުންފުނީގެ އެމްޑީއަކަށް ހުންނެވި އަބްދުލްވާހިދު އެ މަގާމުން އިސްތިއުފާ ދެއްވުމުން ކަމަށެވެ.

"އަޅުގަނޑު މި ވަޒީފާ އަށް އައްޔަން ކުރީ އެސްޓީއޯ އިން،" އިންޝުއަރެންސް ދާއިރާ އިން މަތީ ފެންވަރަށް ކިޔަވާ ވިދާޅުވެފައިވާ މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަމީލް ވިދާޅުވި އެވެ.

އަމީލް (ވ) -- ފައިލް ފޮޓޯ: މިހާރު

އަމީލް (ވ) -- ފައިލް ފޮޓޯ: މިހާރު

"އެލައިޑަކީ އަޅުގަނޑު މިތަނަށް ވަން އިރު އެންމެ ފަސް މީހުން ވަޒީފާ އަދާކުރި ތަނެއް. މި ހިސާބަށް އެލައިޑް މި އައީ އަޅުގަނޑުގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެން."

އޭނާ ވިދާޅުވި ގޮތުގައި އެހެން ކުނފުނިތަކާ ހިލާފަށް އެލައިޑަކީ ޓެކްނިކަލް ކުންފުންޏެކެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މީހަކު ނެތި އެލައިޑް ދޫކޮށްލައިފައި ދިއުން އެއީ އެންމެ ރީތި ގޮތް ނޫން ކަމަށް. މިތަނަށް މީހަކު ލާ ނަމަ އެ ބޭފުޅަކު ވަޑައިގަތުމުން އެ ބޭފުޅަކާ އިންޝުއަރެންސް ޕާޓްނަރުންގެ މައުލޫމާތުތައް ދީ، ރީތި ގޮތުގައި ކުންފުނި ހަވާލުކޮށްފައި ދާނީ،" އަމީލް ވިދާޅުވި އެވެ.

ވެމްކޯއިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަގާމުން އިސްތިއުފާ ނުދެއްވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ޓްރާންސިޝަނަލް ކޮމިޓީގެ ލަފާގެ މަތިން ކަމަށެވެ. އެގޮތުން، އާ ބޭފުޅަކު އެ މަގާމާ ހަވާލުވެވަޑައިގަންނަވަންދެން ހުންނެވުމަށް ޝާފިއުއަށް ޓްރާންސިޝަނަލް ކޮމިޓީން ލަފާ ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިހާރު ވަނީ އިސްތިއުފާ ދެއްވައި، ކުންފުނީގައި އޮންނަ ރިޓަޔަމެންޓް ޕެކޭޖް ނަންގަވައިފަ އެވެ. މި ދެ ބޭފުޅުންގެ މަސައްކަތުގެ މުޅި އުމުރު ހޭދަކުރެއްވީ އެ ދެ ކުންފުނީގަ އެވެ.

ސަރުކާރު ކުންފުނިތަކަށް ރައީސް އައްޔަން ކުރައްވާފައިވާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް މި ސަރުކާރަށް ތާއީދުކުރައްވާ ސިޔާސީ ބޭފުޅުން ގެންދަވަނީ ގޮވާލައްވަމުންނެވެ.

ސިޔާސީ މަގާމުތަކަށް ކުރީގެ ރައީސް ޔާމީން އައްޔަން ކުރެއްވި ބޭފުޅުންނަށް އާ ސަރުކާރުން މިހާރު ވަނީ ނޯޓިސް ދީފަ އެވެ. އެކަމަކު ކުންފުނިތަކުގައި ތިބި ސިޔާސީ މުވައްޒަފުންނަކަށް އަދި ނޯޓިސްއެއް ނުދެ އެވެ.