Roadha Mihaaru
ޗައިނާއަށް ބަދުބަސް ބުނުން ރަނގަޅެއް ނޫން: މޫސަ

ސިޔާސީ ޒުވާބުގައި ޗައިނާއަށް ބަދުބަސް ބުނުން ރަނގަޅެއް ނޫން

21 ނޮވެމްބަރ 2018

ސިޔާސީ މީހުން ކުރާ ޒުވާބުގައި ޗަައިނާ އަށ ބަދުބަސް ބުނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިޔާސީ މީހުން ކުރާ ޒުވާބުގައި ޗަައިނާ އަށ ބަދުބަސް ބުނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މޫސާ މަނިކު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭގެ ސަބަބަކީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީ އަށް ވަރަށް ބޮޑަށް އެހީތެރިވާ ގައުމަކަށް ވާތީ ކަމަށެވެ.

"ޗައިނާއަކީ ރާއްޖޭގެ ތަރައްގީ އަށް ވަރަށް ބޮޑަށް އެހީވާ ގައުމަކަށް ވާއިރު އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ 45 ޕަސެންޓް ޗައިނާގެ ފަތުރުވެރިން ހިއްސާކުރަމުން ދާއިރު ސިޔާސީ މީހުން ހިތްހަމަނުޖެހިގެން ކުރާ ޒުވާބުގައި ޗައިނާ އަށް ބަދުބަސް ބުނުން ރަނގަޅެއް ނޫން،" މޫސަ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.

މޫސާ މަނިކުގެ ޓްވީޓް އަމާޒުކުރެއްވީ ސީދާ ކޮން ބޭފުޅަކަަށް ކަމެއް ނޭނގެ އެވެ. ނަމަވެސް ފަހަކަށް އައިސް އެބޭފުޅަކަށް އޭނާ ފާޑުވިދާޅުވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވަނީ ޗައިނާ އަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ.

ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުން އޮތީ ވަރަށް ބޮޑަށް އެއްފަރާތަށް ޖެހިފައި ކަމަށެވެ.

"މިނިވަން ވިޔަފާރީގެ އެއްބަސްވުން އޮތީ ވަރަށް ބޮޑަށް އެއް ފަރާތަކަށް ޖެހިފައި. އަދަދުތައް ދިމައެއް ނުވޭ،" ނަޝީދު ވިދާޅުވެފައިވެ އެވެ.

އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކައި ހަދަން ޖެހޭ ގާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސް ނުކުރާނެ ކަަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދުގެ މި ފަހަރުގެ ވާހަކަފުޅުތަކަށް ޗައިނާ އިން އަދި ރައްދެއް ނުދެ އެވެ. ނަމަވެސް މީގެ ކުރިން އެ މަނިކުފާނު ދެއްކެވި ބައެއް ވާހަކަފުޅުތަކަށް އެ ގައުމުން ވަނީ ރައްދު ދީފަ އެވެ. އެގޮތުން ޗައިނާގެ ދަރަނީގެ މަޅިއަކަށް ރާއްޖެ ވެއްޓެމުންދާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ރައްދުދީ، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާހަކަ ދެއްކެވި އެވެ.

ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެ ގައުމުން ސޮއިކުރީ ކުރީގެ ރައީސް ޔާމީން މިދިޔަ ޑިސެމްބަރު މަހު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ވަރަށް އަވަސް އަރުވާލައިގެންނެވެ.