Roadha Mihaaru
ފެނާއި ނަރުދަމާގެ މަސައްކަތަށް ތިން އަހަރުގެ އަމާޒެއް

ތިން އަހަރު ތެރޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށޭނެ: ރައީސް

01 ޑިސެމްބަރ 2018

އަމާޒަކީ ވެރިކަމުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ފެށުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކ. ދިއްފުށީގައި، މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަމާޒަކީ ވެރިކަމުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ފެށުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކ. ދިއްފުށީގައި، މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްކަމާ ހަވާލުވެވަޑައިގެން ރަށަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ދިއްފުށީގެ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި މިވަގުތު ފެނުގެ ހިދުމަތް ގާއިމްކޮށްފައިވާނީ 34 ރަށުގައި ކަމަށެވެ. އަދި ނަރުދަމާގެ ނިޒާމު ފުރިހަމަކޮށްފައި ވަނީ 66 ރަށެއްގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތަކުގެ މިންވަރު މަދު ކަމަށެވެ. މިއީ އެކަން ވެގެންވާނެ ގޮތް ނޫން ކަމަށާއި އެ މައްސަލައަށް އަވަސް ހައްލުތަކެއް ގެންނަން އަންނަ އަހަރުގެ ބަޖެޓުގައި ވެސް ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ހިމަނާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރަން ބަޖެޓުގައި ޖުމްލަ 102 މިލިއަން ޑޮލަރު، (1.5 ބިލިއަން ރުފިޔާ) އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން 72 ރަށުގެ ނަރުދަމާ އާއި 56 ރަށުގެ ފެނުގެ ނިޒާމު ގާއިމްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަމާޒަކީ ވެރިކަމުގެ ތިން އަހަރު ނިމޭ އިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާގެ ހިދުމަތް ފެށުން. އިރާދަކުރެއްވިއްޔާ މި ކަންތައްތައް ކުރެވިގެންދާނެ. މިކަން ކުރުމުގައި އަމިއްލަ ވިޔަފާރިވެރިންގެ އެހީތެރިކަން ވެސް އަޅުގަނޑުމެން ބޭނުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ދާއިރާތަކުން އެހީތެރިވާން ވިޔަފާރިވެރިން ތައްޔާރަށް ތިބި އިރު އެ މީހުންނަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ މަގު ތަނަވަސް ކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދިއްފުށީގައި ފެށި ފެނާއި ނަރުދަމާގެ ހިދުމަތާ އެކު ރައްޔިތުންނަށް ފަސޭހަވެ، އިގްތިސާދީ ގޮތުން ރަށް ތަރައްގީވާން މަގުފަހި ވެގެންދާނެ ކަމަށެވެ.

ދިއްފުށީގައި ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) ހޭދަކޮށްގެން ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދިނީ ޗަމްޕާ އާއިލާއަށް ނިސްބަތްވާ އަލިފުޅު ތުއްތު ފައުންޑޭޝަން އާއި އެރަށާ ޖެހިގެން އޮންނަ މީރުފެންފުށި ރިސޯޓް ގުޅިގެންނެވެ.